ފިތުރު އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ޕްރޮގްރާމު ކުރިއަށްގެންދާނީ މިމަހުގެ 28 އިން 30 ވަނަ ދުވަހަށް އަދި އަންނަ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމުގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމު، މާލޭގެ ބަނދަރު ސަރަހައްދުގައި ރޭ ފަށާފައިވާ އިރު، ބަލައި ފާސްކުރުމަށް ތާވަލުކުރެވިފައިވާ ދުވަސްތަކުގެ އެކި ވަގުތުތަކުގައި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފިތުރު އީދަށް ގިނަ ބަޔަކު ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަން ފަށައިފައެވެ. ފިތުރު އީދުގެ ޗުއްޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް އާއިލާއާއި ރަހުމަތްތެރިން ކައިރިއަށް ދަތުރު ކުރަމުންދާ ދުވަސްވަރެއް ކަމުން، ކަނޑުމަގުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.