މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯން ތަކުގެ އެޑްމިނިސްޓްރޭޝަން ފީ އެއް ޕަސެންޓަށް ކުޑަކޮށްފިއެވެ.
ސްޓޫޑެންޓް ލޯނުތަކުގެ އެޑްމިނިސްޓްރޭޝަން ފީއަކަށް ކުރިން ނަގަމުން އައީ ތިން ޕަސެންޓެވެ. އެ އަދަދު އެއް ޕަސެންޓަށް ކުޑަކުރީ އިއްޔެއެވެ.
މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑެންޓް ލޯނުތަކުގެ އިދާރީ ފީ، އެއް ޕަސެންޓަށް ކުޑަކުރުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކިޔަވައި ނިމިގެން އެނބުރި އައިސް އެއްބަސްވެފައިވާ ގޮތަށް ފައިސާ އަނބުރާ ދެއްކުމުގެ ކަންކަން ޒިންމާދާރު ކަމާއެކު ކުރިއަށްގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ލޯނު ލިބޭ ދަރިވަރުން ލޯނު ފައިސާ ދައްކައިގެން މެނުވީ މުސްތަގުބަލުގައި އިތުރު ފަރާތްތަކަށް ގިނަ ލޯނުގެ ފުރުސަތުތައް ފަހި ނުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހުރިހާ ސްޓޫޑެންޓް ލޯނެއްގެ އެޑްމިނިސްޓްރޭޝަން ފީ އެއް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެން، އެކަމާ ގުޅުންހުރި އިދާރީ މަސައްކަތްތައް މިނިސްޓްރީން މިހާރު ވަނީ ފަށައިފައެވެ.
މިނިސްޓްރީން ބުނީ ލޯނު ނަގާފައިވާ ހުރިހާ ދަރިވަރުންނަށް ލޯނަށް ގެނެވުނު ބަދަލު ލިޔުމަކުން އަންގަމުން ގެންދާނެ ކަމަށެވެ. އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާނަމަ، މި ހިދުމަތައް އެދެން ބޭނުން ފަރާތްތަކުން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އައިޑީ ކާޑު ކޮޕީއާއެކު ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.
ރާއްޖޭގައި މިވަގުތު ސްޓޫޑެންޓް ލޯނުގެ ދަށުން 9،054 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ ޖޫން މަހުގައިވެސް ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީ ވަނީ ކުޑަކޮށްދީފައެވެ. އެ ފަހަރު އެޑްމިނިސްޓްރޭޝަން ފީ ވަނީ ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު