ގދ. ތިނަދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވެވޭނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ 8 އިން 26 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން، އަންނަ މަހުގެ 8 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރު ދައްކަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތެއް ކަމަށް ކަނޑައަޅާފައިވަނީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.