ޚަބަރު

އދ. ގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރުނަމާދު ކުރައްވާނީ ޝާހިދު

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮންމެ ހުކުރު ދުވަހަކު އދ. ގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އދ. ގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރާ ކަމަށެވެ.

އެ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ މިނިސްޓަރު ޝާހިދު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނިއުޔޯކްގައި ހުކުރު ނަމާދު ކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ 10:00 އަށެވެ.

މިއީ މިނިސްޓަރު ޝާހިދު، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އދ. ގެ އާއްމު މަޖިލީހުގެ ރައީސަކު އެ ޖަމްއިއްޔާގެ މައި އިދާރާގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރެވެ.