ކުޅިވަރު

މިސްޓަ އޭޝިއާގެ މަގާމު ހޯދި ވޮން، ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗަކަށް

މީގެ ކުރިން މިސްޓަ އޭޝިއާގެ މަގާމު ހޯދާފައިވާ މެލޭޝިއާގެ ވޮން ހޮންގް، ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފިއެވެ.

ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ތަމްރީނުތަކާ ހަވާލުވުމަށް ވޮން ވަނީ މިއަދު ރާއްޖެ އައިސްފައެވެ. ގައުމީ ބޮޑީ ބިލްޑިން ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖުލައި މަހު ކ.މާފުށީގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ވޮން ވަނީ 1999 ވަަނަ އަހަރު މިސްޓަ އޭޝިއާގެ މަގާމު ހޯދައިފައެވެ. އަދި 1996 އާއި 1999 ވަނަ އަހަރު މިސްޓަ މެލޭޝިއާއަށް ހޮވުނު ވޮން ވަނީ 2002 ވަނަ އަހަރު އެމެރިކާގައި ވެސް ޝަރަފުވެރި ވަނަތަކެއް ހޯދައިފައެވެ. އެ ގޮތުން ބަލާއިރު ވޮން ވަނީ އެމެރިކާގެ ނިއުޔޯކްގެ އެންޕީސީ ނިއުޔޯކް މެޓްރޮޕޮލިޓާން އޯވަރޯލް ޗެމްޕިއަންކަމާއި އެންޕީސީ އީސްޓާން މުބާރާތުގެ އޯވަރޯލް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

ހިއުމަން ނިއުޓްރިޝަން އެންޑް ފުޑް ސައިންސް އިން މާސްޓާ ޑިގްރީ ހާސިލްކޮށްފައިވާ ވޮން ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު ބޮޑީބިލްޑަރުން ޓްރެއިން ކުރުމުގައި ހަރަކާތްތެރިވެފައެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފައެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ބީބީއެމްއިން މައުލޫމާތު ދޭގޮތުގައި މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭން 20 އެތުލީޓުން ވާދަކުރާނެއެވެ.