މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާތީ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ކުރިއަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށްވާތީ، ރާއްޖޭގެ އެކި ހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

  • މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުންކުރުން
  • އިރުއޮއްސޭ ވަގުތާއި ހަވީރު ވަގުތުގައި ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން

އެޗްޕީއޭއިން ބުނީ، ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި މާބަނޑުއިރު ޑެންގީ ޖެހުމުން ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ކުރާ ކަމަށްވެސް ބުންޏެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ، ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައް (ކުޑަކަމުދެވޭ މިންވަރު މަދުވުން، އާދަޔާ ހިލާފަށް ވަރުދެރަވުން، ބަނޑުގައި ރިއްސުން، ކުޑަކުދިންނަށް ކައިރިން ނުބޮވުން) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.