އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ބުނީ، މިމަހު 21 ވަނަ ދުވަހު، ރައީސް ސޯލިހު ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން އެންގެވީ، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމާ ގުޅިގެންނެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ، އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ހާއްސަކޮށް އެ ހަރަކާތަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް، ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަަށްވެސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، ފޫނުބެއްދޭވަރުގެ ބުރައެއް، ދިވެހި ރައްޔިތުން އުފުލަން ޖެހި، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށެވެ.

ގަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

"ދައުލަތުގެ ފުދުންތެރިކަމާއި ފާގަތި ކަމަށާއި، ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމަށް ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިންތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރާއްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަންޖެހޭ ހަރަކާތްތަކެއް ކަމުގައި ގައުމީ ސަލާމަޓާބެހޭ މަޖިލީހުން ނިންމާފައިވޭ،" ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

އަދި ގާނޫނުލްއުގޫބާތުގެ 124 މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގެ ދަށުން އެފަދަ ކަންކަމަކީ، ރާއްޖޭގައި ޖިނާއި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުން، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، ކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.