ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ މެންބަރުންނަށް ދިރާގުން ހިލޭ މޯބައިލް ޑޭޓާ ފޯރުކޮށްދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، އެ ޖަމިއްޔާގެ މެންބަރުންނަށް ހިލޭ ޑޭޓާ ފޯރުކޮށްދޭން ނިންމީ، އެ ޖަމިއްޔާއަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެއް ކަމަށްވެފައި، އެ ޖަމިއްޔާއިން އަންނަ މަހުގެ ތެރޭގައި ގުރުއާން މުބާރާތަކާއި ދިނީ ހަރަކާތްތަކާއި އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ރާވަމުން އަންނާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާއަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ހިދުމަތްތަކެވެ. މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެން ދެއެވެ.
އެގޮތުން މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތްދިނުން ފަދަ ޕްރޮގުރާމްތައް ކުރިޔަށް ގެންދެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމްއިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން ފަދަ ކްލާސްތައްވެސް ކުރިއަށް ގެންގޮސްފައެވެ.
ދިރާގުން ބުނީ އެ ހިދުމަތް ފޮރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު