ޚަބަރު

އުމްރާއަށް ގޮސް އުޅުނު އޭދަފުށީ މީހަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ބ. އޭދަފުށީ މީހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އޭދަފުށީ, ބަގީޗާގޭ/ އަބޫބަކުރު ހަސަން (ބަކުރުބޭ), 76އ. އެވެ.

އޭނާގެ އާއިލާއާ ގާތް މީހަކު "ވަން" އަށް މިއަދު ބުނީ, ބަކުރުބެ ނިޔާވީ ހަރަމްފުޅުގައި ފަތިސް ނަމާދުކޮށްގެން އެނބުރި ހޮޓަލަށް ދިޔަތަނާ މެޔަށް ތަދެއް އަރައިގެން ނޭވާ ހާސްވެގެން އުޅުމަށްފަހު ކަމަށެވެ. އަދި ބަކުރުބެ އުމްރާއަށް ދިޔައީ އަންހެނުންނާއި ހުރިހާ ދަރިންނާއި ބައެއް ކާފަ ދަރިންނާވެސް އެކުގައި ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބަކުރުބެ އުމްރާއަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕާއެކުއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު "ވަން" އަށް މިއަދު ވިދާޅުވީ، ބަކުރުބެ އުމްރާއަށް ދިޔައީ އާއިލާގެ ހުރިހާ މެންބަރުންނާއެކުގައި ކަމަށާއި އެ އާއިލާގައި ގާތްގަނޑަކަށް އަށް މީހުން ދިޔަ ކަމަށެވެ.