ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކޮށްފައި ނުވާ ސްކީމެއްގައި އިންވެސްޓްކޮށްގެން ގެއްލުން ލިބިފައިވާ ފަރާތްތަކުން އެ އޮތޯރިޓީއާ އެކަން ހިއްސާކުރުމަށް އެދިއްޖެއެވެ.

ސީއެމްޑީއޭއިން މިހެން އެދިފައި މިވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ކޮއްކޮ، އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ ނަމުގައި، އާންމުންގެ އަތުން ފައިސާ ހޯދައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެތައް ބަޔަކަށް ގެއްލުން ލިބިފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ދެހާސް ހަވަނަ އަހަރު އެކުލަވާލި މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނާ ހަވާލާދީ ސީއެމްޑީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކޮށް، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭ ފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން ސެކިއުރިޓީޒް ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި ބިލް ނުވަތަ ބޮންޑާއި ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާއި ސްޓޮކާއި ހިއްސާ އާއި ބޮންޑާއި ނޯޓާއި މިއިން އެއްޗަކާބެހޭ ހައްގެއް، ވޮރަންޓެއް ނުވަތަ އޮޕްޝަނަކާއި އެ ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އެ އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމެއް ހިމެނެއެވެ.

އެގޮތުން، މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިހުރި، ގަވައިދުތަކުގެ ދަށުން، "ސެކިއުރިޓީޒް' މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓުކޮށް ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަަކުން ލިބޭ ފައިދާއިން ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލޫ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް، އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްމަންޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުއާމަލާތަކީ ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއް." ސީއެމްޑީއޭގެ ބަޔާނުގައިވެއެވެ.

ސީއެމްޑީއޭއިން ބުނީ، އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައުޓުން ލިބެން ހުންނާނެ ކަމަށާއި ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓުކޮށްގެން ގެއްލުމެއް ލިބިފައިވާ ނަމަ އެކަމުގެ ތަފްސީލް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ސީއެމްޑީއޭގެ ބަޔާނާއެކު، ކިންގް ފޮރެކްސް ޓްރޭޑިން އިން ވަނީ، އޮންލައިން ޓްރޭޑްކުރުމަށް އިންވެސްޓްމަންޓް ބަލައިގަތުން ހުއްޓާލައިފައެވެ.

އަލްހާންގެ ކިންގްސް ކުންފުނިން ހިންގި ސްކީމްގައި 2،000 އެއްހާ މީހުން ބައިވެރިވެފައިވާއިރު، ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އެ ސްކީމް ހިންގި "ކިންގްސް ކެޕިޓަލް ހޯލްޑިންގްސް"ގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓު ފްރީޒްކޮށް، މިދިޔަ މަހު ޖިނާއީ ތަހުގީގެއް ފަށާފައިވީ ނަމަވެސް، ފްރީޒްކުރި އެކައުންޓުގައި ހުރި ތިން މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް އަނބުރާ ދީފައެވެ. ނަމަވެސް އެ މައްސަލައިގައި އެކުންފުނިން، ވަނީ ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.