ލައިފް ސްޓައިލް

45 އަަހަރުވަންދެން އަތް މައްޗަށް އުފުލައިގެން ހުރުމުގެ ރެކޯޑް ގާއިމު ކުރި އަމަރްބަރާތީ

5

މީހަކު އޭނާގެ އަތް ތިރި ނުކޮށް މައްޗަށް ނަގައިގެން އިނުމުގައި ކާމިޔާބު ރިކޯޑެއް ގާއިމުކުރުމަކީ ހައިރާންވާވަރުގެ ކަމަކަށް ނުވޭތޯއެވެ.

އިންޑިޔާގެ އަމަރުބަރާތީ ނަމަކަށް ކިޔާ މިމީހާ 1973ގައި އޭނާގެ ކަނާތް މައްޗަށް ހިއްލި ގޮތަށް މިއަދުގެ މިހިނދުވެސް އަދިވެސް އެގޮތަށް އޭނާ އިންނަނީ އަތް މައްޗަށް ނަގައިގެންނެވެ. 1970މ. ގައި ބަރާތީއަކީ މެދުމިނުގެ ދިރިއުޅުމެއް އުޅެމުން ދިޔަ، އިންޑިޔާ ބޭންކެއްގެ މުވައްޒަފެކެވެ. އަނތްބަކާއި ތިން ކުދިންނާއެކު އާދައިގެ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ބަރާތީ އޭނާގެ ހަޔާތުގެ ކުރިމަގު އޮތީ މިގޮތަށް ނޫންކަމަށާއި އާދަޔާހިލާފު އެހެންކަމެއްގައިކަން އިހުސާސް ކުރެވުނީ ހަމަ ކުއްލިއަކަށް އެއްދުވަހެއްގައި އޭނާއަށް ކުރެވުނު ރަނގަޅު ފިކުރެއްގައި ކަމަށް އޭނާ ބުނެއެވެ. އެހިސާބުން އޭނާ އާއިލާއާއި ދަރިންނާއި ރައްޓެހި ދެކެފަރިތަ އެންމެނާ ވަކިވެގެން ދީނީ އަޅުކަމުގެ ތެރޭފައި ފާދިރީކަމުގައި މަޝްއޫލު ވެގަތެވެ. މިގޮތުން 1973މ. ގައި، މީނާގެ ކަނާތް މައްޗަށް ނަގައިގެން ދިރިއުޅުން ކުރިއަށް ގެންދަން ފެށިއެވެ. ހަމަގައިމުވެސް އެއްއަތް އުފުލައިގެން ދިރިއުޅުމުގެ އެހެނިހެން ކަންތައް ކުރަމުން ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ބަރާތީއަކަށްވެސް މިއީ ފަސޭހަކަމަކަށް ނުވިއެވެ. އެހެންނަމަވެސް އެއީ އޭނާ އެންމެ ފުރަތަމަ އަތް އުފުލައިގެން ހުރި ދުވަސްކޮޅުގެ ވާހަކައެވެ. މަޑުމަޑުން ހޭނެމުން ދިޔައެވެ. ތަދު ކެނޑި މިއަދު ބަރާތީއަށް އެގޮތަށް އަތްއުފުލުމަކީ އޭނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ހުންނަ ގޮތެވެ. ބަރާތީ ބުނާގޮތުން އެންމެ ފުރަތަމަ އަތުގެ ހުޅުތަކުގައާއި މަސްތަކުގައި ރިއްސާވަރުން ކެތްނުކުރެވޭވަރުވާ ފަހަރުވެސް އައެވެ. އެހެންނަމަވެސް ފުރަތަމަ ދެއަހަރަށް ފަހު އޭނާގެ އަތުގެ އެތަދުވުން ކެނޑި އައްސި ވާކަހަލަ ގޮތެއްވެ އިހުސާސްތައް މުޅިންހެން ގަބުވެއްޖެއެވެ. މާނައަކީ މިހާރު އޭނާއަކަށް އެއަތުގެ އެއްވެސް ތަދެއް އިހުސާސެއް ވެސް ނުކުރެވެއެވެ.

މިކަމަކީ އޭނާ ކީއްވެގެން ކުރި އަދި ކުރާ ކަމެއްތޯ ސުވާލުކުރުމުން ޖަވާބުގައި، ހަނގުރާމަތަކާއި ހަމަނުޖެހުންތަކާއި ދެކޮޅަށް އަދި ސުލްހައާއި އެއްބައިވަންތަކަމާއި ހަމަޖެހުމުގެ ދައުވާއެއްގެ ގޮތުންނާއި ރަމްޒެއްގެ ގޮތުން އޭނާ ކުރާ ކަމެއްކަމަށް ބަރާތީ ބުނެފައިވެއެވެ. ބަރާތީގެ މިހަރަކާތުން އެތައް ބަޔަކަށް ރޫހާނީ ހިތްހަމަޖެހުން ލިއްބައިދޭ ކަމަށް މީހުން ބުނެފައިވެއެވެ. އަދި ބަރާތީ ބުނާ ގޮތުގައި އޭނާ ސާދޫއަކަށް ވެ މިގޮތަށް އަތް އުފުލައިގެން ހުރުމުން ދޭހަކޮށްދޭން ބޭނުންވަނީ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމެވެ.

އެގޮތަށް އަތް އުފުލައިގެން ކުޑަކުޑަ ހިނދުކޮޅަކަށް ހުންނަން ޖެހުނަސް ވާނެ ތަދު އިހުސާސްކޮށްލަމާ ހެއްޔެވެ؟ އެހެންނަމަވެސް ބަރާތީއަށް މިއަދު އަތް ތިރިކޮށްލުމުން ވާނީ އަލަށް އަތް އުފުލާ މީހަކަށް ވާނެ ތަދެވެ. ނުވަތަ އެއަށްވުރެ ތަދުބޮޑުވެސް ވެދާނެއެވެ. ދެން އެއަތް ތިރިކޮށްފިނަމަ އޭނާގެ ސިއްހަތަށް އެއިން ކޮންމެ ފަދަ ގެއްލުމެއްވެސް ވެދާނެއެވެ. ބަރާތީ ވަނީ އެންމެ ގިނަދުވަސްވަންދެން އަތްއުފުލައިގެން ހުރި މީހާގެ ރިކޯޑު ދުނިޔޭގެ ރެކޯޑުފޮތުގައި ގާއިމުކޮށްފައެވެ. އަދި ބަރާތީ އޭނާގެ އަތް ތިރިކޮށްލުމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.