ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާއިލް މާހިރަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ވާއިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕާ އެޑްމިންއެއްގެ ގޮތުގައި މާހިރު ހަރަކަތާތެރިވަމުންދާ ކަމަށެވެ.

އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި މާހިރު އަމަލީގޮތުން ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުންނާއި، މާހިރުގެ އިއުތިރާފުން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މާހިރުގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފު އަމަލެއްކަމަށްވާތީ ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން މާހިރަށް އަންގާފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަދީޖާ ލީނާއާ ގުޅޭގޮތުން ތަހުގީގު ކުރި ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ވެސް މިއަދު ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ލީނާއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.