ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު އިސްވެ ހުންނަވައި، އިދިކޮޅު ފަރާތުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގެވުމާ ގުޅިގެން، ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު، ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.
މިކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް، ހުއްޓުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ، މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން، އަދި އެނޫންވެސް ގޮތްގޮތަށް ފާޅު ކުުރުމުގެ މިނިވަންކަން ހަނިކޮށްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހަވާލާދީފައިވާ ގާނޫނީ މާއްދާތަކާއި، ބައިނަލް އަގުވާމީ މުއާހަދާތަކަކީ، ގާނޫނުއަސާސީގެ 27 ވަނަ މާއްދާ ހަނި ކުރުމަށް ބާރު ލިބިދޭ މާއްދާތަކަކަށް ނުވާތީ އާއި ގާނޫނުއަސާސީގެ ހައްގުތަކާއި މިނިވަންކަން ހިފޭއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުން އެ މިންވަރަށް ކަމަށްވެފައި، ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް ނިގުޅައިގަތުމަށް ގާނޫނެއް ނުވަތަ ގަރާރެއް އެކަށައެޅިނަމަވެސް އެ ވާނީ ބާތިލު އެއްޗެއްކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ، އެންމެ ފަސް މެންބަރުންނެވެ. އޭރު ޖަލްސާގައި 34 މެންބަރުން ތިއްބެވިއެވެ. ނަމަވެސް އެ ކުއްލި މައްސަލަ ބޭރު ކޮށްލަށް 27 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ބަލައިގަންނަން ބޭނުންވަނީ 17 ވޯތެވެ.
ޚަބަރު
ޚަބަރު
ޚަބަރު