ޓީޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ ގޭމްސްގައި ރާއްޖޭގެ ޓީމު ހޯދީވެސް ސަޕޯޓުގެ ހިތްވަރުން ކަމަށާއި، އަމިއްލަ ފަސްގަނޑުގައި ބޮޑު މުބާރާތަކަށް ނުކުންނަ އިރު އެކަން ފުރިހަމައަށް ތަކުރާރުކޮށްދޭން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ އެދިއްޖެއެވެ.

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ޖޫނިއާ ޓީމުތަކުން ވާދަކުރާނެއެވެ. ހާއްސަކޮށް ރާއްޖޭގެ ޓީޓީގެ ރޭންކިން އެންމެ މަތީ ދެ ކުޅުންތެރިން، އަދި މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން މެޑަލް ގެނެސްދީގައިވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްވެސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެއެވެ.

ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް މާލޭގައި އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި މުބާރާތުގައި ސަރަހައްދީ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ. މިއީ 2018 ގައި ބޭއްވި ޖޫނިއާ މުބާރާތަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އަދި ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

"މުބާރާތް ރާއްޖޭގައި ބާއްވާތީ ލިބޭނެ ހޯމް އެޑްވާންޓޭޖް ފުރިހަމައަށް ނަގައިދޭށޭ ބުނަން ބޭނުންވޭ. 2019 ވަނަ އަހަރު އައިއޯއައިޖީގެ ކާމިޔާބީއަށް ބަލައިލީމަވެސް ފެނުނީ ހަމަ ދުންމާރީގެވެސް އަޑާއެކު ކުޅޭތަން ގުގުމާލިތަން. ގިނަ ފަހަރު ރެފްރީގެ އަޑުވެސް ނީވި، މެޗު މެދުކަނޑާލަންވެސް ޖެހުނު. އެހެންވީމަ އެވަރުގެ ފޯރިއެއް އައިމަ، އިދިކޮޅު ކުޅުންތެރިޔާއަށް ޕްރެޝަރު އަންނާނެ. އައިއޯއައިޖީގައިވެސް ޓީމު ޕާފޯމް ކުރީ ޕްރެޝަރުގައި. އެކަމަކު ދޫ ނުދީ އެކަން ކުރީ. އޭގެ ނަތީޖާ ވަރަށް ރަނގަޅު،" އިއްޔެ ބޭއްވި ހާއްސަ ޕްރެސްގައި، އައިއޯއައިޖީން ކޯޗެއްގެ ގޮތުގައި ރާއްޖެއަށް މެޑަލް ގެނެސްދިން ޝިއުރީ، ބުންޏެވެ.

ސޯޝަލް ސެންޓަރުގައި އިއްޔެ ބޭއްވި ޕްރެސްގައި ޝިއުރީ ބުނީ ޓީޓީން މިހާތަނަށް ގެނެސްދިން ކާމިޔާބީތަކަށް ދޭ ހަދިޔާއަކަށް ހަދައި، ސަޕޯޓު ކުރަން އެދޭ ކަމަށެވެ.

"ފަސްގަނޑުގައި ކުޅޭއިރު އެ ކަމުގެ ފައިދާ ނަގަން ޖެހޭ. އައިއޯއައިޖީން 2019 ވަނަ އަހަރު އެ ކާމިޔާބީ ހޯދި ހޯދުމަށް ދޭ ހަދިޔާއަކަށް މިފަހަރު ޓީމަށް ސަޕޯޓު ދޭން ހިނގާށޭ ބުނެލަން ބޭނުން،" ޝިއުރީ ފާހަގަކުރިއެވެ.

ޝިއުރީ އިތުރަށް ބުނީ ޓީޓީގެ ކުރިމަގަށް ވިސްނާ ކުދިންނަށާއި، ބެލެނިވެރިންނަށްވެސް މުބާރާތް ހާއްސަ ވާނެ ކަމަށާއި، މުބާރާތް ބެލުމަށް ސްކޫލް ކުދިންނަށްވެސް ދައުވަތު ދޭ ކަމަށެވެ.

"މިއީ ކުޑަކުދިންނަށްވެސް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް. އެއީ ޖޫނިއާ ޓީމުން މި ލެވެލްގެ މުބާރާތެއްގައި ކުޅޭތަން އަމިއްލަ ފަސްގަނޑުން އެހާ ކައިރިން ފެންނާނީ މަދު ފަހަރަކު. އެހެންވީމަ ސްކޫލް ކުދިންނަށްވެސް ދައުވަތު ދޭން ބޭނުން. ކައިރިން ބެލީމަ، ކުޅުންތެރިންގެ ހުނަރަށްވެސް ޝައުގުވެރިކަން އުފެދި، ޓީޓީއަށް ނުކުންނަން ހުރި ކުއްޖަކަށްވެސް، އެ ކުއްޖެއްގެ ބެލެނިވެރިންނަށްވެސް މިއީ ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ،" ރާއްޖޭގެ ޓީޓީގައި އެންމެ ކާމިޔާބު އެއް ކޯޗު، އަދި ކުޅުންތެރިޔާ ޝިއުރީ ބުންޏެވެ.

އިއްޔެގެ ޕްރެސްގައި ޓީޓީ އެސޯސިއޭޝަންގެ ރައީސް ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިސްނެންގެވުމަށް މި މުބާރާތް ބާއްވަން ރާއްޖެއިން ޝައުގުވެރިކަން ފާޅުކުރުމުން ރާއްޖެއަށް ފުރުސަތު ލިބުމާއެކު ވީހާވެސް ކުލަގަދަކޮށް މި މުބާރާތް ބާއްވަން ބޭނުންވާ ކަމަށެވެ. އަދި މުބާރާތުގެ ސަބަބުން ޓީޓީއަށް އުންމީދީ ދޮރުތަކެއް ހުޅުވޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"މިނިސްޓަރ މަހުލޫފުގެ ދައުވަތަށް ވޯލްޑް ޓީޓީ ސީއީއޯ ސްޓީވް، އޭޝިއަން ޓީޓީ ރަައީސް ހަލީލް ކޮމަންވެލްތު ޓީޓީ ޔޫނިއަންގެ ޗެއާމަން ކޯލީ، ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ ޓީޓީގެ އިސްވެރިން ވަޑައިގަތުމަކީ ރާއްޖެއަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަމެއްގެ ގޮތުގައި ދެކެނީ،" އައްޔަ ވިދާޅުވިއެވެ.

އައްޔަ ވިދާޅުވީ 2019 ގައި އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގައި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު މެދުވެރިވެ އެގައުމަށް މުބާރާތް ބޭއްވޭ ގޮތް ނުވެ މުބާރާތް ފަސްކުރީކަމަށެވެ. އިއްޔެގެ ޕްރެސްގައި މުބާރާތް ރާއްޖޭގައި ބާއްވަން މިނިސްޓަރު މަހުލޫފާއި ޔޫތު މިނިސްޓްރީގެ ޓީމުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އައްޔަ ޝުކުރު އަދާކުރެއްވިއެވެ.