އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތް، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މެޑަލް ހޯދުމަށް ޓާގެޓްކޮށްގެން މީގެ އަހަރެއްހައި ދުވަސް ކުރިންވެސް ތައްޔާރުވަމުން އަންނަ މުބާރާތެއް ކަމަށާއި، އުންމީދަކީ އެކަން ހާސިލު ކުރުން ކަމަށް ޓީޓީ ތަރި އައިޝަތު ރަފާ ނާޒިމް ބުނެފިއެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިންވެސް ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދައިފައިވެސްވާ މުބާރާތެކެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއާ ބައިން އަންހެން ޓީމް ރިހި މެޑަލް ހޯދުމެވެ.

ޓީޓީގައި ރާއްޖޭގެ ޖޫނިއާ ލެވެލް ކުޅުންތެރިން މިދިޔަ އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، 2019 ވަނަ އަހަރު އައިއޯއައިޖީންވެސް ރާއްޖޭގެ ޓީޓީ ޓީމު ވަނީ ރަން މެޑަލް ގެނެސްދީފައެވެ. އެ ޓީމުގައި ރަފާވެސް ހިމެނެއެވެ.

މިފަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެ ކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތަކަށްވީ އިރު، މުބާރާތް ފަސްކުރީ ކޮވިޑް 19 އާއި ގުޅިގެންނެވެ. އެ މުބާރާތް އަލުން ރާއްޖޭގައި ބާއްވަން ނިންމީ މިނިސްޓަރު އަހުމަދު މަހުލޫފުގެ އިސް ނެންގެވުމާއެކު ޓީޓީ އެސޯސިއޭޝަނުން މަސައްކަތްތަކެއް ކޮށްގެންނެވެ.

މުބާރާތަށް ރާއްޖޭގެ ޓީމުން ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން ރަފާ ބުނީ، 2019 ވަނަ އަހަރުން ފެށިގެންވެސް ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުން މެޑެއްޔަށް ޓާގެޓްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަޕޯޓަރުންނާއެކު އެ އަމާޒަށް ވާސިލު ވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް މުހިންމު މުބާރާތެއް. މިދިޔަ އަހަރުން ފެށިގެންވެސް މެޑެއްޔަށް ޓާގެޓް ކޮށްގެން ތައްޔާރުވަމުން އަންނަ މުބާރާތެއް. ދެން ރާއްޖޭގައި މުބާރާތް އޮންނާތީ، އުއްމީދު ކުރަނީ ގިނަ ބަޔަކު ވަގުތުކޮޅެއް ހުސްކޮށްލައިގެން ސަޕޯޓްކުރަންވެސް އަންނާނެ ކަމަށް. އެ ވާނީ ވަރަށް ބޮޑު ހިތްވަރަކަށް،" އިއްޔެގެ ޕްރެސްގައި ރަފާ ބުންޏެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ މުބާރާތުގައި ހަ ގައުމެއްގެ ޖޫނިއާ 85 ކުޅުންތެރިން ވާދަކުރާނެއެވެ. ސަރަހައްދީ ފެންވަރުގައި އެންމެ ވަރުގަދަ ކުޅުންތެރިން ޓީމުތަކުން ފެންނަ އިރު، ރަފާގެ ނަޒަރުގައި އެ ކުޅުންތެރިންނާ ވާދަކޮށް މެޑަލް ހޯދުން އެއީ ޗެލެންޖެއް ނަމަވެސް އުންމީދު އެބައޮތެވެ.

"އިންޑިއާއަކީ ދުނިޔޭގެ ލެވެލްގައިވެސް ވަރަށް ފާހަގަ ކޮށްލެވޭ ޓީމެއް. ލަންކާއިންވެސް ވަރަށް ވަރުގަދަ ޓީމުތައް މި އަންނަނީ. އެކަމަކުވެސް އަމާޒަކީ އެންމެ ކުޑަމިނުން ރިހި މެޑަލް ހޯދުން. ވަރުގަދަ ޓީމްތަކެއް ތިއްބަސް މިޓީމަށް މެޑަލް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ރަފާ ބުންޏެވެ.

ގައުމީ ޖޫނިއާ ޓީޓީ ޓީމު މިހާރު ތަމްރީނު ކުރަމުން އަންނަނީ ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއެކު ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ)ގެ އިރުޝާދުގެ ދަށުންނެވެ. ވާދަވެރި މެޗުތަކެއް ނުކުޅެ އޮތުމުން ރާއްޖޭގެ ޓީމަށް އުނދަގޫތައް ދިމާވެފައި އޮތް ނަމަވެސް، ރަފާގެ ނަޒަރުގައި އަލަށް ގެނައި ކްރޮއޭޝިއާ ދެކުޅުންތެރިންނާއެކު އެ ކަމަށްވެސް އަންނަނީ ހައްލު ހޯދެމުންނެވެ.

"ރަފާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ކުޅުންތެރިންނަށް އޮތް އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކީ މެޗް ޕްރެކްޓިސް މަދުވުން. އެހެންވީމަ ބޭރުން އައި ދެ ކުޅުންތެރިންނާއި، ކޯޗުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރި. ރަނގަޅު މެޗުތަކެއް އެބަ ކުޅެވޭ. ކޯޗުގެ ފަރާތުން ވެސް ގިނަ ކަންކަން އެބަ ދަސްވޭ." ރަފާ ބުންޏެވެ.

ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން އަމިއްލަ ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެ، ވަނަތައް ހޯދަން މަގުފަހިކޮށްދިން ކަމަށް ޓަކައި ރަފާ ވަނީ މި ކަމުގައި ބައިވެރިވާ ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީގައި 19 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ އިރު، ކެޑެޓް ކެޓަގަރީގައި ކުޅޭނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މުބާރާތުގައި ވާދަކުރާ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒެވެ. އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒެވެ. ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް އާއި އުމީރު އަދި އަހުމަދު ރައްޔާން މުހައްމަދު އަނީސެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ ރަފާ، ދީމާ އަދި މަލާކެއެވެ.