މިދިޔަ ހޯމަދުވަހަކީ އީރާނުގެ ސިފައިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް މިދުވަސް އީރާނުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އައު ހަތިޔާރާއެކު ސިފައިންގެ އާރާއި ބާރު ދައްކާލުން އޮވެއެވެ. އެގޮތުން މިއަހަރުގެ މިދުވަހުވެސް އަސްކަރީ ކެރިފޯރުންތެރިކަމުގައި އީރާން ކުރިއަރާފައިވާ މިންވަރު ވަނީ ދައްކާލައިފައެވެ. ވެރިރަށް ތެހެރާނުގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި ދައްކާލި ހަތިޔާރުގެ ތެރޭގައި އެންމެ ބޮޑަށް އަޅައިގަތީ އީރާނުގެ އަމިއްލަ އުފެއްދުންތަކެވެ. އީރާނުން އަމިއްލަޔަށް އުފައްދާފައިވާ ހަނގުރާމަމަތީ ޖެޓްތަކާއި ޓޭންކުތަކާއި އެކި ދުރުމިނަށް ވާސިލްވެވޭ މިސައިލްތަކެވެ. ޚާއްސަ ގޮތެއްގައި ސައީގާއޭ ކިޔުނު ޖެޓަކާއި ކައުސަރޭ ކިޔުނު ޖެޓެއް ފާހަގަކޮށްލެވެއެވެ. މިއީ އީރާނުގެ އަމިއްލަ ޓެކްނޮލޮޖީއެވެ. އަމިއްލަ އުފެއްދުންތަކެވެ.

އީރާނާ ދެކޮޅަށް އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ނުކުންނަ ނަތީޖާ ހަމަ ސުމެއްކަން މި ޕެރޭޑުން ވަނީ ހާމަވެގެންގޮސްފައެވެ. އީރާނުގެ ވައިގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ހަތިޔާރުތަކަކީ އީރާނުގެ އަމިއްލަ އުފެއްދުންތަކެވެ. އޭގެތެރޭގައި ހަމަލަދޭ ޒާތުގެ ޑްރޯންތަކާއި އިންސާނުންނާނުލައި އުދުއްސާ ވަރަށް ގިނަ އެހެނިހެން އުޅަނދުތައްވެސް ވަނީ ދައްކާލައިފައެވެ. އެކަމަކު އީރާނުގެ އަމިއްލަ ހެލިކޮޕްޓަރެއް އަދި ނެތެވެ. އެންމެފަހުގެ ޕެރޭޑުގައި ދައްކައިލީ ރަޝިޔާ އާއި ޗައިނާގައި އުފައްދާފައިވާ އަސްކަރީ ހެލިކޮޕްޓަރުތަކެވެ. އީރާނުގެ އެއަރފޯސްގެ ވެރިޔާ ވިދާޅުވެފައިވަނީ ކުރިޔަށްއޮތް އަހަރެއް ނުވަތަ ދެއަހަރުގެ ތެރޭގައި އީރާނުން އަމިއްލަޔަށް ހެލިކޮޕްޓަރުވެސް އުފައްދާނޭ ކަމުގައެވެ.

ތެހެރާނުގައި ބޭއްވުނު އަސްކަރީ ޕެރޭޑު ޝަރަފުވެރިކޮށްދެއްވީ އައު ރައީސް އިބްރާހިމް ރައީސީއެވެ. މިއީ ވެރިކަމާއި އޭނާ ހަވާލުވެވަޑައިގެންނެވިފަހުން މިފަދަ ފުރަތަމަ ޕެރޭޑެވެ. މި ޕެރޭޑުގައި ވަޔާއި އެއްގަމުގެ ހަތިޔާރު ދައްކާލެވުނުއިރު އީރާނުގެ ގައުމީ ޓީވީން ވަނީ ގަލްފު ކަނޑުގައި އީރާނުގެ ނޭވީންގެ ހަތިޔާރާއި އުޅަނދުތައްވެސް ދައްކާލައިފައެވެ. އޭގެތެރޭގައި އެކި ސައިޒުގެ މަނަވަރުތަކާއި ސަބްމެރީންވެސް ހިމެނެއެވެ. އީރާނުގެ އަސްކަރީ ކާރުޚާނާތަކާއިބެހޭ ވެރިޔާ ވިދާޅުވެފައިވަނީ ހުޅަނގުގެ ގައުމުތަކުން ސްޕެއަރ ނުލިބިގެން އީރާނުގެ ޖެޓެއްވިޔަސް މަނަވަރެއްވިޔަސް އަދި އެހެން އެއްޗެއްވިޔަސް މިހާރު ބޭނުންނުކުރެވި ނޯންނާނެ ކަމަށާއި އަސްކަރީ ކޮންމެ މައިދާނެއްގައިވެސް އީރާނަކީ ފުދުންތެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެއް ކަމުގައެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވާގޮތުން ގަލްފު ކަނޑާއި އަދި އިންޑިޔާ ކަނޑުގެ ހުޅަނގުއުތުރު ބިތުގައި އީރާނުގެ ފްލީޓުގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުރެވޭނެއެވެ. އީރާނާއި ގުޅިގެން ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ އަވަށްޓެރިންނަށް އެފުރުސަތު ހުޅުވާލުމުގެ ގޮތުން ވަރަށް އަވަހަށް މެރިޓައިމް ސިކިއުރިޓީ ސެންޓަރެއް ގާއިމް ކުރެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ކަނޑުގެ ފްލީޓަށްވެސް އަދި އެއްގަމާއި ވައިގެ ލަޝްކަރުތަކަށްވެސް ބޭނުންކުރެވޭނެ މިސައިލްތަކުގެ ތެރެއިން މިފަހަރު ފާތިހު މަރުކާޔާއި މާޖިދު މަރުކާޔާއި ޑޭޒްފުލް މަރުކާގެ މިސައިލް ނިޒާމުތައް އޭގެ ބެޓެރީތަކާއެކު ވަނީ ދައްކާލައިފައެވެ. މިއީ މުޅިންވެސް އީރާނުގެ އަމިއްލަ އުފެއްދުންތަކެވެ.

ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އައު ރައީސް އިބްރާހިމް ރައީސީ ވަނީ އިޒްރޭލަށް ވަރަށް ބޮޑު އިންޒާރެެއް ދެއްވައިފައެވެ. ރައީސީ ވިދާޅުވީ އީރާނާ ދެކޮޅަށް ކިތަންމެ ކުޑަ ހަރަކާތެއް ހިންގާން އުޅުނަސް އެކަމެއް އީރާނަށް ވަންހަނާވެފައި ނޯންނާނެ ކަމަށާއި އީރާނުގެ ލޯތަކަށް ސިއްރުން އެއްކަމެއްވެސް އިޒްރޭލަށް ނުކުރެވޭނޭ ކަމުގައެވެ. އީރާނާ ދެކޮޅަށް ކިތަންމެ ކުޑަ އުދުވާނެއް ހިންގިޔަސް އޭގެ އަގު އަދާކުރަން ޖެހޭނޭ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ. މީގެ މައްޗަށް މިސާލު ދައްކަވަމުން އިބްރާހިމް ރައީސީ ވިދާޅުވީ އިރާގުގެ އާރބިލްއަށް ހުސްވި މާރޗް މަހު އީރާނުން ދިން މިސައިލް ހަމަލާގެ އަމާޒަކީ އިޒްރޭލުން ގާއިމްކޮށްފައިވާ މަރުކަޒެއް ފުނޑުފުނޑުކޮށްލުންކަމަށާއި އެކަން ކާމިޔާބުވީ ކަމުގައެވެ.

އީރާނުގެ ސިފައިންގެ ދުވަހުގެ ބޮޑު ޕެރޭޑާއި އީރާނުގެ ރައީސްގެ ވަރުގަދަ އިންޒާރު އައިސްފައިމިވަނީ އީރާނުގެ ނިއުކުލިއަރ މަޝްރޫއުގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުގެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ މަޝްވަރާތައް ހުއްޓިފައިވަނީ އީރާނުގެ ޝަރުތުތަކުގެ ތެރެެއިން ބައެއް ޝަރުތުތަކަށް ދީލާލަން އެމެރިކާ އެއްބަސް ނުވުމުންނެވެ. އޭގެތެރޭގައި ދަތިކުރުމުގެ ބައެެއް ފިޔަވަޅުތައް އުވައިލުމާއި އީރާނުގެ އިންގިލާބީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެެއް ކަމަށް އެމެރިކާއިން ނިންމާފައިވާ ނިންމުން ބާތިލް ކުރުން ހިމެނެއެވެ. ރައީސީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން ނަތީޖާއެއް ނުފެންނަކަން ޔަގީންކުރެވޭއިރު އެ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބޭނުމެއްވެސް ނެތް ކަމުގައެވެ.