ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ބަހުގެ ހަމަލާ އާއި ނަފުސާނީ އަނިޔާ ދިނުމުގެ މައްސަލަތައް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ފިރިހެނުންގެ ފަރާތުން ގެވެށި އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 723 މައްސަލަ އެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ އަންހެނުންނާއި އަންހެންކުދިންނަށް އެކި ބާވަތުގެ ގެވެށި އަނިޔާކުރުމުގެ މައްސަލަތަކެވެ.
އަންހެން ކުދިންނަށް އެކި ބާވަތުގެ ގެވެށި އަނިޔާ ކުރުމުގެ 146 މައްސަލައެއް ހުށަހަޅާފައިވާއިރު އަންހެނުންނަށް ކުރާ އަނިޔާގެ 408 މައްސަލައެއް އެ އޮތޯރިޓީ އަށް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ. އަދި ފިރިހެންކުދިންނަށް އަނިޔާ ކުރުމުގެ 92 މައްސަލައެއް ހުށަހަޅާފައިވާއިރު ފިރިހެނުންނަށް އަނިޔާކުރުމުގެ 77 މައްސަލައެއް އެ އޮތޯރިޓީއަށް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ މިދިޔަ އަހަރު އެ އޮތޯރިޓީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ބަހުގެ ހަމަލާއާއި ނަފުސާނީ އަނިޔާ ދިނުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެފަދަ 498 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާދިނުމުގެ މައްސަލަ ކަމަށާއި އެގޮތުން އެފަދަ 390 މައްސަލައެއް މިދިޔަ އަހަރު އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ބިރު ދެއްކުމުގެ 317 މައްސަލައާއި ޖިންސީ އަނިޔާ ކުރުމުގެ 90 މައްސަލައަކާއި ގެވެށި އަނިޔާ ކުރާތަން ކަނޑައެޅިގެން އެނގިހުރެ ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުމާއި އަދި އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުދިން ގެންދިޔުމުގެ 154 މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ފާއިތުވި 10 އަހަރަށް ބަލާއިރު މީގެ ކުރިން ޖިސްމާނީ އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅި ނަމަވެސް މިހަރު އެންމެ ގިނައިން ހުށަހަޅަނީ ބަހުގެ ހަމަލާ އާއި ބިރުދެއްކުމުގެ މައްސަލަތައް ކަމަށް އެ އޮތޯރިޓިން ވަނީ ބުނެފަ އެވެ.