ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި ސްރީ ލަންކާއަށް ބޭނުންވާ ބޭހާއި އެ ނޫންވެސް އަސާސީ ތަކެތި ގަތުމަށް ވޯލްޑް ބޭންކުން 300-600 މިލިއަން ޑޮލަރު އެގައުމަށް ދޭން ނިންމައިފިއެވެ.
ލަންކާ މިނިވަންވުމަށް ފަހު ނުދެކޭ ފަދަ ތަދުމަޑުކަމެއް އެގައުމުން ބަރުދާސްތުކުރަމުންދާއިރު، އެގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރެސްކިއު ޕެކޭޖުތައް ހޯދުމަށް އެކަމުގެ މަޝްވަރާތަކަށް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި މިހާރު ހުންނެވި ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ އިއްޔެ ވިދާޅުވި ގޮތުގައި، އައިއެމްއެފްގެ ޕެކޭޖު ހަމަޖެހެން ދުވަސްކޮޅެއް އަދި ނަގާއިރު، ވޯލްޑް ބޭންކުން ވަނީ އެގައުމަށް 300-600 މިލިއަން ޑޮލަރުގެ އެހީއެއްވާން ނިންމައިފައެވެ.
ތެޔޮ ގަތުމަށް އަވަށްޓެރި އިންޑިއާއިން ލަންކާއަށް 500 މިލިއަން ޑޮލަރުގެ އެހީ ދިނުމަށްވެސް ވަނީ ނިންމައިފަ އެވެ. އަދި އިތުރު އެއް ބިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް ލަންކާއިން އަންނަނީ މަޝްވަރާކުރަމުންނެވެ. މިހާރު ވެސް ކްރެޑިޓް ލައިން މެދުވެރިކޮށް އިންޑިއާއިން ވަނީ އެއް ބިލިއަން ޑޮލަރު ލަންކާއަށް ފޯރުކޮށްދީފައެވެ.
ލަންކާގެ ދަރަނި އިންތިހާއަށް ބޮޑުވެ، އިގްތިސޯދީ ބޮޑު ކާރިސާއެއް އެގައުމަށް ކުރިމަތިވެފައިވާއިރު، އެގައުމުގެ ޖުމްލަ ދަރަނި 51 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން 25 ބިލިއަން ޑޮލަރަކީ ބޭރުގެ ދަރަންޏެވެ.
ލަންކާގައި ތަކެތީގެ އަގު އުފުލި ކައްކާ ގޭހާއި ބޭހާއި ތެލަށް ޖެހިފައިވާތާ މަސްތަކެއް ވެފައިވާއިރު، އެކަމާ ކަންބޮޑުބުން ފާޅުކުރުމަށް އެގައުމުގެ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ އާއި ރައީސްގެ އާއިލާގެ އިސްތިއުފާއަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ގޮވާތާ އިއްޔެއަށް ވަނީ ދެ ހަފުތާވެފައެވެ. އަދި ލަންކާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަމުންދާއިރު، ލަންކާ ފުލުހުން ވަނީ ބާރުގެ ބޭނުން ބޭނުންކޮށް އެކަކު މަރާލައި، 13 މީހަކު ޒަހަމްކޮށްލައިފައެވެ. އެކަން އެގައުމުގެ ގިނަ ބަޔަކު ކުށްވެރިކުރާއިރު، ސަރުކާރުން ވަނީ މިނިވަން ކޮމިޓީއަކުން އެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.
ލަންކާއިން އަންނަނީ މާލީ އެހީ ހޯދުމަށް ގިނަ ގައުމުތަކަކާއެކު މަޝްވަރާކުރަމުންނެވެ. އެގޮތުން ޗައިނާއާ ޖަޕާނުން އެހީ ހޯދުމުގެ މަސަައްކަތް ކުރަމުން އަންނައިރު ޗައިނާއިން ވަނީ މިހާތަނަށް 31 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު