އިސްލާމީ ތާރީޚު

"ދުނިޔޭގައިވާ އެންމެ ބޮޑު އިސްތިޢުމާރަކީ އެމެރިކާއެވެ." - އިވާން ރިޑްލީ (3)

އަބްދުﷲ ފާރޫގް ހަސަން

(15 އޭޕްރީލްގެ އަދަދާ ގުޅޭ)

ސުވާލު: ޖަލުގައި އިންނެވިއިރު ކަލާގެ އިޙްސާސްތައް ހުރީ ކޮންގޮތަކަށްތޯއެވެ؟ ކަލާ އެންމެ ޖެހިލުންވެވަޑައިގެންނެވީ ކޮންކަމަކާތޯއެވެ؟

ޖަވާބު: އަޅުގަނޑުގެ ހިތަށް އަރަނީ އެވަގުތު އަޅުގަނޑުގެ ކަންތަކާ ޙަވާލުވެ ތިބި މީހުން ކިތަންމެ އޯގާވެރި ބަޔަކު ކަމުގައިވިޔަސް އިރުކޮޅެއްގެ ތެރޭގައިވެސް ކޮންމެވެސް ނުލަފާ ބަޔަކު އައިސް އަޅުގަނޑަށް އަނިޔާކުރަން ފަށައިފާނެ ކަމުގައެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑަށް ހީވަނީ އެދުވަހަކީ އަޅުގަނޑުގެ އެންމެ ފަހު ދުވަސް ހެންނެވެ. ނަމަވެސް އެހުރިހާ ޚިޔާލުތަކެއް ވެގެންދިޔައީ ޙަޤީޤަތެއް ނެތް ކުށްހީތަކެއް ކަމުގައެވެ. އަނެއްކޮޅުން އަޅުގަނޑަށް އެބައިމީހުންނާ މެދު މުޢާމަލާ ކުރެވެނީ ވަރަށް ހެއްވާގޮތަކަށެވެ. އެކަމަކުވެސް އެމީހުން އަޅުގަނޑާ މެދު އޯގާވެރިކަމާއި ހަމްދަރުދީއާއި ކަމޭހިތުން ދެމެހެއްޓިއެވެ.

ސުވާލު: ކަލާއަށް ސަލާމަތުން ބޭރަށް ނިކުމެވަޑައިގެންނެވޭނެ ކަމަށް އުއްމީދުކުރެއްވީމުތޯއެވެ؟

ޖަވާބު: ނޫނެކެވެ. އެއްގޮތަކަށްވެސް ހީއެއް ނުކުރަމެވެ. ޖަލުގައި އަޅުގަނޑު މަރުވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރީމެވެ. ޚާއްޞަކޮށް 17 އޮކްޓޯބަރ 2001 ގައި އަޅުގަނޑު ކާބުލްގެ ޖަލުގައި އިންދައި އެމެރިކާއިން ކާބުލަށް ބޮމުގެ ވާރޭވެއްސާން ފަށައިފިއެވެ. އެހައިތަނުން އަޅުގަނޑު ޔަޤީންކުރީ ޠާލިބާނުން އަޅުގަނޑު ޤަތުލުނުކުރިކަމުގައިވިޔަސް އެމެރިކާގެ ނުވަތަ އިނގެރޭސީންގެ ބޮމެއް އަޅުގަނޑުގެ ޙަޔާތުގެ ބައްތި ނިއްވައިލާނެ ކަމުގައެވެ.

ސުވާލު: ދުނިޔޭގެ މީޑިޔާތަކުން ޠާލިބާނުން ސިފަކުރަނީ ނިރުބަވެރީންގެ ގޮތުގައެވެ. އަނެއްކޮޅުން ކަލާއަކީ އެމީހުންގެ އަތްދަށުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމީހުންގެ ދީނަށް މަރްޙަބާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އެހެންކަމުން ދުނިޔޭގެ މީޑިޔާތަކުން ޠާލިބާނުން ސިފަކުރާގޮތާ ޙަޤީޤަތާ ދެމެދު ކޮންމެވެސް ތަފާތެއް އެބަހުރިހެން ހީވެއެވެ. މިކަމާ ބެހޭގޮތުން ކަލާ ވިދާޅުވަނީ ކީކޭތޯއެވެ؟

ޖަވާބު: މިއަދުވެސް އަޅުގަނޑަކީ އަންހެނުންގެ މިނިވަންކަމަށް ގޮވައިލާ މީހަކީމެވެ. ޠާލިބާނުން އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރަން ރުއްސިކަމުގައި ވާނަމަ އެއީ އެމީހުންގެ ކާމިޔާބީއެއްކަމީ ކަށަވަރުކަމެކެވެ. ނަމަވެސް އަޅުގަނޑަކީ މިހާރުވެސް ޠާލިބާނުންނަށް މާބޮޑަށް ސަނާ ކިޔާ މީހެއް ނޫނެވެ. އެކަމަކު ޠާލިބާނުންގެ ކިބައިގައި ވަރަށް ރަނގަޅު ވަރަށް ގިނަ ސިފަތަކެއް ހުއްޓައިވެސް ޖޯޖ ބުޝް އާއި ޓޯނީ ބްލެއަރ ޠާލިބާނުންނަކީ ވަރަށް ނުލަފާ ބައެއްގެ ގޮތުގައި ސިފަކުރައްވާކަމީ ވަރަށް ދެރަ ކަމެކެވެ. ބުޝް އާއި ބްލެއަރަށް ތަހްޒީބު ބައެއްގެ ބޮލަކަށް ބޮމެއް ނޭޅޭނެތޯއެވެ؟ އެކަމެއް އެމީހުން ނުކުރޭތޯއެވެ؟

ސުވާލު: އިސްލާމްދީނާއި މުސްލިމުންނާ ބެހޭގޮތުން ހުޅަނގުގެ މީޑިޔާތަކުން ފަތުރާ ފުލޯކު ވާހަކަތަކާއި ޙަޤީޤަތާ ހުރި ތަފާތު މިހާރު ކަލާއަށް ވަޒަން ކުރެއްވޭތޯއެވެ؟

ޖަވާބު: ތިޔައީ ވަރަށް ފަސޭހަ ކަމެކެވެ. އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެކެވެ. ނަމަވެސް އެދީނަށް ޢަމަލުކުރާ އެންމެންނަކީ އެކަހަލަ ބައެއް ނޫނެވެ.

ސުވާލު: މުސްލިމުންނާ ބެހޭގޮތުން ހުޅަނގުގެ މީޑިޔާތަކުން ގެންގުޅޭ ގޮތަކީ އިންސާފުވެރިގޮތެއް ކަމުގައި ދެކެވަޑައިގަންނަވަމުތޯއެވެ؟

ޖަވާބު: މުސްލިމުންނާ ބެހޭގޮތުން ހުޅަނގުގެ މީޑިޔާތަކުން ގެންގުޅެނީކީ އިންސާފުވެރިގޮތެއް ނޫނެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ކުށްހީގެ މައްޗަށް ބިނާވެފައިވާ އިޚްލާޞްތެރި ވިސްނުމަކާއި، ބަދަލުކޮށް ޙަޤީޤަތް އޮޅުވައިލައިފައިވާ މަޢުލޫމާތާއި، ނޭނގުމާއި، ސިޔާސީ މަޤްސަދުތަކެއް ޙާޞިލްކުރުމަށްޓަކައި އިސްލާމްދީން ބަދުނާމްކުރުމަށް ޤަޞްދުގައި ރާވައިގެން ހިންގާ ޙަރަކާތްތަކާއި މިބާވަތުގެ އެތައް ކަމެކެވެ.

ސުވާލު: އިސްލާމްވެވަޑައިގަތުމުގެ ކުރީން މިރޮނގުން ކަލާ ގެންގުޅުއްވީ އިންސާފުވެރި ގޮތްކޮޅެއްތޯއެވެ؟

ޖަވާބު: ތިޔަ ވިދާޅުވި މައުޟޫއުގައި އަޅުގަނޑު ދުވަހަކުވެސް އެއްވެސް އެއްޗެއް ލިޔުނު ހަނދާނެއް ނުވެއެވެ.

ސުވާލު: މިހާރަކަށް އައިސް ހުޅަނގުގެ ޤައުމުތަކުން ނިރުބަވެރިކަން މާނަކުރާ ގޮތާ މެދު ކަލާގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟

ޖަވާބު: ޖޯޖް ބުޝް ވިދާޅުވެފައިވަނީ އޭނާގެ އެކުވެރިޔަކަށް ނުވާ ކޮންމެ މީހަކީ ނިރުބަވެރީންގެ އެހީތެރި ބައިވެރިއެއް ކަމުގައެވެ. އަޅުގަނޑުގެ އަމިއްލަ ޚިޔާލުގައި މިހާރު އެކަހަލަ ވާހަކަ ދެއްކެވުން މަނާކުރެވެންޖެހޭނެއެވެ. އެހެނީ އެބާވަތުގެ ވާހަކަފުޅުތަކަކީ މާނައެއް ހުރި ވާހަކަފުޅުތަކެއް ނޫނެވެ. މާގްރެޓް ތެޗަރ (އިނގެރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު) އެއްހަހަރަކު ވަނީ ނެލްސަން މަންޑޭލާއަކީވެސް ނިރުބަވެރިއެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް މަންޑޭލާއަކީ މިހާރު ވަރަށް މަތިވެރި ލީޑަރެއް ކަމުގައި ބެލެވޭ ބޭފުޅެކެވެ.

ސުވާލު: ކަލާގެ އަރިހުގައި ނިރުބަވެރިކަމަކީ ކޮބާ؟
ޖަވާބު: ނިރުބަވެރީންނަކީ ކުށެއްނެތް މަޢުސޫމު އިންސާނުން ބޮމުގެ ޒަރިއާއިން ކުދިކުދިކޮށް މަރަމުން ގެންދާ މީހުންނެވެ. އާންމު ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފަތުރާ މީހުންނެވެ. އަޅުގަނޑުވަނީ ފަލަސްޠީނާއި، ޢިރާޤާއި، އަފްޣާނިސްތާނުގައި މިހުރިހައި ކަމެއް ހިނގަމުންދާތަން ދެކެފައެވެ. އެބާވަތުގެ ޢަމަލުތަކަށް އަޅުގަނޑު ދޭނީ ރަސްމީ ނިރުބަވެރިކަމުގެ ނަމެވެ. ސްކޮޓްލޭންޑުގެ ސަރަޙައްދީ އަވަށެއްގެ މަތީން ޕޭން އެމެރިކަން 103ގެ ޖަމްބޯޖެޓެއް ގޮވުމުގެ ސަބަބުން އެބޯޓުގެ އަނދައިގެން ގޮސްފައިވާ ބައިތަކުގެ ތެރެއިން އަންހެނުންނާއި ކުޑަކުދީންގެ ހަށިތައް ނެރެނިކޮށް އަޅުގަނޑު ދުށް ފަދައިން ޖެނީން (ފަލަސްޠީން) ގެ ފުނޑުފުނޑުވެފައިވާ ޢިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުން ވެސް މަރުވެފައި ތިބި އަންހެނުންނާއި ކުޑަކުދީންގެ ހަށިތައް ނެރޭތަން އަޅުގަނޑު އެބަދެކެމެވެ. ދެކުނު އަފްޣާނިސްތާނުންނާއި، ޢިރާޤުންވެސް ހަމަ އެމަންޒަރުތައް އަޅުގަނޑު އެބަދެކެމެވެ. އެހުރިހައި ހަށިތަކަކީވެސް ހަމަ އެއްކަހަލަ ހަށިތަކެކެވެ. ތިޔަބޭފުޅުންނަކަށް އިންސާނެއްގެ ޙަޔާތުގެ އަގެއް ކަނޑައެއް ނޭޅުއްވޭނެއެވެ. އެކަމަކު އެމެރިކާ އެކަންތައް އެބަކުރެއެވެ. އެމެރިކާގެ ރަށްވެއްސެއްގެ ދިރިއުޅުމުގެ އަގު ކަނޑައެޅެނީ އެތައް ލައްކަ ޑޮލަރަކުންނެވެ. ނަމަވެސް ޢަރަބި މުސްލިމެއްގެ ޙަޔާތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ.

ސުވާލު: ކަލާ ދެކެވަޑައިގަންނަވާ ގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ކުރިޔަށް މިދަނީ ކޮން މިސްރާބަކަށްތޯއެވެ؟
ޖަވާބު: ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ މިހާރު ވެފައިވަނީ ނުހިނދޭ ކުޅިގަނޑެއް ކަހަލަ ހަނގުރާމައަކަށެވެ. އެހެނީ މިހާރު އޭރިއަލް ޝެރޯނާއި ވްލާދިމީރު ޕުޓިން ކަހަލަ ބޭފުޅުން ވަނީ ފަލަސްޠީނާއި ޗެޗްނިޔާގެ އާއްމުން ޗިސްޗިސް ކުރެއްވުމަށްޓަކައި އެހަނގުރާމަ ހައިޖެކް ކުރައްވައިފައެވެ. އެހަނގުރާމަ މިހާރު މިސްރާބު ޖަހަމުން އެގެންދަނީ ސީދާ އެމެރިކާއާ ދިމާޔަށެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެހަނގުރާމަ ޖޯޖް ބުޝްއަށް ފެނިވަޑައިގަންނަވާ ބިރުވެރި ހުވަފެންފުޅުތަކަކަށް ބަދަލުވެދާނެއެވެ. އަޅުގަނޑު ދެކޭގޮތުގައި އެހަނގުރާމައިގެ ނިމުންވެސް ފެނިގެންދާނީ އެހަނގުރާމައިގެ ފެށުމާ އެއްގޮތަކަށެވެ. އެގާރަ ސެޕްޓެމްބަރެކޭ އެއްގޮތަކަށް ވަރަށް ބޮޑު ހަލާކަކުންނެވެ.

ސުވާލު: މިކަލަ ނާޒުކު ވަގުތެއްގައި މުސްލިމުން ގެންގުޅެންވީ ކޮން ކަހަލަ ޙިކުމަތު ޢަމަލީއެއްތޯއެވެ؟
ޖަވާބު: މުސްލިމުން މަތިހަށި ނަގައިގެން ތިބެ ކުރިޔަށް ދާންވީއެވެ. މުސްލިމުން އެބައިމީހުންނަކީ ކޮންބައެއް ކަމާމެދު ފަޚުރުވެރިވާން ޖެހޭނެއެވެ. އަދާވާތްތެރީން އިސްލާމްދީނާ ދެކޮޅަށް ގެންގުޅޭ އުޞޫލުތައް އެއްގޮތަކަށް ވެސް ބަރުދާސްކޮސްގެނެއް ނުވާނެއެވެ.

ސުވާލު: ސީ.އައި.އޭ އިން ވަނީ ކަލާ އަވަހާރަކޮށްލަން މަސައްކަތް ކޮށްފައެވެ. ކަލާވަނީ މުޅި އެމައްސަލަ ތަޙްޤީޤް ކުރައްވަން މަސައްކަތްޕުޅު ކުރައްވައިފައެވެ. މިހައިތަނަށް އެކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ލިބިވަޑައިގެންފިތޯއެވެ؟ އެކަމާ ގުޅިގެން ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ނުރައްކާތެރިކަން މިހާރު ވަނީ ފިލައިފައިތޯއެވެ؟
ޖަވާބު: ސީ.އައި.އޭ އިންވަނީ އަޅުގަނޑާ ބެހޭގޮތުން އެމީހުން ތައްޔާރުކުރި ފައިލް އަޅުގަނޑުގެ ވަކީލަށް ދިނުމާ ދެކޮޅު ހަދައިފައެވެ. އަޅުގަނޑު އަމިއްލަ ގޮތުން މިހާރު ވަނީ އެކަންތައްގަނޑު ހަނދާން ނައްތައިލައިފައެވެ. އަޅުގަނޑުގެ މަސައްކަތާއިގެން ކުރިޔަށް ދާން ނިންމައިފައެވެ. އެހެނީ އެމީހުން ބޭނުންވަނީ އެމީހުން ކުޅޭ ޑްރާމާއެއްގައި ކުލަޖައްސައިދޭ މުމައްސިލާއަކަށް އަޅުގަނޑު ހަދާށެވެ. ހަނގުރާމައާ ދެކޮޅަށް ހިންގޭ މިތަޙްރީކާ މެދު އެމީހުންގެ ސަމާލުކަން އެއްކިބާކޮށްލުމަށް މެދު ފަންތީގެ، ކުށެއްނެތް، ދޮންމީހަކު ލައްވައި ޒާތީ ހަނގުރާމައެއް ފަށްޓުވާށެވެ. އަޅުގަނޑު އެކަކު ދެކެވެސް ޖެހިލުމެއް ނުވެއެވެ. މާތްﷲ ފިޔަވައި އެއްވެސް ފަރާތެއް ދެކެ ބިރެއް ނުގަންނަމެވެ.

ސުވާލު: އެމެރިކާއިން ސެޕްޓެމްބަރ އެގާރައިގެ ޙާދިޘާގެ ބޭނުން ހިފައިފައިވަނީ ކޮންގޮތަކަށްތޯއެވެ؟ މީހުންގެ ހިތްތަކުގައި އެމެރިކާއާ އިދިކޮޅު ޖަޒުބާތު އާލާކުރުވުމުގައި ސެޕްޓެމްބަރ އެގާރައިގެ ޙާދިޘާ މުހިންމު ދައުރެއް އަދާކުރާ ކަމުގައި ކަލާ ޤަބޫލުކުރައްވަމުތޯއެވެ؟
ޖަވާބު: އެމެރިކާއާ އިދިކޮޅު ޖަޒުބާތު އުފެދިފައި ނެތް ތަނެއްމިހާރަކު ދުނިޔެއަކު ނެތެވެ. އެމެރިކާއިން އެގާރަ ސެޕްޓެމްބަރ ޙާދިޘާ ބޭނުންކޮށްފައިވާ ކުށްގޮތުގެ ނަތީޖާ އަދި ކިރިޔާ ފެންނާން ފެށީއެވެ. މިހާރުވެސް ސްޕޭނުންވަނީ ޢިރާޤުގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން އެމީހުންގެ ޖަޒުބާތު ފާޅުގައި ހާމަކޮށްފައެވެ. އިނގެރޭސިވިލާތުގެ އާންމުންގެ ފަރާތުން ޓޯނީ ބްލެއަރއަށްވެސް ލިބިވަޑައިގަންނަވާނީ ސްޕޭނުގެ ޢާންމުންގެ ފަރާތުން އެތާނގެ ކުރީ ބޮޑުވަޒީރު އިޒްނާއަށް ވެސް ލިބިވަޑައިގަތް ހަދިޔާއެވެ. އެބޭފުޅުންގެ ކުށަކީ އެބޭފުޅުންނަށް ވޯޓު ދިން މީހުންގެ މަޝްވަރާ ޤަބޫލުކުރެއްވުމުގެ ބަދަލުގައި އެމެރިކާގެ އޯޑަރ ޤަބޫލުކުރެއްވި ކަމެވެ.

ސުވާލު: ކަލާވަނީ ޤަޠަރުގައިވެސް ދުވަސްކޮޅެއް ހޭދަކުރައްވައިފައެވެ. ޤަޠަރާމެދު ކަލާގެ ތަޖުރިބާއަކީ ޚާއްޞަކޮށް އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ތަޖްރިބާއަކީ ކޮބައިތޯއެވެ؟
ޖަވާބު: ޤަޠަރަށް ދިޔުމުން އަޅުގަނޑު ވަރަށް ބޮޑަށް މާޔޫސްވިއެވެ. ނަމަވެސް ޤަޠަރަކީ އަޅުގަނޑަށް ވަރަށް ބޮޑު ފިލާވަޅެއް ލިބުނު ތަނެކެވެ. އެފިލާވަޅަކީ އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް ކަމާއި، އެކަމަކު މިޒަމާނުގައި މުސްލިމުން ކަމުގައި ދަޢުވާކުރާ މީހުން އެގޮތެއް ނޫންކަމެވެ. ޤަޠަރުގައި މަސްޖިދު އަބޫބަކުރުއްޞިއްދީޤަށް އަޅުގަނޑު ގޮސް އުޅުނީމެވެ. އަޅުގަނޑު އެމިސްކިތަށް ދިއުމުން މީހުން އުފާވާކަމުގެ ހިތްގައިމު އިޙްސާސް އަޅުގަނޑަށް ކުރެވުނެވެ. ނަމަވެސް އަޅުގަނޑު ޤަޠަރަށް އެންމެ ފުރަތަމަ ގޮސް މިސްކިތަކަށް ދިޔުމުން އެތަނުން އަޅުގަނޑާ މެދު ޢަމަލުކުރި އިހާނެތިގޮތަކީ އޭގެ ކުރިން އަޅުގަނޑަށް މުސްލިމުންގެ ތެރެއިން ތަޖުރިބާ ކުރެވިފައި ނެތް ކަމެކެވެ.

ސުވާލު: ޠާލިބާނުންނާ ގުޅޭ ޙާދިޘާއަކީ ކަލާގެ މަސައްކަތްޕުޅުގެ ދާއިރާއާއި، ކަލާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ވަރަށް ބޮޑު ހާދިޘާއެއް ކަމުގައި ޤަބޫލުކުރައްވަމުތޯއެވެ؟
ޖަވާބު: އަޅުގަނޑުގެ ޚިޔާލުގައި އެއީ ތިޔަ ވިދާޅުވި ވަރުގެ ކަމެއް ނޫނެވެ. ޠާލިބާނުންގެ ތަޖްރިބާއަކީ އަޅުގަނޑުގެ ޙަޔާތުގައި މަރު އަޅުގަނޑު ކައިރިން ދުށުމުގެ ތަޖްރިބާއެކެވެ. މިހާރު އަޅުގަނޑު ޤަޞްދުކުރަނީ ސީރިއަސްކަމާއެކު ސިޔާސީ ދާއިރާއަށް ވަންނާށެވެ. ހަމައެކަނި ހައްޤާއި އިންސާފަށްޓަކައެވެ. އަޅުގަނޑު އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ އަދިވެސް އަޅުގަނޑުގެ ވާހަކަ ޚަބަރުތަކުގެ ފަލަ ސުރުޚީއަކަށްވާނެ ކަމުގައެވެ.

(ނިމުނީ)