ވާހަކަ

ކުރުވާހަކަ: އިމްތިހާނު

މަރިޔަމް ޝަފާ އިބްރާހިމް

5

"ރޭޑް...ރޭޑް...އޭތްޔޯތް...ރޭޑް.."

އަރާމު ނިންޖަކުން ހަމަޖެހިގެން ނިދާލަން ލިބޭ ހަމައެކަނި ދުވަހަށްވިޔަސް މިއީ އަހަރެން ދިރިއުޅެމުން މިދާ މާހައުލުގައި އެންމެ ނުނިދޭނެ، ހުޝިޔާރުވެ ފާރައަށް ހޭލައި އިންނަން ޖެހޭ ދުވަހެކެވެ. ފަތިސް ނަމާދުން ނިމިގެން އިރު އެރުމުގެ ކުރިން ޒިކުރު ކޮށްލަން އަށީގެ ކޮޅުގައި ބުރަކަށިޖައްސައި، ލެގިލައިގެން ގޮދަޑިއަށް ދެފައި ދަމާލައިގެން އިންއިރު ކުޑަދޮރުގެ ދަގަނޑު ތޭރިތަކުން ކޮރިޑޯތެރެއާއި ދަގަނޑު ފެންސުގެ ގޮޅިތައް ފުރޭނިގެން ޑިއުޓީން ތިބޭ ޕޯސްޓު، އަހަރެމެން އެންމެން ކިޔާނަމުންނަމަ ބަންކަރުގެ ދޮރު ހަމަ ސާފުކޮށް ރީއްޗަށް ފެނެއެވެ. މިގޮޅި ހޮވުނީ އެތައްބައެއްގެ އަގުލަބިއްޔަތުން ނެގި ވޯޓުން ފާސްވެގެންނެވެ. ހާއްސަކޮށް އަހަރެން އިނުމަށް ނިދުމަށް އަށި ހަމަޖެއްސީވެސް އެންމެންގެ ރުހުން ލިބިގެންނެވެ. މިތަނުގައި އިންނައިރު ވަރަށް ސާފުކޮށް ޑިއުޓީ ޕޯސްޓުން ނުކުންނަތަނާއި ކުރާ ކަންތައްތަކާއި ހަރަކާތްތަކާއި އެނބުރި ޕޯސްޓަށް ވަންނަ މަންޒަރަށް ދާންދެން އުނދަގުލަކާނުލައި ފެނެއެވެ. މިއީ އަހަރެންގެ ގޮޅިކަމަށް ހަމަޖައްސަން ޖެހުނީ ސަބަބެއް ނެތި ނޫނެވެ.

ރޭޑޭ ކިޔާ އެހަޅޭއްލަވައިގަތީ ޖަލުގައި އުޅޭތާ އެންމެ ދުވަސްވެފައި އިން އެކަކެވެ. އާރިފައްތައަކީ މުޅި ޖަލުގެ ރޫހެވެ. ފަތިސްނަމާދުން ނިމިގެން ޖަލުތަކުގެ ދޮރުހުޅުވަންދެން މާނައަކީ ހައެއް ޖަހަންދެން ހޭލައި އިނދެ ހުޅުވާ ދޮރާއެކު ޑިއުޓީން ފަަހަތުން ނުުކުމެ ޓީވީ ހޯލުގައި ހުންނަ ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލައިގެން އޮންނާނެއެވެ. މިއަދާހަމައަށް ޖަލުގައި މިވީ ހަތަރު އަހަރު ތެރޭގައި މިގަޑީގައި އަންނަ އެއްވެސް ބަލައިފާސް ކުރުމަކަށް އާރިފައްތަގެ ނަޒަރުން ސަލާމަތްވެފައެއް ނެތެވެ. އަނެއްކާ މިއަދަކީވެސް އާރިފައްތަގެ އިނާޔަތް ކަނޑައިލާނެ ދުވަހެކެވެ. ރޭޑަށް ގޮވީތީއެވެ.

ޖަލުގެ އޮފިސަރުން އެމީހުންގެ ވާޖިބު އަދާ ކުރަމުން ދިޔައިރު އަހަރެން ހަމަޖެހިލައިގެން އިނީ އަހަރެންގެ ގޮޅިން އެކަހަލަ އެއްޗެއް ނުފެންނާނެކަމުގެ ޔަގީންކަން އޮތުމުންނެވެ. "ބާކީ އޮތީ އެންމެ އަހަރެއް ދޯ؟ ރުހާ މާލެ ދިޔައިމަ ކުދިން ވަރަށް ފޫހިވާނެ.. މިހާރުވެސް އެވާހަކަ ދައްކާ... ދެން ނާންނާތި! ތީ މިކަހަލަ ތަނަކަށް އެކަށީގެންވާ ވަރު މީހެއް ނޫން!"

ތަންތަން ފާސްކުރަމުން އަންހެންޖަލު ބަލަހައްޓާ ޔުނިޓުގެ އިންޗާޖް ޒަހީރާ ބުނެލިއެވެ. އަހަރެން ހީނލީމެވެ، މިވީ ހަތަރު އަހަރު ތެރޭ އެންމެ ގިނައިން އިވޭ އެއްވާހަކައަކީ އެއީއެވެ. އަހަންނަށް އެވާހަކަ އެހާ ކަމަކުނުދެއެވެ. މިތަނަށް އަހަރެން ގެނެސް ލައިފައި މިއިނީ ހަމަޔަގީނުންވެސް ސީދަލަށް އުޅެނިކޮށް، ކުށަކާނުލައެއް ނޫނެވެ. މީހަކު މަރާލަން މަސައްކަތްކޮށް އެމީހާ ނުކުޅެދޭ މީހަކަށް ހެދުމުގެ ކުށުގައި އަހަންނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލުހުކުމުން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ.

***********

އަހަންނަކީ ރާއްޖޭގެ އުތުރުގެ އަތޮޅެއްކަމަށްވާ ހައްދުންމަތީ އުތުބުރީގެ ކެލައަށް އުފަން މަންމައަކާއި ރ އަތޮޅު މަޑުއްވަރީ ބައްޕައެއްގެ ނުވަދަރިންގެ ތެރެއިން ހަތަރުވަނަ ދަރިފުޅެވެ. ދޮށްޓަށް ތިބީ ތިން ބޭބެއަކާއި ހަގަށް ތިބި ދެއަންހެންކޮއްކޮއަކާއި ތިން ފިރިހެންކޮއްކޮއެކެވެ. މަންމަވެސް ބައްޕަވެސް ފުރަތަމަ ކުރި ކައިވެނިން ދެތިން އަހަރުވީއިރުވެސް ދަރިން ނުލިބޭތީ ވަރިވީކަމަށް އެމީހުން ބުނެއެވެ. އޭރަކީ ޑޮކްޓަރުންނަށް ދައްކައި އުނިކަން ހުރީ ކާކުގެ ކިބައިގައިތޯ ބަލާނެވަރުގެ ހޭލުންތެރި ޒަމާނެއް ނޫނެވެ. މަންމައާއި ބައްޕަ ކައިވެނި ކުރީ އެކަކު އަނެކެއްގެ ހާލަށް ހަމްދަރުދީ ވެގެންނެވެ. ކައިވެންޏަށް ހަތަރުމަސް ވީއިރު މަންމަ އިނީ ތިންމަހުގެ ދަރިފުޅަކަށް ބަލިވެއެވެ. މަންމައާއި ބައްޕަގެ ނިމިގެން ދިޔަ ކައިވެނިތަކުން ނުލިބުނު އުފާ ލިބުނީއެވެ. މަންމަ ވިހެއީ އަހަރު ދެކޮޅެވެ. ކިރިޔާ އަނގައާއި އަތާ ދިމާކުރެވޭވަރުގެ ހާލެއްގައި ކުދިންކޮޅު ބަލައިބޮޑުކުރުމުގައި މަންމައާއި ބައްޕަ އުޅުނީ ވަރަށް އެކުވެރިކަމާއި ލޯތްބާއެކުގައެވެ.

އަަހަރެން ބޮޑުވަމުން އައީ ފުދޭ އާއިލާއެއްގެ ތެރޭގައެކޭ ނުބުނެވޭނެއެވެ. ކިރިޔަކިރިޔާ ބަނޑުފުރާނަ މުއްތި ކުރެވޭވަރުގެ ހާލެއްގައި ބޮޑުވަމުން އައި ކުދިންތަކަކަށް ވިޔަސް އަހަރެމެން ހުރިހާ ކުދިންނަށް މާތްކަލާނގެ ދެއްވީ ވަރަށް ފުރިހަމަ ސޫރައެކެވެ. މަންމައާއި ބައްޕަވެސް އަހަރެމެން ކުދިންކޮޅުގެ ސިފައާއި ކުލައާމެދު އުފާކުރެއެވެ. އަހަރެމެންގެ ރީތިކަމާ އެއްވަރަށް އުޅުމާއި އަހުލާގުވެސް އެހައިމެ ރަނގަޅު ކުދިންނަށް ހެދުމަށް މަންމަމެން މަސައްކަތް ކުރިއެވެ. އަދި އެކަން ކާމިޔާބުވެސް ކުރި މެއެވެ. މަންމަމެންގެ ފެންވަރުން އަހަރެމެން އެންމެނަށްވެސް އުނގަންނައިދިނެވެ. ހާލަތު އެފުށްމިފުށަށް ޖެހެންދެން އަހަރެމެން އުޅުނީ ފަގީރަކަސް އުފަލުގައެވެ. މަންމަ ނިޔާވެ ބައްޕަ އެކަނިވެ އަހަރެމެން ހުރިހާ ކުދިންގެ ބޯމަތިން މައެއްގެ ހިޔާވަހިކަން ނެތުމާ ހަމައަށެވެ. އޭރު އަހަރެން ކިޔަވަމުން އައީ ރަށު ސުކޫލުގެ ގުރޭޑު ހަތެއްގައެވެ. ދޮށީ ބޭބެމެން އިތުރަށް ކިޔެވުމުގެ ބަދަލުގައި ރިސޯޓުތަކަށް ދިޔައީތީ އަހަރެންގެ ހަގަށް ހުރި ފިރިހެން ކޮއްކޮވެސް ތޭރައަހަރުގައި ރިސޯޓަށް ދިއުމަށް ފައިވިއްދާލައިގެން އުޅެނިކޮށް މަންމަ ނިޔާވުމުން އޭނާގެ އެމަސައްކަތް ހަގުނަ އިތުރުކުރިއެވެ. މަޔަކާއި ނުލައި ހުރިހާ ކުދިންގެ ކަންކަން އެންމެ ފުރިހަމަޔަށް ގެންދެވޭނެ ވަރުގެ ބާރެއް ބައްޕަގެ ނެތެވެ. އަމުދުން މަންމަ ވަކިވެ، އެކަނި ކުދިން ބޮޑުކުރުމުގެ ބުރަ ކޮނޑަށް ނަގާވަރުގެ ގަދަފަދަ ބައްޕައަކަށް އަހަރެމެންގެ ބައްޕަ ނުވެއެވެ. ރިސޯޓަށް ދިއުމުގައި ފިިރިހެންކޮއްކޮ ކާމިޔާބު ހޯދިއެވެ. ބާކީ ތިބީ އަހަރެމެން ތިން އަންހެންކުދިންނާއި ދެފިރިހެން ކޮއްކޮއެވެ.

އަންހެންކުއްޖަކު މިނަށްވުރެ ރީތިވެއްޖެއްޔާ އޭނާއަށް ދިމާވާ ދަތިތަކާއި އުނދަގޫ ގިނަވާނެއޭ މުސްކުޅިން ބުނެއުޅެއެވެ. އަހަރެމެން ތިން އަންހެންކުދިންނަކީ ބައްޕައަށް ލިބުނު ސޮއިކޮށްފައިވާ ބްލޭންކް ޗެކްތަކެކެވެ. ރަށުގެ މަހުޖަނުން ތިބެނީ ތަލިން ކުޅުހިކިފައެވެ. އަހަރެމެން ތިން ކުދިންގެ ތެރެއިން އެންމެ ހަގަށް އިން ހުދާއަށް ބާރަވީ މަންމަ ނިޔާވިތާ ތިން އަހަރު ފަހުންނެވެ. ހުރިހާ ކުދިންގެ ތެރެއިން އެންމެ ރީތިވެފައި ފުރިހަމައީ ހުދާއެވެ. އެއީ އޭނާގެ ގައިގެ ކުލަ އެހެން ކުދިންގެ ގައިގެ ކުލައަށްވުރެ ތަފާތުކޮށް މާބޮޑަށް ދޮންވެފައި އެހެން ކުދިންނާއި ހިލާފަށް ބުޅި އިސްތަށިގަނޑަކާއި ވިލުފެހިކުލައިގެ ލޮލެއް ލިބިފައިވުމާއެކު އޭނާގެ އިސްކޮޅު ދިގުވުމެވެ. ރަށުތެރޭގައި ފިލްމުބަލައި އުޅޭ މީހުން ކިޔަނީ އެއީ މޮޑެލް ކުރާ ކުއްޖަކާ އެއްވެސް ތަފާތެއް ނެތް ކުއްޖެއް ކަމަށެވެ.

އަހަރެން އަމިއްލަ ވާހަކަ ބާއްވާފައި ހުދާގެ ވާހަކަ ދައްކާތީ ހައިރާންވާނެކަން ނޭނގެއެވެ. އެކަމަކު މިއީ އަހަރެންގެ މިދިރިއުޅުމުގެ ފެށުން އައި ގޮތުގެ ވާހަަކައެވެ. މިއަދު އަހަރެން ތޭރިތަކުގެ ފުރަގަހުގައި މިހެން އިންނަން ޖެހުނީތީ ވާންޖެހޭ ވަރަކަށް ކަންބޮޑެއް ނުވެއެވެ. މީހުން އެބުނާ ވަރަކަށް ދެރައެއްވެސް ނުވެއެވެ. ކީއްވެގެން ކަން އެނގޭހެއްޔެވެ؟ އަހަރެން މިތާނގައި މިހެން އިންނައިރު މަގޭ ކޮއްކޮމެން ތިބީ ސަލާމަތުން ރައްކާތެރިކަމާއެކު އަމާން މާހައުލެއްގައި ފުދޭ ދިރިއުޅުމެއްގައިކަން އެނގޭތީއެވެ.

މަންމަ ނިޔާވިފަހުން ބައްޕަގެ ސިކުނޑި އެއްގޯސްވީ ތޯއްޗެކެވެ. އަހަރެމެން އަންހެންކުދިންނާމެދު މަންމައާއެކު ބައްޕަ ދުށް ހުވަފެންތައް ވަނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ބައްޕައަށް ބަޔަކަށް ވީ ފިރިހެން ކުދިންނެވެ. އަހަރެމެން ތިން އަންހެންކުދިން ވީ ބުރައަކަށެވެ. އިވޭ އަޑުތަކަށް ބީރުކަންފަތެއް ދޭން ބޭނުންވިޔަސް ހަގަށް ތިބި ދެކޮއްކޮއިންގެ ހައްގުގައި އަހަރެން އައްޑަނަ ނަގައިގެން ހަނގުރާމައިގެ މައިދާނަށް ނުކުތީމެވެ. ބައްޕަ އަހަރެންގެ ކައިވެނި ކުރުވަން ބާރު އެޅުމުން އަހަރެން ހިތްވަރުކޮށްލާފައި ދެކޮޅުހެދީމެވެ. އެހެންނަމަވެސް ދެން އިން ކޮއްކޮއަށް އެއުނދަގޫ ޖެހޭކަށް ކެތެއް ނުވިއެވެ. އޭނާގެ ހައްގުގައި ޝަކީބާއި އިންނަން އެއްބަސްވީމެވެ. އަހަރެންގެ ފަރާތުން ގެއަށް މުދަލާއި ފައިސާ އޮހުނެވެ. އެކަމަކު އެހިސާބުން ބައްޕައަށް އަހަރެންގެ ހަގަށް ތިބި ދެއަންހެން ކުދިންނަކީ ރަންބިސް އަޅާ ކުކުޅުތަކެއްކަން ޔަގީންވެއްޖެއެވެ. ހުދާގެ ކައިވެންޏަށް އެދިގެން އަންނަ މީހުން ގިނަވާން ފެށިއެވެ. އަހަންނާއި ހުދާއާ ދެމެދަށް އިން ނުހާ ކިޔަވަން މާލެ ފޮނުވީ އެބިރުން ސަލާމަތް ކުރަންވެގެންނެވެ. އެކަމަކު ހުދާއާމެދު ބައްޕަ އެހެން ކަންތައް ކޮށްފާނެކަމަކަށް އަހަރެން ފަހަރެއްގައިވެސް ހީއެއްނުކުރަމެވެ.

ހަގީގަތުގައި ކަންތައް ވަމުންދާގޮތް އަހަންނަށް ފަހުމުވާން ފެށީ އެހިސާބުންނެވެ. މަންމަ ނިޔާވުމުން ބައްޕަ ވަގުއަނބިން ގެންގުޅެން ފެށީއެވެ. އެކަކު ނޫނެވެ. ދެތިން މީހުންނެވެ. އެމީހުންނަށް ހަރަދުކުރުމުގައާއި އެހެން ގޮތްގޮތުންވެސް އައްޔާޝީ ކުރުމުގައި ބައްޕަ ހުރީ ދެލޯކަނުވެފައެވެ. އާއިލާ ރޫޅި އެންމެން އެހެންމިހެން ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ގަދަބާރުލާފައި ބައްޕައާ ދެކޮޅަށް ފައި ވިއްދަން އަހަރެން ގެއަށް ދިޔައީމެވެ. ކައިވެންޏަށް ފަހު އަހަރެން އުޅެމުން ދިޔަ ފިރިމީހާގެ ރަށް ތ އަތޮޅު ވޭމަންޑޫން، އަނެއްކާވެސް އަހަރެން އުފަންބިމަށް ބަދަލުވީމެވެ.

ހަގީގީކުލަ މަންޒަރު ފެންނަން ފެށީ ދެނެވެ. ބައްޕަ ފައިސާއަށް ބޭނުންވެގެން ދަރިން ވިއްކާލިނަމަވެސް އަހަންނަށް މައްސަލައަކަށްނުވީހެވެ. ކެތްކުރެވުނީހެވެ. އެކަމަކު އަހަރެމެންގެ ބައްޕަ އެހާ ހަޑި ހުތުރު އަމަލެއް ކޮށްފާނެކަމަަކަށް އަހަރެމެން އެއްވެސް ކުއްޖަކު ހީއެއްނުކުރެއެވެ.

ހުދާގެ ރީތި، ޅަ، މައުސޫމުކަން ވެއްޔާ މޮޑެވޭތަން ބަލާކަށް ހިތަކަށް ކެތެއް ނުވިއެވެ. މަންމަ ނިޔާވިއިރު ހުދާގެ އުމުރަކީ ދިހައަހަރަކަސް، އޭނާ ވިހޭ ގޮތަށް އުރާލައިގެން ގެންގުޅުނީ އަހަންނެވެ. އޭނާގެ ފުރާވަރު އައީ މަގޭ އަތްމަތީގައެވެ. އޭނާގެ ފުރަތަަމަ ސުކޫލު ދުވަހު ގެއަށް އައިސް އޮތީ މަގޭ އުނގުގައެވެ. މިހުރިހާ ސަބަބަކަށްޓަކައި ހުދާއަކީ އަހަރެންގެ އުފަން ދަރިފުޅެއްކަހަލައެވެ. ހަތަރުފަސް އަހަރުގެ އުމުރުގެ ތަފާތަކަސް އަހަރެންނަށް ހުދާއަކީ ހަގު ކޮއްކޮއަކަށް ވުރެ ދަރިފުޅެކެވެ.

ރަށަށް އައުމުގެ ކުރިން ފޯނުން ގުޅާފައި ހުދާ ދެއްކި ވާހަކަ ތަކުގެ ހަގީގަތް ފެނުމުން އަހަންނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އެންމެ ހަގު ދެފިރިހެން ކޮއްކޮ ހުންނަނީ ބޮޑުދައިތައެއްގެ ގޭގައެވެ. އެކުދިންނަށް މިމަންޒަރެއް ނުފެނެއެވެ.

އަހަންނަށް އަތަށް ހެޔޮވަރު ކޮށްލެވުނު ދަގަނޑު ޑިމަރުން ޖެހުނީ ހުދާގެ ގައިމަތީ އޮތް ކަމީނާ އިންސާނާގެ ބޮލުގައި ވަރުހުރި އެތިފަހަރެކެވެ. ބުރައިގެން ދިޔަ ލެއަށް ސަމާލުނުވެވި ނިވާކަމެއް ނެތް ކޮއްކޮގެ ގައިމަތީގައި ބެޑްކަވަރު އަޅައި ނިވާކޮށް ގަޔާއި ކައިރިކޮށްލީމެވެ.

އެވަގުތުން ފެށިގެން އަހަރެން އެއްބަނޑަށް ތިބި ހުރިހާ ކުދިންގެ މަންމައަކަށްވީއެވެ. ހުރިހާ ކުދިންވެސް ހަގީގަތާ ކުރިމަތިލީ ދެލޯ ހުޅުވައިގެން ކެރިތިބެއެވެ. ކުޑަކުޑަކޮއްކޮގެ އާދަޔާހިލާފު ރީތިކަމަށް ދަހިވީއިރު އެއީ ހުދު ތިމާގެ އަމިއްލަ ލޭ ހިނގާ ތިމާގެ އުފަން ދަރިއެއްކަން ވިސްނައިނުލެވުނު މީހަކަށް ދެން އެނގޭނީ އެހެން ކޮންއެއްޗެއް ހެއްޔެވެ؟ އަހަރެމެން ހުރިހާ ކުދިންވެސް މިކަމުގައި ލަދު އެއްފަރާތްކޮށްލާފައި މުޖުތަމައުގެ ހުރިހާ ކަމަކާ ކެރިތިބެ ކުރިމަތިލީމެވެ. ޑޮކްޓަރުންގެ ރިޕޯޓާއި ކޮއްކޮގެ ބަޔާން މަޖީދު ބާރައަހަރަށް ހުރަގެއަށް ފޮނުވާލުމަށް ފުދުނެވެ. އަހަރެންގެ ހުކުމް ލުއިވީ ހާދިސާއަށް އަހަރެން އެއްބަސްވުމާއި ކަން ހިނގާފައިވަނީ ކޮއްކޮގެ ދިފާއުގައިކަމަށް ވެފައި އަހަރެންގެ އެތިފަހަރުން ނުބައި މީހާ މަރުނުވީތީއެވެ.

އަހަރެންގެ އެތިފަހަރުން މަޖީދު މަރުނުވެ ސަލާމަތްވިޔަސް އޭނާގެ ބޮލަށް ލިބުނީ ކުޑަނޫން އަނިޔާއެކެވެ. ހެވެވެ. އެފަދަ މީހުން މަރުވިޔަސް ފަރުވާލެއް ނެތެވެ. ދަރިންގެ ރަހައިން ކަރުހިއްކުން ފިލުވާ ބަފަޔަކު އުޅޭ ތަނެއްގައި އޮންނާނީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ. ހަގީގީ ވާހަކަ އެނގުނީ އެހާދިސާއަށް ފަހު ޝަރީއަތަށް ކޮއްކޮ ދިން ބަޔާނުންނެވެ. ނުލަފާ ޝައިތާނު މިނުބައި އަމަލު ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މަންމަ ބަލިވެ، އޭނާގެ ދައުވަތުތަކަށް އެއްބަސްނުވެވޭވަރަށް ހާލުދެރަވީ ހިސާބުން އިނބިލީހުގެ އަނތްބަކަށް މިހެދީ ކުޑަކުޑަ އަންހެންދަރިފުޅެވެ. އަވަހަށް އަހަރެންގެ ކައިވެނި ކުރުވައި ނުހާ މާލެ ފޮނުވުމަށް އެއްބަސްވެ ގޭތެރެ އަމާންކުރީ އޭނާގެ ފާހިޝު އަމަލަށް މަގުފަހި ކުރުމަށެވެ. އަނެއްކޮޅުން މަހުޖަނަކާ ކައިވެނިކުރުވުމުގެ ޕްލޭނަކީ ދުނިޔެއަށް ދެއްކުމަށް މިނުބައި މީހާ ރޭވި މާސްޓާ ޕްލޭނެކެވެ. ދެރައެއް އިތުރަކަށް ނުވެއެވެ. އެކަހަލަ މީހަކު ބައްޕައަކަށް ވުމަކީ އަހަރެމެންގެ ބަދުނަސީބުކަމަކަށްވެސް ނުދެކެމެވެ. އެކަމަކު އެއީ އަހަރެމެން ހުރިހާ ކުދިންނަށް ލިބުނު ފިލާވަޅެއްކަމަށް ގަބޫލުކުރަމެވެ. ދިރިއުޅުމުގައި އެކިމީހުންނަށް ދިމާވާނީ އެކިކަހަލަ އިމްތިހާނުތަކެވެ.

********

ގޮޅިތައް ބަލައިފާސްކޮށްގެން ފެނުނު ސާމާނު ހިފައިގެން ޑިއުޓީ އޮފިސަރުންތައް ގޮސް ނިމެންދެން ކުޑަދޮރުން ބަލަން އިނީމެވެ. ފާސްކުރުން ކުރިއަށް ދިޔައިރު ތަޅުލާފައި ހުރި ދޮރުތައް ހުޅުވައި ޖަލުތެރެ އަމާންވެ ހަމަޖެހުމުން އަހަރެން ފެންކައްކާ ޖަގު ނެގީމެވެ. ކުޑަދޮރުން ބޭރު ބަލަން އިނދެ ފަރިތަކަމާއެކު ޖަގުގެ ބުޑު ނައްޓާލީމެވެ. އަދި އަވަހަށް ފޯނު ނަގައި އޮންކޮށް ހުދާއަށް ގުޅާލީމެވެ. މިތަނުގައި މަނާކަމަކަށް ވިޔަސް ވަގުވަގަށް ފޯނު ގެންގުޅެނީ އާއިލާއާ ގުޅުން ބޭއްވުމަށެވެ. ތަނުން ދޭ އެންމެ ހަތްމިނިޓުގެ ކޯލުން ދެއްކޭނީ ކޮން ވާހަކައެއް ކިހިނެއްހެއްޔެވެ؟

ފޯނުނެގުމާއެކު ހުދާ އުފަލުން ބާރަށް ގޮވާލި އަޑު އިވުނެވެ. "ދޮންތާ… އަހަރެން މުޅި ކޯހުން ހައެސްޓް ހޯދައިފިން... މިއިނީ ދޮންތަގެ ފޯނު ނުހުޅުވައިގެން..." ހުދާގެ ވާހަކަ ނުނިމެނީސް ނުހާގެ އަޑު އިވުނެވެ.

"ދޮންބޭބެމެން ތިއްތިމެން އެންމެން އެބައުޅޭ... ދެން ދޮންތަވެސް އަންނަންވީ... މިހާރު ވާވަރުވެއްޖެއެއްނު..."

އަަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

(ނިމުނީ)