އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރަކީ ގާނޫނާހިލާފު ގަރާރެއް ކަމަށާއި އެ ގަރާރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކުރީގެ އުއްތަފަނޑިޔާރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައެޅުމާ ގުޅިގެން މިއަދު ނެރުއްވި ގަރާރެއްގައި ރައީސް ސޯލިހު ވިދާޅުވީ، އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ގަރާރުގައި އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ސޯލިހުގެ އެ ގަރާރާ ގުޅިގެން މިރޭ އަބްދުﷲ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނޫއަސާސީގެ 115 ވަނަ މާއްދާއާ ހަވާލާ ދިނުމަކުން ބާތިލު ގަރާރެއް ސައްހަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މުތުލަތު ސިފައެއްގައި ގާނޫނޫއަސާސީއާ ހިލާފު، ތިޔަ ގަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިންގާ އެއްވެސް ސަރަހެއްދެއްގައި ގާނޫނީގޮތުން ތަންފީޒުކުރެވޭނެ ގަރާރެއް ނޫން." އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ އެ ގަރާރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ވަނީ މާލޭގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގައިފައެވެ. ބެނާ ހަރުކުރި ގެތަކުގެ ތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭނު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހިވެސް ހިމެނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސޯލިހުގެ އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށްޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.