ބްލެކްސީގައި ގާއިމްކޮށްފައިވާ ރޫސީންގެ ނޭވަލް ފްލީޓްގައި ހިމެނޭ އެންމެ ބޮޑު މަނަވަރު ބުރާސްފަތި ދުވަހު ވަނީ ފެތިފައެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގެ ނަމުން ނަންދެވިފައިވާ މޮސްކްވާ މަނަވަރަކީ ރޫސީންގެ ބްލެކްސީ ފްލީޓްގެ ފަޚުރެވެ. މަނަވަރު ފެތިފައިވަނީ އަލިފާނުގެ ހާދިސާޔަކާއި ގުޅިގެން ވަރަށް ބޮޑަށް ހަލާކުވެ ކަފުޖަހައިގެން ބަނދަރަކަށް ގެންދިޔުމުގެ މަގުމަތީގައެވެ. މި މަނަވަރަކީ ސޯވިއެޓް ޒަމާނުގެ ވަރަށް ދުވަސްވީ މަނަވަރެކެވެ. އެތައް އެތައް ހަނގުރާމައެއްގައި ބައިވެރިވެ ދިގު ތާރީޚެއް ލިބިގެންވާ މަނަވަރެކެވެ. މި މަނަވަރުގެ ތާރީޚާއި އޭގެ މުހިއްމުކަމަށް ވިސްނާއިރު މިހާދިސާއަކީ ރަޝިޔާގެ އަސްކަރީ ކެރިކުޅަދާނަ ކަމަށް އެރި ވަރަށް ބޮޑު ލޮޅުމެކެވެ. މިއީ ކިހާވަރެއްގެ ލޮޅުމެއްތޯ އަދި ޔުކްރޭނުގެ ހަނގުރާމަޔަށް ބަދަލެއް އަތުވެދާނެ ލޮޅުމެއްތޯ ބަލައިލުން މުހިއްމެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި މަނަވަރު ފެތުނީ އޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވަރުގަދަ ގޮވުންތަކެއް ގޮވައި ހަލާކުވެގެންނެވެ. އޭގައި ތިބި އެތައް ސަތޭކަ ފަޅުވެރިން އެހެން މަނަވަރަކަށް ނެގުމަށްފަހު ކަފު ޖަހައިގެން ބަނދަރަކަށް ގެންދިޔަ މަގުމަތީގައި ތޫފާނެއްގައި ޖެހިގެން ފެތުނީ ކަމަށްވެސް ބުނެއެވެ. ރަޝިޔާގެ މިބުނުން ޔުކްރޭނުން ދޮގު ކުރެެއެވެ. ޔުކްރޭނުން ބުނަނީ އެގައުމުގެ ސިފައިން ކްރޫޒް މިސައިލުން ހަމަލަދީ މަނަވަރު ގޮއްވައިލީ ކަމުގައެވެ. މިސައިލް ހަމަލާ ފޮނުވާލުމުގެ ކުރިން މަނަވަރުގެ ރާޑަރު ސިސްޓަމް ގަޑުބަޑުކޮށްލި ކަމަށްވެސް ބުނެއެވެ. ޔުކްރޭނުގެ މިބުނުން ސައްހަ ކަމަށް އެމެރިކާއިން ބުނެއެވެ. މިކަމެއް ހިނގިއިރު މަނަވަރު އޮތީ ޔުކްރޭނުގެ ދެކުނުގެ ބަނދަރެއްކަމަށްވާ އޮޑީސާއާ ވަރަށް ގާތުގައެވެ.
ގާތްގަޑަކަށް 12500 ޓަނުގެ މޮސްކްވާ މަނަވަރަކީ މަނަވަރުތަކަށް ހަމަލަދެވޭ ޒާތުގެ މިސައިލާއި އެއްގަމާއި ވައިގެ ހަމަލަދެވޭ ޒާތުގެ މިސައިލް އުފުލާ މަނަވަރެކެވެ. ރޫސީންގެ ބްލެކްސީ ފްލީޓްގައި ހިމެނޭ މިވައްތަރުގެ ހަމައެކަނި މަނަވަރަކީވެސް މިއީއެވެ. މިވައްތަރުގެ އެހެން ދެ މަނަވަރެއް ރޫސީންގެ ބޯލްޓިކް ފްލީޓާއި ޕެސިފިކް ފްލީޓްގައި ހިމެނެއެވެ. ތަޖުރިބާކާރުން އެއްބަސްވާގޮތުގައި މި މަނަވަރު ފެތުމަކީ އަސްކަރީގޮތުން ރަޝިޔާއަށް މާބޮޑު ހީނަރުކަމެއް އަންނާނޭ ހާދިސާއެއް ނޫނެވެ. ހަނގުރާމަތަކާއި ބެހޭ ކަންކަން ދިރާސާކުރާ ބައިނަލްއަގުވާމީ މުއައްސަސާއިން ބުނާގޮތުގައި މޮސްކްވާ މަނަވަރަކީ މަދުފަހަރެއްގައި ނޫނީ ހަމަލާދިނުމުގައި ބޭނުން ކުރެވިފައިވާ މަނަވަރަކަށް ނުވާތީ މިއީ ރޫސީންނަށް އެހާ ބޮޑު ގެއްލުމަކަށް ނުވާނެއެވެ.
މޮސްކްވާ މަނަވަރު ފެތުމަކީ ރޫސީންނަށް އެނގުންވާވަރުގެ ގެއްލުމެއް ނޫންކަމަށް ރޫސީ ތަޖުރިބާކާރުންވެސް ވަނީ ބުނެފައެވެ. މަނަވަރުގެ ބައުކަމާއިހެދި ޚިދުމަތުން ވަކިކޮށް ރޫޅައިލުމުގެ ވިސްނުން ގެންގުޅޭތާވެސް ފަސް އަހަރުވެފައިވާ ކަމަށް ތަޖުރިބާކާރަކު ބުންޏެވެ. މިހާރު ކުރިއަށްދާ ހަނގުރާމައިގައި މިމަނަވަރުގެ ބޭނުން ހިފުން މަދުކަމާއެކު މިހާދިސާއަކީ ހަނގުރާމަޔަށް އެއްވެސް ކަހަލަ އަސަރެއް ފޯރާނެ ހާދިސާއެއް ނޫންކަމަށްވެސް ބުނެއެވެ. ހަނގުރާމައެއްގައި ކުރެވޭ ބޭނުންތަކަށް ރިއާޔަތްކޮށްފައި މަނަވަރުގެ މުހިއްމުކަމަށްވުރެ ބޮޑީ އޭގެ ތާރީޚާއި ގުޅިފައިވާ މުހިއްމުކަމެވެ. މަނަވަރުގެ ބޭނުން ދޭތެރެޔަކުން ހިފާފައިވަނީ ޔުކްރޭނުގެ ސިފައިންގެ މަރުކަޒުތަކަށް ކްރޫޒް މިސައިލުން ހަމަލާދިނުމަށެވެ. އޭގެތެރޭގައި ހައިޕަރސޮނިކް މިސައިލް ހިމެނެއެވެ.
މިއީ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ރޫސީ ފްލީޓަށް އިތުރުކުރެވިފައިވާ ކްރޫޒަރ ކްލާސް މަނަވަރުތަކުގެ ތެރެއިން މަނަވަރެކެވެ. މި ވައްތަރުގެ މަނަވަރު ފަރުމާ ކުރެވިފައިވަނީ ދުރުހިސާބުތަކުގައި އެމެރިކާގެ ކަނޑުގެ ލަޝްކަރަށް ފާރަވެރިވެ ހުރަސްއެޅުމަށާއި ރޫސީންގެ ކަނޑުގެ ފައުޖަށް ވައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. މީގެ ދިގުމިނުގައި ހުންނަނީ 186 މީޓަރެވެ. ޖުމްލަ 476 ފަޅުވެރިންނާއި 62 އޮފިސަރުންގެ ޖާގަހުރެއެވެ. މަނަވަރު ބަނދެ ބާލާފައިވަނީ ޔުކްރޭނުގެ ނޭވަލް ޑޮކްޔާޑަކުންނެވެ. އެދުވަސްވަރު ޔުކްރޭނަކީ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. އޭގެ ފަހުން މިމަނަވަރު މުޅިން ކަހަލަ ގޮތަކަށް ގާއިމް ކުރެވިފައިވަނީ ބްލެކްސީގައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު މިމަނަވަރުގައި ނިއުކުލިއަރ ހަތިޔާރުވެސް ހުއްޓެވެ.
ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު މަނަވަރުގެ ނަމަކީ ސްލާވާއެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށްފަހު މަނަވަރު ވަރަށް ބޮޑަށް މަރާމާތުކޮށް ޒަމާނީ ކުރުމަށްފަހު މޮސްކްވާގެ ނަން ދިނީއެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން 2003 ވަނަ އަހަރު އިޓަލީއަށް ކުރެއްވި ދަތުރުފުޅެއްގައި މި މަނަވަރު އިޓަލީގެ އައްސޭރިއަށް ގެންގޮސް ޕުޓިން ވަނީ މިމަނަވަރުގައި އިޓަލީގެ އޭރުގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީއާވެސް ބައްދަލު ކުރައްވައިފައެވެ. ޖޯޖިޔާއާ ދެކޮޅަށް 2008 ގައި ކުރެވުނު ހަނގުރާމަޔާއި ސީރިޔާގައި ތިބޭ ރޫސީ ސިފައިންނަށް އެހީތެރިވުމުގެ އޮޮަޕަރޭޝަނާއި 2014 ވަނަ އަހަރު ކްރައިމިއާ ހިފުމުގެ ހަނގުރާމައިގައިވެސް މި މަނަވަރުގެ ބޭނުން ވަނީ ހިފައިފައެވެ. ތާރީޚީގޮތުން މަނަވަރު މަޝްހޫރުވުމުގެ ސިއްރަކީ އެއީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ