ސްރީލަންކާގެ ރަމްބުކަނާގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލުކުރުމަށް ފުލުހުން ދިން ބަޑީގެ ހަމަލާއާ ގުޅިގެން އެކަކު މަރުވެ, ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ރަމްބުކަނާގައި މުޒާހަރާތައް ކުރިއަށްގެންގޮސްފައިވަނީ އެގައުމުގައި ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ.

އެ މުޒާހަރާގެ ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިއުމުގައި މުޒާހަރާގެ ބައިވެރިން މަސައްކަތްކުރާ ތަން ވީޑިއޯތަކުން ފެނެއެވެ.

ހަބަރުތައް ބުނާގޮތުގައި ބަޑީގެ ހަމަލާއާ ގުޅިގެން އެކަކު ވަނީ މަރުވެފައެވެ. އަދި ދިހައަކަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އެ ހާދިސާގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ގޮވާލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިން މިހާރު ރަމްބުކަނާ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ, ގާ އުކަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ ބަޑިން ހަމަލާދޭން ޖެހުނީ މުޒާހަރާ ކޮންޓްރޯލުކުރުމަށް ކަމަށާއި އެ މުޒާހަރާގައި ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ތެލުގެ އަގު ބޮޑުކުރި މައްސަލައިގައި މީގެ ކުރިން ވެސް ލަންކާގައި ވަނީ މުޒާހަރާކޮށްފައެވެ. 15 ގަޑިއިރަށް ދިގުދެމިގެންދިޔަ އެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ކަރުނަ ގޭސް ބޭނުންކޮށްގެންނެވެ.

ސިލޯން ޕެޓްރޯލިއަން ކޯޕަރޭޝަން (ސީޕީޕީ) އިން އިއްޔެ ނިންމާފައިވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 338 ރުޕީސް އާއި 373 ރުޕީސްއަށް ބޮޑުކުރުމަށެވެ. އޭގެ އިތުރުން އޮޓޯ ޑީސަލް ލީޓަރެއްގެ އަގު 289 ރުޕީސް އަދި ސުޕާ ޑީސަލް ލީޓަރެއްގެ އަގު 329 ރުޕީސްއަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.