ޚަބަރު

ހިއުމަންރައިޓްސް ވޮޗުގެ ރިޕޯޓުގައިވާ ކަންބޮޑުވުން އިސްލާހު ކުރަން އިލްތިމާސް ކުރި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ (ހިއުމަންރައިޓްސް ވޮޗު) އިން ނެރެފައިވާ ރިޕޯޓުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކޮށްފައިވާކަމަށްބުނެ، އެ ކަންތައް އިސްލާހު ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ރާއްޖޭގައި އެއްވެއުޅުމުގެ މިނިވަން ކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމާއި، ޖުޑިޝަރީ އިސްލާހު ކުރުމުގައި ސަރުކާރު ފެއިލްވާކަމަށް ހިއުމަންރައިޓްސް ވޮޗުން ބުނެފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ގާއިމުކުރެއްވި، ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެކަންތައް ތަހުގީގު ކުރުމުގައި ކުރިއެރުމެއް ހޯދިފައި ނުވާކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މި ސަރުކާރުން ވީ ވައުދު، ސަރުކާރުގެ ދައުރުން ހަތަރު އަހަރު ފާއިތުވާން ކައިރިވެފައިވާއިރު ފުއްދިފައި ނުވާ ކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރެއްވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބަލަން ނެގި ވޯޓުގައި، މައްސަ ބަލައިގަންނަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން އެންމެ އަށް މެންބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލަން 32 މެންބަރުން ވޯޓު ދެއްވިއެވެ. މި މައްސަލަ ބަލައިގަންނަން 21 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.