ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރަފިކް ސާވޭގެ މަސައްކަތަށް އިންޑިއާގެ ނޭވީ ޝިޕް "ސަތުލެޖް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މިމަހުގެ 21 އިން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ސާވޭގައި ހދ. އަތޮޅުން ފެށިގެން ނ. އަތޮޅު ހިސާބަށް ސާވޭކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޯގްރަފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުންކުރުމަށް އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށް ކުރާ ސާވޭއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވޭނޭއެވެ. އެކަމުގެ ސަބަބުން އެފަދަ ހާދިސާތަކުން އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްސްތައް ލީގަލައިޒް ކުރުމަށާއި އިގުތިސޯދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމެންޓް ފަދަ މުހިންމު މަސައްކަތަށް ބޭނުންވާ މައުލުމާތު ލިބޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ސާވޭގެ ތެރެއިން މިދިޔަ އަހަރުވެސް ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ވަނީ ސާވޭކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ، ހައިޑްރޮގްރަފިކް ސާވޭކުރުމަށް އިންޑިއާގެ ނޭވީ ޝިޕް "ސަތުލެޖް" ގައި ރާއްޖެ އައިސްފައިވާ ޓީމުގެ ފަރާތުން މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑު ކޮމާންޑަރު ކާނަލް އިބްރާހީމް ހިލްމީއާ ބައްދަލުކުރައްވައި ސާވޭ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާގެ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.