އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 12

އަބްދުﷲ ފާރޫގް ހަސަން

(11 އޭޕްރީލްގެ އަދަދާ ގުޅޭ)

الخــلفــاء الــرّاشــدون ގެ މުޅި ދައުރުގައިވެސް އެއިން އެއްވެސް ބޭކަލެއް އެބޭކަލެއްގެ ތިމާގެފުޅު ބޭކަލަކަށް ނުވަތަ ދަރިކަލަކަށް ވަލީޢަހްދުކަމެއް ނުދެއްވައެވެ. ޚުދު އެބޭކަލަކަށް ޚިލާފަތާއި ވެރިކަން ހޯއްދަވާކަށެއްވެސް އެއްވެސްކަހަލަ ތަހްރީކެއް ނުހިންގަވައެވެ. މުސްލިމުންގެ ގޮށްޖެއްސެވުމާއި މޮއްސެވުމުގެ އަހްލުވެރީންގެ ރުހިވަޑައިގެންނެވުމާއި ޤަބޫލުފުޅުގައި ނޫންގޮތަކަށް ޚަލީފާއަކު އިންތިޚާބެއް ނުކުރެވެއެވެ. އެއްވެސް ބޭކަލެއް ބައިތުލްމާލަކީ އެބޭކަލެއްގެ މިލްކެއް ކަމަކަށެއް ނުހައްދަވައެވެ. الخــلافــة الــرّاشــدة އަށްފަހު މުސްލިމުންގެ ތާރީޚުގައި އައި އެންމެ ހެޔޮކަންބޮޑު ދައުރަކީ عــمــر بــن عـبــد الـعـــزيـــز رحـمـه اللّــه ގެ ނަމޫނާ ދައުރެވެ. ޚަލީފާކަމަށް އެކަލޭގެފާނުގެ ނަންފުޅު ހުށަހެޅުނުހިނދު ޢާންމު އެއްވުމެއްގައި ވިދާޅުވިއެވެ. "ތިޔަބައިމީހުނާ މަޝްވަރާކުރުމަކާނުލައި އަހަރެންގެ ގައިގައި މިވަނީ ޚިލާފަތުގެ ޖުއްބާ ލެވިފައެވެ. އަހަރެން މިޖުއްބާ މިބާލަނީއެވެ. ތިޔަބައިމީހުން ރުހޭ މީހެއްގެ ގައިގައި މިޖުއްބާ ލައްވާށެވެ." އެއްވުމުގެ ބައިވެރީން ގޮވައިލިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު ޚަލީފާއަކު ކަމުގައި ނިންމައިފީމުއެވެ." عــمــر بــن عـبــد الـعـــزيـــز ޚަލީފާކަން ޤަބޫލުކުރެއްވީ ޢާންމުންގެ އެ އިޢުލާނަށްފަހުގައެވެ. عــمــر بــن عـبــد الـعـــزيـــز އެކަލޭގެފާނުގެ ވެރިކަމުގެ މުޅި ދައުރުގައިވެސް ބައިތުލްމާލާމެދު ބެއްލެވީ އަމާނަތެއް ކަމުގައެވެ. އަމީރު ނުވަތަ ޚަލީފާ ޖުމްހޫރީ ހަމަތަކުގެމަތީން އިންތިޚާބުކުރުމަކީ އިސްލާމްދީން ދުނިޔެއަށް ތަޢާރުފުކުރި މަތިވެރި އަދި މިސާލެއް ނުވާފަދަ ރީތި ހެޔޮ ނަމޫނާއެކެވެ. ޤަދީމީ ޒަމާނުގައި އެފަދަ ތަޞައްވުރެއްވެސް ނެތެވެ. މުޅި ދުނިޔޭގައިވެސް އޭރު ޢާންމުވެފައިއޮތީ ޤައިޞަރާއި ކިސްރާގެ ވިރާސީ އިސްތިބުދާދީ ނިޒާމެވެ. ބައިތުލްމާލަކީ ވެރީންގެ އަމިއްލަފުޅު މިލްކިއްޔަތެކެވެ. އެހައިތަނަށް ދުނިޔޭގައިއޮތީ ޝަޚްޞީ ވެރިކަމެވެ. ޤާނޫނުގެ މަސްދަރަކީ ވެރީންގެ އަމިއްލަފުޅު ޒާތެވެ. ވެރީން ހެދިވަޑައިގެން އުޅުއްވި މީސްތަކުންގެ މާލިކުން ކަމުގައްޔާއި އިލާހުން ކަމުގައެވެ. މިހާރުވެސް ޢަރަބި ވަރަށްގިނަ ޤައުމުތަކުގައި ޢަމަލުކުރެވެމުން އެދަނީ ކިސްރާއާއި ޤައިޞަރުގެ ސުންނަތަށެވެ. ޝައްކެއްނެތްގޮތުގައި އެއީ ވެރިކަމުގެ އިސްލާމީ ނިޒާމާ ވަރަށްވެސް ދުރުގޮތެކެވެ.

الخــلافــة الــرّاشــدة އަށްފަހު

علــى رضى اللّــه عـنــه ޝަހީދުކުރެވުމަށްފަހު ألإمــام حسـن بــن عـلــى رضى اللّــه عـنــه، أميـــرمـعــاويــة رضى اللّــه عــنــه އާ ޞުލްޙަވެވަޑައިގެންފިއެވެ. ނަތީޖާއަކީ އެހެންފަރާތެއްގެ ބައިވެރިވުމެއް ޚިލާފަތުގެ ދަޢުވާވެރިޔަކުނެތި أميـــرمـعــاويــة އަށް ޚަލީފާކަން ލިބިވަޑައިގެންނެވުމެވެ. أميـــرمـعــاويــة ގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ދަރިކަލުން يـــزيــد ވަލީޢަހްދުކަމަށް ޢައްޔަންކުރެއްވިއެވެ. ބައެއް އަމީރުން އެރުވި ކުށް މަޝްވަރާއެއް ޤަބޫލުކުރެއްވިގެންނެވެ. ސައްޔިދު އަބުލްޢައުލާ މައުދޫދީ ވިދާޅުވާގޮތުގައި އެމަޝްވަރާއަކީ ހެޔޮނިޔަތުގައި އެރުއްވި މަޝްވަރާއަކަށްވުރެ ބޮޑަށް މާތް އެއްބޭކަލެއްގެ ޒާތީ މަސްލަޙަތަށްޓަކައި މާތްއަނެއްބޭކަލެއްގެ ޒާތީ މަސްލަޙަތަށް ކުރެއްވުނު އެޕީލެކެވެ. (ޚިލާފަތު ވަ މުލޫކިއްޔަތު )އިސްލާމީ ވެރިކަމުގެ ނިޒާމުގެ ރޭލު އެހައިތަނުންވަނީ އެނިޒާމުގެ ރަނގަޅު ދަގަނޑުން ކައްސައިލައިފައެވެ. ޞަޙާބީންގެ ޤަދަރު އުފުލިގެންވާ މާތް ބޭކަލުންކުރެ އޭރު ދުނިޔޭގައި ތިއްބެވި ބޭކަލުން ތިއްބެވީ أميـــرمـعــاويــة އެކަލޭގެފާނުގެ ދަރިކަލަކު ވަލީޢަހުދުކަމަށް ޢައްޔަންކުރެއްވުމުން އެކަމާ ރުހިވަޑައިނުގެންފައެވެ. الخــلفــاء الــرّاشــدون ހިންގެވި މަގު ދޫކޮށްލެވި ކިސްރާއާއި ޤައިޞަރު ހިންގެވި މަގު ޚިޔާރުކުރެވުމަކީ އެބޭކަލުންނަށް ޤަބޫލުކުރެއްވެވޭފަދަ ކަމަކަށެއް ނުވިއެވެ. އެހެނީ މުސްލިމުންނަށް އަމުރުވެވިގެންވަނީ الخــلفــاء الــرّاشــدون ހިންގެވި މަގުން ހިނގަމުން ދިޔުމަށެވެ. އެހެންކަމުން އެބޭކަލުން ވިދާޅުވިއެވެ. "ތިޔައީ أبــوبكــر ގެފާނާއި عـمــر ގެފާނާ ދެބޭކަލުން ހިންގެވި މަގު ދޫކޮށް އެހެން މަގަކުން ހިނގާން ފެށުމެވެ." أميـــرمـعــاويــة އަށް އެކަލޭގެފާނުގެ ނިންމެވުމާ ޞަޙާބީން ދެކޮޅުހައްދަވާތަން ފެނިވަޑައިގެންނެވުމުން يـــزيــد އަށް ޢާންމު ތާއީދު ހޯއްދަވައިދެއްވައި ޚިޔާލު އެއްގޮތްކޮށްދެއްވުމަށްޓަކައި އަމިއްލަފުޅަށް މައިދާނަށް ނުކުމެވަޑައިގެންފިއެވެ. އެކަލޭގެފާނު މިސުރާބު ޖެއްސެވީ ސީދާ އަލްމަދީނަތުލް މުނައްވަރާއަށެވެ. އެރަށަކީ ޞަޙާބީންގެ ބޮޑުންގެ މަރުކަޒެވެ. أميـــرمـعــاويــة މަދީނާގެ ކަމުވޮށީންނާ ދެއްކެވި ވާހަކަފުޅުތައްވެސް ކާމިޔާބެއް ނުވިއެވެ. ޞަޙާބީން އެބޭކަލުންގެ މަންދޫބަކު ކަމުގައި ހަމަޖެއްސެވީ عـبـد اللّــه بــن الـزّبـيـــر رضى اللّــه عـنــه އެވެ. عـبـد اللّــه بــن الـزّبـيـــر، أميـــرمـعــاويــة ގެ ކުރިފުޅުމައްޗަށް ތިން ހުށަހެޅުއްވުމެއް ހުށަހަޅުއްވައިފައި ވިދާޅުވިއެވެ. "މިއިން ކޮންމެވެސް އެއްގޮތެއް ޤަބޫލު ކުރައްވާށެވެ. އޭރުން ދެބަސްވުންތައްނެތި ފިލައިގެން ހިނގައިދާނެއެވެ. އުންމަތުގައި އެއްބައިވަންތަކަން އުފެދިދާނެއެވެ. އެ ތިންގޮތަކީ:

1. أميـــرمـعــاويــة އަމިއްލަފުޅަށް ޤާއިމުމަޤާމަކު ޢައްޔަން ނުކުރައްވައި رسـول اللّــه صلّــى اللّــه عليـه وسلّـم ޢަމަލުކުރެއްވި ގޮތްކޮޅު ޚިޔާރުކުރެއްވުން. (އެމާތް ސާހިބާ ޤާއިމުމަޤާމަކު ޢައްޔަނެއް ނުކުރައްވައެވެ. އެމާތް ސާހިބާއަށްފަހު ޚަލީފާކަމަށް ބޭކަލަކު ޚިޔާރުކުރެއްވުން އުންމަތަށް ދޫކޮށްލެއްވީއެވެ.)

2. أبــوبكــر رضى اللّــه عـنــه ޢަމަލުކުރެއްވިގޮތަށް أميـــرمـعــاويــة رضى اللّــه عــنــه ވެސް ޢަމަލުކުރެއްވުން. (أبــوبكــر رضى اللّــه عـنــه ވަނީ އުންމަތުގެ ކަމުވޮށިވެގެންވާ މާތް ބޭބޭކަލުންގެ ލަފާފުޅާއި ޚިޔާލުފުޅު ހޯއްދަވައިގެން عـمــر رضى اللّــه عـنــه ޚަލީފާކަމަށް ޢައްޔަންކުރައްވައިފައެވެ. عـمــر ގެފާނަކީ أبــوبكــر ގެފާނުގެ ޢާއިލާގެ މެމްބަރެއް ނޫނެވެ. أبــوبكــر ގެފާނުގެ ވަންހަފުޅުގެ ބޭކަލެއްވެސް ނޫނެވެ. މުޅި އުންމަތުގައިވެސް އިތުބާރުހުރި ބޭކަލެކެވެ. ޤަދަރު އުފުލިގެންވާ ޢިއްޒަތްތެރި ބޭކަލެކެވެ. އެހެންކަމުން أميـــرمـعــاويــة ވެސް އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ މަޝްވަރާ ކުރައްވައިގެން އެފަދަ ބޭކަލަކަށް ވަލީ ޢަހްދުކަން ދެއްވުމެވެ. އެބޭކަލަކީ أميـــرمـعــاويــة ގެ ޢާއިލީ މެމްބަރަކު ކަމުގައި ނުވަތަ ވަންހަފުޅުގެ ބޭކަލަކު ކަމުގައި ނުވުމެވެ.)

3. أميـــرمـعــاويــة رضى اللّــه عــنــه ވެސް عـمــر رضى اللّــه عـنــه ޢަމަލުކުރެއްވިގޮތަށް ޢަމަލުކުރެއްވުން. (عـمــر ގެފާނުވަނީ އުންމަތުގެ އިސްވާރުންކުރެ ޢިލްމުވެރި ބޭކަލުންގެ މައްޗަށް އެކުލެވިގެންވާ ކޮމެޓީއެއް އުފައްދަވައިފައެވެ. އެބޭކަލުންކުރެ ބޭކަލަކު ޚަލީފާކަމަށް ޢައްޔަންކުރެއްވުމަށްޓަކައެވެ. عـثمـان رضى اللّــه عـنــه ޚަލީފާކަމަށް ޢައްޔަންކުރެއްވީ އެކޮމެޓީންނެވެ.)

أميـــرمـعــاويــة ސުވާލުކުރެއްވިއެވެ. "ތިޔަނޫން އެހެންގޮތެއް ނެތްތޯއެވެ؟" عـبـد اللّــه بــن الـزّبـيـــر ޖަވާބު ދެއްވިއެވެ. މިނޫން އެހެންގޮތެއް އިސްލާމީ ޝަރީޢަތަކު ނެތެވެ. ބަޔާންކުރެވިދިޔަ ވާހަކަފުޅުތަކުން އެނގޭގޮތުގައި އިސްލާމީ ޝަރީޢަތުގައި ވެރީން ޢައްޔަންކުރުމަށް ކަނޑައެޅިފައިވަނީ އިސްވެދެންނެވި ތިންގޮތުންކުރެ ގޮތެކެވެ. އިސްލާމީ އުންމަތުގައި އަބަދުވެސް ޢަމަލުކުރެވެމުން ދާންޖެހޭނީ އެގޮތަށެވެ. މިދެންނެވި ތިންގޮތް ފިޔަވައި ޚިޔާރުކުރެވޭ އެހެން ކޮންމެ ގޮތެއްވެސް ވާނީ ޣައިރު ޝަރްޢީ އަދި ޣައިރު އިސްލާމީ ގޮތެއްކަމުގައެވެ.

މިތާނގައި އަނެއްކާވެސް ޞަރީޙަކޮށްލާން ބޭނުމެވެ. ޝަރީޢަތުގެ އަލީގައި ސަރުކާރެއް ޞައްޙަ ސަރުކާރަކަށްވުމާ ސަރުކާރެއް ޤާއިމުކުރެވުމާ މިއީ ތަފާތު ދެކަމެކެވެ. ކޮންމެގޮތެއްގައިވެސް ސަރުކާރެއްނެތި ހުސްކަމެއްގެ ތެރެޔަކަށް އުންމަތް ދޫކޮށެއް ނުލެވޭނެއެވެ. ނުރަނގަޅު ގޮތަކަށް ގަދަބަދަވިކަމާއި ކެހިވެރިކަމާއި މަކަރާއި ޙީލަތުން ކަމުގައިވިޔަސް ސަރުކާރެއް ޤާއިމުކުރެވި އެސަރުކާރަކަށް ތަނުގެ މައްޗަށް ބާރުހިންގައި އަމަން ޤާއިމުކުރެވިއްޖެކަމުގައިވާނަމަ އެވަނީ ސަރުކާރެއް ޤާއިމުކުރެވިފައެވެ. އެސަރުކާރު ޤާއިމުކުރި މީހުންނަކީ އުރެދުމަކަށް އަރައިގެންފައިވާ ފާފަވެރި ބައެއްކަމުގައި ވިޔަސްވެހެވެ. އެހެނީ މުޖުތަމަޢުގައި ނިޒާމުތައް ޤާއިމުކުރެވި ޢާންމު ބޭނުންތައް ފުއްދައިދެމުން ގެންދެވޭނީ ސަރުކާރެއް ޤާއިމުކުރެވިގެންނެވެ.

ހުޅަނގުގެ ޖުމްހޫރިއްޔަތާއި އިސްލާމީ ޖުމްހޫރިއްޔަތުގެ ތަފާތު

ހުޅަނގުގެ ޖުމްހޫރިއްޔަތާއި އިސްލާމީ ޖުމްހޫރިއްޔަތާ މެދުގައި ހުންނަ އަސާސީ އެއް ފަރަގަކީ ހުޅަނގުގެ ޖުމްހޫރިއްޔަތުގައި އިޚްތިޔާރުތަކުގެ ނާރެހަކީ ޢާންމުން ކަމުގައިވުމެވެ. ސަރުކާރު އުފެދެނީ ޢާންމުން އެދޭގޮތަކަށެވެ. ޤާނޫނު ހެދެނީ ޢާންމުން ރުހޭގޮތަކަށެވެ. އިސްލާމީ ޖުމްހޫރިއްޔަތުގައިވެސް އަމީރަކު އިންތިޚާބުކުރެވެނީ ޢާންމުންގެ ރުހުމާއި ޤަބޫލުގައެވެ. ޢާންމުން ތަމްސީލުކުރަނީ މުސްލިމުންގެ ފިކުރީ ބޭކަލުންނެވެ. މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. އެހެނީ ސިޔާސީ މައްސަލައެއްގައިވެސް ޤާނޫނު ހެދުމުގައިވެސް އުންމަތުގެ ހުރިހާ އެންމެންގެ ރައުޔު ހޯދުމަކީ ޢަމަލީގޮތުން ކުރެވޭނެކަމެއް ނޫނެވެ. ހަމައެފަދައިން ކޮންމެކޮންމެ މީހަކީ ހުރިހައިކަމެއްގައި ރަނގަޅު ޚިޔާލުދީ ލަފާދިނުމުގެ އެކަށޭނަކަން ލިބިގެންވާ މީހެއްވެސް ނޫނެވެ. ކަންއޮތްގޮތުގެ ޙަޤީޤަތަކީ މިއީއެވެ. އެހެންކަމުން އުންމަތުގެ ވިސްނުންތެރީންނާއި ކަންކަން ފަހުމުވެވަޑައިގަންނަވާ ބޭކަލުން ކުރިޔަށް ނެރޭންޖެހެއެވެ. އޭގެތެރެއިން އެކަށީގެންވާ ޢަދަދެއްގެ ބޭކަލުންނަކީ އިސްލާމީ ޝަރީޢަތުގެ ފަހުމު ލިބިވަޑައިގެން ތިއްބެވި ބޭކަލުންކަމުގައިވެސް ވާންޖެހެއެވެ. އެއީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ.

މުސްލިމުންގެ ޙާކިމަކު އިންތިޚާބުކުރެވެނީ މުސްލިމުންގެ ވިސްނުންތެރި މުފައްކިރުންނާއި މޮއްސެވުމާއި ބެންނެވުމުގެ އަހްލުވެރީންގެ ރުހިވަޑައިގެންނެވުމާ އެކުގައެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ޤުރްއާނާއި ސުންނަތާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ހުރިހައި އިޚްތިޔާރުތަކެއް މިލްކުވެވޮޑިގެންވަނީ މާތް اللّــه އަށެވެ. އެއާވިދިގެން އެކަލާނގެ ރަސޫލާއަށެވެ. ޝައްކެއްނެތެވެ. ޤުރްއާނުގައި ނުވަތަ ސުންނަތުގައި ޙުކުމެއް އައިސްފައިނުވާ ކަންކަމަށް އެދާއިރާތަކުގައި ޤާނޫނު ހެދިދާނެއެވެ. އިސްލާމީ ޖުމްހޫރިއްޔާގައި މުސްލިމުންގެ ފިކުރީ ޢާލިމުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ މަޝްވަރާކުރެއްވުމަކީ ޙާކިމާގެ މައްޗަށް ލާޒިމު ކަމެކެވެ. މަޖްލިސުއްޝޫރާ ވާންޖެހޭނީ މުޅި އުންމަތް ފުރިހަމަޔަށް ތަމްސީލުކުރެވޭ އިދާރާއެއް ކަމުގައެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ "وأمــــرهــــم شـــورى بـيـنـهــــم" މިބަސްފުޅުގައިވާ أمــــر މި ބަސްފުޅުގެ މުރާދަކީ މުސްލިމުންގެ އިޖުތިމާޢީ ޙަޔާތުގެ ހުރިހައި ކަމެކެވެ. "بـيـنـهــــم" ގެ މަފުހޫމުގައި މުޅި އުންމަތް ޝާމިލުވެއެވެ. އާދެ އުންމަތުގެ އެންމެން ތަމްސީލުކުރެވުން ބޭނުމެވެ. މިއާޔަތުގައި "شـــورى" ބޭނުންކުރައްވައިފައިވަނީ ނަކިރާއެއްގެ ގޮތުގައެވެ.

(ނުނިމޭ)