މިއަހަރުގެ ފިތުރުއީދު ކ. މާފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެރަށު ކައުންސިލުން ނިންމައިިފިއެވެ.

މާފުށީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފުށި ކައުންސިލު ރައީސް ހަސަން ސޮލާހު ވިދާޅުވީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މުޅި ދުވަހަށް ބަހާލައިގެން ފެސްޓިވަލްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ހަރަކާތްތައް ފެށޭނީ ބޮޑު ޖަމާއަތުގައި އެރަށުގައި ކުރާ އީދު ނަމާދަށް ފަހުގައި ކަމަށާއި އީދު ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މާފުށީގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށްވެސް ސޮލާހު ވިދާޅުވިއެވެ.

މާފުށީގައި މިއަހަރު ފާހަގަ ކުރާ ފިތުރު އީދު ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު ހެދުނުގެ ސައި އަދި މެންދުރު ކެއުމެއްވެސް ހިމެނެއެވެ. ސަގާފީވަންތަ ގޮތަކަށް ކުރިއަށް ގެންދާ މި ދެ ހަރަކާތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަވީރަކާއި ހުރިހާ އުމުރުފަރަޔަކަށް ހާއްސަ މިއުޒިކް ޝޯއެއްވެސް އޮންނާނެއެވެ.

މާފުށީ ކައުންސިލުން ބުނީ ދުރާލާ ރާވައިގެން ބާއްވަން ނިންމާފައިވާ އީދު ހަރަކާތްތަކުގެ އަމާޒަކީ އީދުގެ ސަގާފަތާއި މުޖުތަމައުގެ ގުޅުން އާލާކުރުން ކަމަށާއި މި ހަރަކާތްތަކުގައި އެރަށުގައި އެވަގުތު ތިބި ފަތުރުވެރިންނާއި މާފުށީގެ ރައްޔިތުންނަށްވެސް ބައިވެރިވާނެ ކަމަށެވެ.

މިހަރާކަތްތަކުގައި ބައިވެރިވުމަށް މާލެއިން މާފުއްޓަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު ލޯންޗް ފެރީ ދަތުރުތައް ބާއްވަން އެރަށު ކައުންސިލުން ވަނީ ރާވައިފައެވެ. އަދި މިއުޒިކް ޝޯ ނިމުމުންވެސް މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށްވެސް މާފުށި ކައުންސިލުން ބުންޏެވެ.

މާފުށީގައި މިވަގުތު ހުރި ބެޑް ކެޕޭސިޓީ އަކީ 780 އެވެ. އަދި މިހާރުވެސް އެރަށުގެ ގެސްޓް ހައުސްތަކުގައި ގިނަ އަދަދަކަށް ފަތުރުވެރިން ތިބިއިރު ފިތުރު އީދަށް މާފުއްޓަށް ދަތުރުކުރާ ފަރާތްތަކުން ދުރާލައި ރޫމްތައް ބުކް ކުރުމަށާއި ލޯންޗްގެ ޖާގަ ކަށަވަރު ކުރުމަށް މާފުށި ކައުންސިލުން އިލްތިމާސް ކުރެއެވެ.