މީގެ އަހަރެއްހައި ދުވަސްކުރިން އިޒްރޭލް ސިފައިން ފަލަސްތީނުގެ ގާޒާއާ ދެކޮޅަށް ހިންގި އުދުވާނީ ހަމަލާތަކުގެ ފެށުމަކަށްވީ ގުދުސްގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގި އަނިޔާވެރި އަމަލުތަކެވެ. އެކަމާ ދެކޮޅަށް ގާޒާގެ ރައްޔިތުން ތެދުވުމެވެ. މިވަގުތު އަނެއްކާވެސް ގުދުސާއި ގުދުސުގައި ހުންނަ އަގްސާ މިސްކިތުގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް މި ރަމަޟާން މަހު އިޒްރޭލް ސިފައިން ވަނީ އަނިޔާވެރިވެގަތުމުގެ އަމަލުތަކެއް ހިންގާން ފަށައިފައެވެ. މިކަމާއި ގުޅިގެން 2021 ވަނަ އަހަރުގެ ކޯޅުންތައް އަނެއްކާވެސް ތަކުރާރުވުމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. އަގްސާ މިސްކިތަށް މިދިޔަ ހުކުރުދުވަހު އެއްވި މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ހަރަކާތްތަކުގައި ފަލަސްތީނު މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަގްސާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ގިބްލައެވެ. މި މިސްކިތް ހުންނަ އިރުމަތީ ގުދުސަކީ 1967ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ސަހަރެކެވެ. މި ސަހަރު ފޭރިގަތުމަށްފަހު އެތަނަކީ އިޒްރޭލުގެ ސިޔާދަތީ ހައްގު އޮތް ތަނެއްކަމަށް އިޒްރޭލުން ނިންމިޔަސް ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ބަލައެއް ނުގަނެއެވެ. ކޮންމެ ރަމަޟާން މަހެއްގައި އިޒްރޭލް ސިފައިން އަގްސާ މިސްކިތަށް ވަދެ މުސްލިމުންނަށް އުނދަގޫކޮށް ޖެއްސުން ކުރުމުގެ ހަރަކާތްތައް އިތުރުކުރެއެވެ. ހުސްވި 2021 ވަނަ އަހަރުވެސް ހަމަ މިގޮތަށް އަގްސާ މިސްކިތަށް ވަދެ ބަޑި ޖަހައި ޖަރީމާތަކެއް ހިންގުމާ ގުޅިގެން ދެން ކަންކަން ގޯހުން ގޯހަށް ބަދަލުވެގެންދިޔައީއެވެ. މިހާރު މަސްރަހު ފެންނަ ގޮތުން މިއަހަރުވެސް ހަމަ އެހިސާބަށް ކަންކަން ދިއުމަށް ފުރުސަތު އޮތްކަމަށް ބެލެވެއެވެ.

މަސްރަހު ހޫނުވެފައިވަނީ ހަމައެކަނި އަގްސާ މިސްކިތާއި ގުދުސަކު ނޫނެވެ. ހުޅަނގު އައްސޭރީގެ ހަމަހުރިހާ ހިސާބެއްގައިވެސް މަސްރަހު ވަނީ ވަރަށް ނާމާންވެފައެވެ. ކިތަންމެ އަވަށަކާއި ސަހަރެއްގައި އިޒްރޭލް ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އެތައް ބަޔަކު މި ރަމަޟާން މަހު ޝަހީދުކޮށްލާފައިވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ހިމެނެއެވެ. މިކަންކަމާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުންވެސް ހަރަކާތްތަކެއް އެބަހިންގައެވެ. މާތްވެގެންވާ ރަމަޟާން މަހުގެ ހުރުމަތް ކަނޑާލައި ފަލަސްތީނުގެ މުސްލިމުންގެ ލޭ އޮހޮރުވައިލުމަށް އިޒްރޭލުން ހިންގާ ހަރަކާތްތައް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ސިފަކުރައްވާފައިވަނީ މުޅި އިސްލާމީ އުއްމަތާ ދެކޮޅު އުދުވާނެއްގެ ގޮތުގައެވެ. މުސްލިމުންގެ ލެޔާއި ކުޅުމެއްގެ ގޮތުގައެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަސްކަރީ ގޮތުން ތެދުވެ ކަމެެއް ކުރުމުގެ ހިތްވަރާއި ކެރިކުޅަދާނަކަން އެންމެ ބޮޑަށް ހުރީ ފަލަސްތީނުގެ ޖަމާއަތްތަކުގެ ތެރެއިން ހަމާސް ޖަމާއަތުގައެވެ. ހަމާސް ޖަމާއަތަކީ ގާޒާގައި ވެރިކަންކުރާ ޖަމާއަތެވެ. ހަމާސް ޖަމާއަތުން ބުނެފައިވަނީ ހަތިޔާރަށް ރައްދު ދެވޭނީ ހަތިޔާރުން ކަމަށާއި ގަދަ ބާރަށް ރައްދު ދެވޭނީވެސް ގަދަ ބާރުން ކަމަށެވެ. އިރުމަތީ ގުދުސާއި އަގްސާ މިސްކިތުގައި އިޒްރޭލުން މިހާރު ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ހަތިޔާރުން ރައްދު ދޭނޭ ކަމަށާއި ހަމާސް ޖަމާއަތް ދެއަތް އުރާލައިގެން ފިނޑިވެފައި ނުތިބޭނޭ ކަމުގައެވެ. ހަމާސް ޖަމާއަތަށް ލިބިފައިވާ ހުރިހާ ބާރަކާއެކު އަގްސާގެ ހިމާޔަތުގައި ތެދުވެ ޖިހާދުކުރާނޭ ކަމަށާއި ތާރީޚަށް ބެލީމާ މިކަން އެންމެނަށްވެސް އެނގޭނޭ ކަމަށް ބުނެފައިވެއެވެ.

ހުސްވި 2021 ވަނަ އަހަރުގެ އެޕްރީލް މަހާއި މެއިމަހު ކަންކަން ގޯހުން ގޯހަށް ފުރޮޅިގެން ދިޔައީ ހަމަ މިކަހަލަ ހާދިސާތަކެއް ހިނގުމަށްފަހުގައެވެ. ހަމާސް ޖަމާއަތުން އެދުނީ އަގްސާ މިސްކިތުން އިޒްރޭލް ސިފައިން ނުކުތުމަށާއި ހުޅަނގު އައްސޭރީގެ ޝައިޚު ޖައްރާއޭ ކިޔުނު އަވަށުން ޔަހޫދީ ސިފައިން ދުރަށް ޖެހުމަށެވެ. މިކަން މިމަގުން ނުކުރާނަމަ އިޒްރޭލަށް ހަމަލަދޭނެ ކަމަށް ބުނެފައި އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވައިލީއެވެ. ދެން ފެނިގެންދިޔައީ އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ގާޒާއާ ދެކޮޅަށް އެގާރަ ދުވަސްވަންދެން އިޒްރޭލުން ހިންގި ވަރުގަދަ އުދުވާނެވެ. މި އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ތިންސަތޭކައެއްހައި މީހުން ޝަހީދުވިއެވެ. ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިޒްރޭލުގެ ތެރެއިންވެސް ތޭރަ މީހަކު މަރުވެފައިވެއެވެ.

މިއަހަރު ފެށުނުފަހުން އަދި ފާއިތުވެގެންދިޔައީ ތިންމަހާއި ބައެވެ. މި މުއްދަތުގެ ތެރޭގައި އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 47 މީހަކު ވަނީ ޝަހީދުވެފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ. އެހެންވީމާ ހަމާސްއިން އިންޒާރު ދީފައިވާ ގޮތަށް ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވާލުން މިހާރު އޮތީ ނުހަނު ގާތުގައެވެ. ހަމާސްއަކީ ބުނާ ބަހާއި އަމަލު ދިމާކުރާ ބައެކެވެ. އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްވެސް ވަނީ ހަމާސްއަށް އިންޒާރެއް ދެއްވައިފައެވެ. ކޮންމެ ކަމެއް ކުރާން ޖެހުނަސް ސިފައިން ތިބީ ތައްޔާރަށް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ މާނަޔަކީ ހަމާސްއިން އެއްވެސް ގޮތަކުން ހަމަލާދީފިނަމަ ގާޒާއާ ދެކޮޅަށް އޮޮޕަރޭޝަނެއް ފަށަން ތައްޔާރު ކަމުގެ ވާހަކައެވެ.