ބޭރު ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކަށް ސްރީލަންކާ ދަރާފައިވާ ދަރަނި ވަރަށް ބޮޑެވެ. ދަރަނީގެ ޖުމްލަ ފަންސަވީސް ބިލިޔަނަށް އަރާއިރު މިއަހަރު އެކަނިވެސް ހަތް ބިލިޔަން ޑޮލަރު ސްރީލަންކާއިން ދައްކަންޖެހެއެވެ. އެވަރަށް ދައްކަން ސްރީލަންކާގައި ބޭރު ފައިސާއެއް ނެތެވެ. އެވަރުގެ ބުރައެއް އުފުލޭވަރުގެ އުރަތްޕެއް ގައުމުގެ އިގްތިސާދުގައި މިވަގުތު ނެތެވެ. އެހެންވީމާ މިހާލަތުން އަރައިގަތުމަށްޓަކައި ދަރަނި ޚަލާސްކުރުމުގެ ކަންކަމާއި އިގްތިސާދު މެނޭޖްކުރުމުގެ ކަންކަން އައުގޮތަކަށް ބައްޓަންކުރަން މަޖްބޫރެވެ. މި އަނދަވަޅުން އަރައިގަތުމަށް ލޯނުގެ ގޮތުގައި އިތުރު ފައިސާ އެބަ ބޭނުންވެއެވެ. މިކަމާއި ގުޅޭގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވަރާތަކެއް ފަށައިގެން ކުރިއަށް ގެންދާތާ މަހެއްހައި ދުވަސްވެއްޖެއެވެ.

ސަލާމަތުގެ އައްސޭރިޔަކަށް ސްރީލަންކާ ގެންގޮސްދިނުމުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު އޮތީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށެވެ. އެކަމަކު ނުހަނު ބޮޑެތި ނުހަނު ހަރުކަށި ޝަރުތުތަކާއެކުގައެވެ. އޭގެތެރޭގައި އައިއެމްއެފުން ހުއްދަދޭ އިމެއްގެ ތެރޭގައި ނޫނީ އެއްވެސް ޚަރަދެއް ނުކުރުމާއި ލޯލާރިއެއް ޚަރަދުކުރިއަސް ހާމަކަންބޮޑު ގޮތެއްގައި ފެންނާން ހުރުން ހިމެނެއެވެ. ސިޔާސީ މަންފާޔަށް ހިންގޭ އިޖްތިމާއީ ކަންކަމަށް ކުރާ ހޭދަޔާއި އެންމެހައި ސިޔާސީ ޚަރަދުތައް ހުއްޓައިލުންވެސް ހިމެނެއެވެ. އަދި އައުގޮތަކަށް ދަރަނީގެ ކަންކަން ބައްޓަން ނުކުރެވެނީސް ދަރަނި ޚަލާސްކުރުމުގެ ކަންކަން ކުރިއަށް ނުގެންގޮސް ވަގުތީގޮތުން ހުއްޓައިލުންވެސް ހިމެނެއެވެ. އަދިވެސް މިޒާތުގެ ކިތަންމެ ކަމެކެވެ. އައިއެމްއެފާއެކު ފުރިހަމަ އެއްބަސްވުމަކަށް އަދި ނާދެވުނަސް އެކަން އޮތީ ދެން މާދުރަކު ނޫނެވެ.

އަލާމާތްތައް މިހާރުވެސް ފެންނާން ފަށައިފިއެވެ. އައިއެމްއެފާއެކު ކުރެވޭ މަޝްވަރާޔަށް މަގުއަލިކުރުމާއި އައިއެމްއެފްގެ ޝަރުތުތަކަށް ޖާގަދިނުމުގެ ގޮތުން މިހަފުތާގެ ހޯމަދުވަހު ސްރީލަންކާގެ ސަރުކާރުން ވަނީ ވަރަށް މުހިއްމު ނިންމުމެއް ނިންމައި އިއުލާންކޮށްފައެވެ. އެއީ ދަރަނި ޚަލާސްކުރުމުގެ ކަންކަން ވަގުތީގޮތުން ހުއްޓައިލުމެވެ. ދަރަނި އަދާކުރުމުގެ ނިޒާމު އައުގޮތަކަށް ބައްޓަންކުރެވެންދެނެވެ. ދަރަނި އަދާނުކުރެވުމަކީ މުޅި ދައުލަތް ޑިފޯލްޓްވެދާނޭ ކަމެކެވެ. ސްރީލަންކާއަށް މީގެ 75 އަހަރު ކުރިން އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން އަދި ދުވަހަކުވެސް ޑިފޯލްޓްވެފައެއް ނުވެއެވެ. މިވަރުގެ ބޮޑު ލޮޅުމެއް މިއައީ އެންމެ ދެ އަހަރުގެ ތެރޭގައެވެ. ކޮވިޑާއި ޔުކްރޭނުގެ ހަނގުރާމަޔަކީ ކުރީންވެސް ރިހެމުން އައި ފައިގެ މައްޗަށް ވެއްޓުނު ބަރުވެގެންވާ ފޮޔެކެވެ.

ދަރަނީގެ ފުން ކަނޑެއްގެ ތެރެއަށް ސްރީލަންކާ ގެނބެމުންދިޔައީ ރާޖަޕަކްސާ އާއިލާގެ ފުރިހަމަ ކޮންޓްރޯލް ގައުމުގެ ހުރިހާ ކަމެއްގެ މައްޗަށް އޮވެގެންނެވެ. ލޯނުގެ މައްޗަށް ލޯނު ނަގަމުން ދިޔައީ އަވަހަށް އާމްދަނީ ލިބޭނޭ މަޝްރޫއުތަކަކަށް ނޫނެވެ. މީގެ އެއްމިސާލަކީ ކޮޅުނބުގެ ބަނދަރުގެ ބިޔަ މަޝްރޫއެވެ. މިކަން މިހެން އޮވެފައިމެ ސިޔާސީ މަންފާޔަށްޓަކައި ޓެކުހުގެ މިންވަރު ދަށްކުރުމަކީވެސް އާމްދަނީއަށް ލޮޅުން އެރުމަށް މަގުފަހިވެގެންދިޔަ އެއްސަބަބެވެ. މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވަނީ ރާޖަޕަކްސާއިންގެ ތެރެއިން ރައީސާއި ބޮޑުވަޒީރެވެ. އެބޭފުޅުންނަކީ މައްސަލައިގެ އަސްލެވެ. ހައްލެއް ނޫނެވެ. އެހެންވީމާ މައްސަލަޔަށް ހައްލު ހޯދުމުގެ މަސައްކަތަށް އެބޭފުޅުން ގާބިލްނޫންކަމަށް ދެކޭ މީހުން ވަރަށްވެސް ގިނައެވެ.

އިގްތިސާދީ ތަދުމަޑުކަމުގެ ތެރެއިން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ ފުލުފުލުގައި ވަރުގަދަ މުޒާހަރާތަކެއް ކުރާން ފެށީމާ ރާޖަޕަކްސާ އާއިލާއިން ވަނީ ކެބިނެޓް އުވާލައި އައު ކެބިނެޓެއްގެ ބިންގާ އަޅައިފައެވެ. ކުރީގެ މާލީ ވަޒީރު ބަސިލް ރާޖަޕަކްސާ ވަނީ ވުޒާރާއިން އެކަހެރި ކުރެވިފައެވެ. ފުލް ކެބިނެޓް މުޅިން އެކުލަވައިނުލެވުނަސް ސަރުކާރު ހިނގަހިނގައި އޮންނާނޭ މަގުން ކަންކަން އިންތިޒާމް ކުރުމަށްޓަކައި މުހިއްމު ހަތަރު ވުޒާރާއަކަށް ބޭފުޅުން ވަނީ އައްޔަން ކުރެވިފައެވެ. އޭގެތެރޭގައި މާލީ ވުޒާރާ ހިމެނެއެވެ. މާލީ ވަޒީރަކަށް އައްޔަން ކުރެވިފައިވަނީ ކުރީގެ ޖަސްޓިސް މިނިސްޓަރ އަލީ ސަބްރީއެވެ. އޭނާގެ އިސް ޒިންމާއަކީ ހޯދުނު ގޮތަކަށް ފައިސާ ހޯދުމެވެ. ސަބްރީ ވިދާޅުވާ ގޮތުން މިވަގުތަށްވެސް ހަމަނޭވާ ލެވޭނީ ތިން ބިލިޔަން ޑޮލަރު ލިބިގެންނެވެ.

ރާޖަޕަކްސާއިންގެ ޒައާމަތުގެ ދަށުގައި އަވަސްކަމާއެކު ދަރަނީގެ ފުންކަނޑެއްގެ އެންމެ އަޑިޔަށް ސްރީލަންކާ ގެނބުނު ކަމަށްވިޔަސް ރާޖަޕަކްސާއިންގެ މުއްސަނދިކަން ވެފައިވަނީ އިތުރެވެ. މިލްކިއްޔާތުގެ އަގު ރޮކެޓެއްގެ މިސާލުގައި އަރައިގެންދިޔައީ މައްޗަށެވެ. ބޭރު ގައުމުތަކުން ފޯރުކޮށްދީފައިވާ އިންޓެލިޖެންސް މައުލޫމާތާއި ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ލިބެންހުރި މައުލޫމާތަށް ރިއާޔަތްކޮށްފައި ސްރީލަންކާގެ އިދިކޮޅު ޕާޓީތަކުން އަންދާޒާކުރާ ގޮތުން ރާޖަޕަކްސާ އާއިލާގެ މިލްކިއްޔާތުގެ އަގު އަށާރަ ބިލިޔަން ޑޮލަރަށް އަރައެވެ. އެހާވަރުގެ މުއްސަނދި ކަމެއް ރާޖަޕަކްސާގެ އާއިލާއަށް ލިބިފައިވާނަމަ ސްރީލަންކާ މިވަގުތު ބެއިލްއައުޓް ކުރުމަކީ މި އާއިލާއަށް އެކަނިވެސް ކުރެވިދާނޭ ކަމެކެވެ. އެހެންވީމާ ގައުމަށްޓަކައި ރާޖަޕަކްސާއިން ކޮށްދޭންވީ ކަމަކީ ވެރިކަން ކުރަން ނޫޅެ ދުނިޔޭގެ އެތަންމިތާގައި ފޮރުވައިފައި ހުރި ފައިސާޔާއި މުދަލުން ގައުމު ސަލާމަތް ކުރުމަށްޓަކައި އެހީވެދިނުން ކަމަށް އިދިކޮޅުން ބުނެއެވެ.