ޚަބަރު

މިނިސްޓަރު މަހުލޫފް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

ރ. މާކުރަތު ފުޓްބޯޅަ ދަނޑާބެހޭ ގޮތުން ސުވާލުކުރުމަަށް މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގެ ފަސްވަނަ ނަންބަރުގައި ވަޒީރުންނާ ސުވާލުކުރުށް ކަނޑައަޅާފައިވާ ވަގުތުގައި މާކުރަތު ފުޓްބޯޅަ ދަނޑާބެހޭ ގޮތުން ސުވާލު ކުރައްވާނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ވަހީދު މިނިސްޓަރު މަހުލޫފާ ސުވާލު ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ރ. މާކުރަތު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ތާރީހު އޮޅުން ފިލުވުމަށެވެ. އަދި އެ މަސައްކަތް ނުނިމި ދިގުލަނީ ކީއްވެތޯ ސުވާލުކުރާނެއެވެ.

މާކުރަތު ދަނޑުގެ މަސައްކަތް ލަސްވަމުންދާތީ އެރަށު ރައްޔިތުން ވަނީ މީގެ ކުރިން ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ދަނޑުގެ މަސައްކަތް ލަސްވާ މައްސަލައިގައި މިއަހަރު ކުރީކޮޅު އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ދަނޑު ސަރަހައްދުގައި ކަރާ ހައްދައިފައެވެ.