ކީރިތި ޤުރްއާން ބާވައިލެއްވުމުގެ މަތިވެރި ހާދިސާއަށް އަހަރުފުރޭ މައްސަރުގެ ދުވާލު ޚާއްޞަވެފައިވަނީ ރޯދަހިފުމަށެވެ. ރޭގަނޑުގެ ބައެއްގައި ކުރާންޖެހޭކަމަކީ ކީރިތި ޤުރްއާން އަޑުއެހުމަށްޓަކައި ޤިޔާމުގައި ތިބުމެވެ. ސަބަބަކީ ކޮބައިބާވައެވެ؟ މިސުވާލުގެ ޖަވާބު ވިސްނައިގަތުމަކީ އުނދަގޫކަމެއް ނޫނެވެ. މާތްވެގެންވާ ޤުރްއާނުގެ މަތިވެރި ނިޢުމަތުގެ ޙަޤީޤަތް ހޯދައިގަނެވިއްޖެ ކަމުގައި ވާނަމައެވެ. ކުޑައިރުކޮޅަކު ހުއްޓިވަޑައިގެން ވިސްނުންފުޅުގެ ބޭނުންކޮށްލައްވާށެވެ. ޤުރްއާންކަރީމުގެ ޙާމިލުން ކަމުގައްޔާއި އެމާތް ފޮތުގެ އަމީނުން ކަމުގައިވުމުގެ ޒިންމާއަކީ ކޮބައިތޯއެވެ؟
ޝައްކެއްނެތެވެ. ނިޢުމަތެއްގެ މުހިންމުކަން ބޮޑުވެފައި އަގުއަރައިހުރިވަރަކަށް އެނިޢުމަތެއްގެ ޙައްޤު އަދާކުރުމުގެ ޒިންމާ އިތުރުވެއެވެ. މަސްއޫލިއްޔަތު ބޮޑުވެއެވެ. މާތް اللّــه ގެ ކަލާމުފުޅުގެ މައްޗަށް އެކުލެވިގެންވާ އެކަލާނގެ ފޮތަކީ އެންމެ މަތިވެރި ރަޙުމަތެވެ. އެންމެބޮޑު ބަރަކާތެވެ. އެހެންކަމުން އެމާތް ފޮތާމެދު އަޅުގަނޑުމެން އުފުލާންޖެހެނީ ވަރަށްބުރަ މަސްއޫލިއްޔަތުތަކެކެވެ. ވަރުގަދަ ޒިންމާތަކެކެވެ. އެފޮތުގައިވަނީ އަޅުގަނޑުގެ ޙަޔާތުގެ އަސްލު މަޤްޞަދެވެ. އެފޮތް މަގުދައްކަނީ އަޅުގަނޑުމެންގެ ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ދަތުރުކުރާންޖެހޭ މިސުރާބަށެވެ. އަޅުގަނޑުމެންގެ މުރާދު ޙާޞިލުވާނެ ރަނގަޅު މަންޒިލަށެވެ. އެފޮތަކީ އިންސާނުންގެ އެތެރެފުށާއި ބޭރުފުށުގެ ހުރިހައި ބަލިބައްޔެއްގެ ފަރުވާއެކެވެ. އިންފިރާދީ އަދި އިޖްތިމާޢީ ހުރިހައި ނުކެރުންތެރިކަމެއް ފިލުވައިދޭނެ ބޭހެކެވެ. ހިނގާންވީ ސަރާސަރު ތެދުމަގު އޮޅި އަނދިރީގެ ތެރޭގައި ގަނަތެޅޭ މީހުންނަށްޓަކައި ސީދާމަގަށް އަލިކޮށްދޭ ފަނާރަކީ އެމާތް ފޮތެވެ.
ވިސްނައިވަޑައިގަންނަވާށެވެ. އިލާހީ ހިދާޔަތުގެ މި މަތިވެރި އިނާމު ޚާއްޞަގޮތެއްގައި ދެމަސްއޫލިއްޔަތެއް އަޅުގަނޑުމެންނާ ޙަވާލުކުރެއެވެ. އެންމެފުރަތަމަ މަސްއޫލިއްޔަތަކީ އެފޮތުގައި ދައްކަވައިފައިވާ ސަރާސަރު ތެދުމަގުން އަޅުގަނޑުމެން ހިނގަމުންދިޔުމެވެ. އެ އަލިކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ޙަޔާތުގެ ދަތުރު ކަޑައްތުކުރުމެވެ. އަޅުގަނޑުމެންގެ ރޫޙާނީ އަދި ޖިސްމާނީ ބަލިތަކަށް ޝިފާ ހޯދުމަށްޓަކައި އެފޮތުގައިވާ ނުސްޚާތަކުގެ ބޭނުންކުރުމެވެ. އެފޮތުގައި ނަމޫނާ ދައްކައިފައިވާ ތައްގަނޑަށް އަޅުގަނޑުމެން ފުރިހަމަޔަށް ފެތުމެވެ. ވިސްނުމާއި ފިކުރުގެ ގޮތުންނެވެ. ޢަމަލާއި ބަހުގެ ގޮތުންވެސްމެއެވެ.
ދެވަނަކަމަކީ އެފޮތުގައިވާ ހިދާޔަތު هــدى لـلنـّـاس ދުނިޔޭގައިވާ އެންމެހައި މީސްތަކުންނަށް ދެއްކުމެވެ. އެ ހިދާޔަތާ އެއްގޮތަށް ހިނގަމުންދިޔުމަށް ދަޢުވަތު ދިނުމެވެ. ކަޅުއަނދިރިކަން ވެރިވެފައިވާ މަގުތައް އަލިކޮށްދިނުމެވެ. ރޫޙާނީ އަދި ނަފުސާނީ ބަލިމީހުންނާ ހަމަޔަށް އެފޮތުގައިވާ ޝިފާގެ ނުސްޚާތައް ފޯރުވައިދިނުމެވެ.
ވިސްނައިލަމާ ހިންގަވާށެވެ. ދެވަނަޔަށް މިދެންނެވި މަސްއޫލިއްޔަތަކީ އެންމެފުރަތަމަ މަސްއޫލިއްޔަތުގެ ލާޒިމީ ނަތީޖާއެވެ. އެންމެފުރަތަމަ މަސްއޫލިއްޔަތު ކޮޅުނެތްކޮޅަށް ބާރުއަޅާ ކަމެކެވެ. ދެވަނަޔަށް މިދެންނެވި މަސްއޫލިއްޔަތު އަދާކޮށްގެންމެނުވީ އެންމެފުރަތަމަ މަސްއޫލިއްޔަތު އަދާކުރިކަމަކަށެއް ނުވާނެއެވެ. ރަނގަޅުމަގު ދަންނަމީހުން އެމަގު ނުދަންނަ މީހުންނަށް މަގުދައްކައިދިނުމަކީ މަގުއޮޅިފައިވާ މީހުންނަށްޓަކައި އަދާކުރާންޖެހޭ ވާޖިބެކެވެ. ބަލިމީހުންނަށް ބޭސްފަރުވާކުރުމަކީ ޞިއްޙަތު ސަލާމަތުންހުރި މީހުންގެ ވާޖިބެވެ. އެމީހެއްގެ އަތުގައި ބޭސްހުރިމީހާ ބޭސްނެތްމީހުނަށް ބޭސްދޭންޖެހޭނެއެވެ. އެއީ އަތުގައި ބޭސްނެތް ބަލިމީހުންނަށް ލިބޭންވާ ޙައްޤެކެވެ.
ޤުރްއާން ދައްކައިދޭ ސީދާމަގުން ހިނގަމުންދާން އަނެކުންނަށް އިރުޝާދުދީ ބާރުނާޅާނަމަ ޚުދު އަޅުގަނޑުމެން ޤުރްއާން މަގުދައްކައިދޭ ސީދާރާސްތާއިން ހިނގިކަމަކަށެއް ނުވާނެއެވެ. އަޅުގަނޑުމެންގެ މަސައްކަތްވާނީ އުނިމަސައްކަތެއް ކަމުގައެވެ. ފުރިހަމަ ނުކުރެވޭ މަސައްކަތެއް ކަމުގައެވެ. ދީނަށް ޢަމަލުކުރުމަށާއި ދީންފަތުރަން ދަޢުވަތުދިނުމަކީ ޤުރްއާނީ ސުލޫކުގެ ލާޒިމީ ބައެކެވެ. އަދި ކީއްތޯއެވެ؟ އެރޮނގުން ކުރާންޖެހޭ އެންމެ މުހިންމު އެއްމަސައްކަތެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންނާ ގުޅިލާމެހިފައިވާގޮތުން އެހެންމީހުންވެސް ތެދުމަގުގެ ރާސްތާއިން ކުރިޔަށް ހިނގަމުން ނުދާނަމަ އަޅުގަނޑުމެން އެކަނި އެމަގުން ހިނގަމުންދިޔުމަކީ ފަސޭހަކަމަކަށެއްވެސް ނުވާނެއެވެ.
ވިސްނައިލަމާ ހިންގަވާށެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އަށް އެންމެފުރަތަމަ ލިބިވަޑައިގެންނެވި ވަޙީގައި ހިދާޔަތު ދެއްވައިފައިވަނީ ކިޔަވައި ވިދާޅުވުމަށެވެ. ޝައްކެއްނެތެވެ. ކިޔަވައި ވިދާޅުވުމަކީ އަޑުއިއްވެވުންވެސް ހިމެނޭ ކަމެކެވެ. އޭގެފަހުން ލިބިވަޑައިގެންނެވި ވަޙީގައި ޞަރީޙުކޮށް އަމުރު ކުރައްވައިފައިވަނީ ތެދުވެވަޑައިގެން މީސްތަކުންނަށް އިންޒާރު ކުރެއްވުމަށެވެ. އެންމެހައި މީސްތަކުންގެ މެދުގައި މާތް اللّــه ގެ ކިބްރިޔާވަންތަކަން އިޢުލާންކުރެއްވުމަށެވެ. އެކަލާނގެ މަތިވެރިވަންތަކަން ޤާއިމުކުރެއްވުމަށެވެ. އެކަލާނގެ ކައުވަންތަކަމުގެ ކުރިމަތީގައި ހުރިހައި އެހެނިހެން ފަރާތްތަކެއް ތިރިކުރެއްވުމަށެވެ. ބިންމަތީގައި އެއްވެސްމީހަކަށް ކަލަކަށް ހެދިގެން ރަސްކަން ނުކުރެވޭ ދަރަޖަޔަށެވެ. އެއްވެސްމީހަކަށް ތިމާފަދަ އެހެން އިންސާނުން ތިމާގެ ކުރިމަތީގައި އަޅުވެތިކަމާއެކު ބޯލަންބައިނުލެވޭވަރަށެވެ. އިންސާނާ އެހެންހުރިހައި ފަރާތެއް އެއްކިބާކޮށް ހަމައެކަނި އޭނާގެ ވެރި އޭނާގެ ޚާލިޤުވަންތަ اللّــه سبحـانــه وتـعــالــى ގެ ޙަޟްރަތަށް ބޯލަނބާންޖެހޭވަރަށެވެ.
ވިސްނައިވަޑައިގަންނަވަމާތޯއެވެ؟ އިސްލާމީ އުންމަތް ޤާއިމުކުރެއްވީ ބަޔާންކުރަމުންމިގެންދާ މަޤްޞަދަށްޓަކައެވެ. އެންމެންނަށްވެސް އެނގޭނެފަދައިން ކީރިތި ޤުރްއާން ބާވައިލައްވާން ފެއްޓެވިއިރުވެސް މާތް اللّــه ގެ އެއްކައުވަންތަކަން ޤަބޫލުކުރާ މީހުން ވަކާވަކާއަށްނަމަވެސް ދުނިޔޭގައި ތިއްބެވެ. ރިސާލަތަށާއި ފޮތް ބާވައިލެއްވުމަށާއި އާޚިރަތްދުވަހަށް އީމާންވާ މީހުންވެސް ތިއްބެވެ. ފައްޅިތަކާއި ޚާނުގާހުތަކުގައި ރޭއަޅުކަންކުރާ މީހުންވެސް ނެތެއްނޫނެވެ. ރޯދަހިފާ ބަޔަކުވެސް އުޅެމުންގެންދެއެވެ. އެފަދަ މީހުންނާ މާތް اللّــه އާ ދެމެދުގައިއޮތް ގުޅުމަށާއި އެމީހުންގެ ރިވެތި އަޚްލާޤަށް އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައިވަނީ ތަޢުރީފު ވަޙީކުރައްވައިފައެވެ.
އާދެ، ކަންމިހެން ހުރިއިރު އަނެއްކާވެސް އައުރިސާލަތަކަށް ބޭނުންވީ ކީއްވެގެންތޯއެވެ؟ އައު ދަޢުވަތެއް ފެށުމުގެ ފަތްތޫރަ ހިންގެވުމާއި އައު އުންމަތެއް ދުނިޔޭގެ އިސްވާރުކަމަށް ނެރުއްވުމުގެ މަޤްޞަދަކަށްވީ ކޮންކަމެއްތޯއެވެ؟ އާދެ، އެއީ އެހައިތަނަށް ވާހެދިފައިއޮތް އީމާނާއި ޢަމަލުގެ ސީދާމަގު ދިލައި އަލިކުރުމެވެ. ޖާހިލިއްޔަތުގެ ހުރިހައި ގޮތްތަކަކާއި މަގުފުރެދުމުގެ ހުރިހައި ބާވަތްތަކަކުން ހުސްވެގެންވާ އަލިކަމުގެ ފަނާރެއް ދުނިޔޭގައި ޤާއިމުކުރެއްވުމެވެ. އެންމެހައި އިންސާނުންގެ ކުރިމަތީގައި އިންސާނުންގެ ރައްބަށާއި އެކަލާނގެ ދީނަށް ހެކިދޭނެ އުންމަތެއް ނެރުއްވުމެވެ. އިންސާނުން އިންސާފުގެ މަގުގައި ޤާއިމުވުމަށްޓަކައެވެ. އަރަހުށި މާތް اللّــه ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި ހަމައެފަދައިން މެދުމިން އުންމަތެއްކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތްދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކުކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. (الـبــقـــرة: 142)
އާދެ، މިއީ ޤުރްއާނުގެ މުހިންމަތެވެ. ޤުރްއާން ލިބިގަތުމާއި ޤުރްއާނުގެ އަމާނަތް ބޮލަރުވައިގަތުމުގެ ސަބަބުން އަޅުގަނޑާއި ތިބާގެވެސް މިޝަނެއްކަމުގައިވެފައިވާ މުހިންމަތެވެ. ޤުރްއާނަށް އީމާންވާކަމުގައި ދަޢުވާކުރާ ބޮޑުއުންމަތުގެ މިޝަނެވެ. މުހިންމަތެވެ.
މިއީ ކިހައިބަރު ކިހައިބޮޑު ޒިންމާއެއްތޯއެވެ. އެކަން ފުރިހަމަޔަށް ހިތަށް ސިފަކޮށްގަތުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އާދެ އެއީ މުޅި އިންސާނިއްޔަތު ތެދުމަގަށް ނެރުމެވެ. އެއީ އިންތިހާދަރަޖައިގެ މަތިވެރި މަސައްކަތެކެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އެމާތް ސާހިބާއަށް ލިބިވަޑައިގެންނެވި އެންމެފުރަތަމަ ވަޙީއާއިގެން ގަނޑުވަރަށް އެނބުރިވަޑައިގެންނެވިއިރު ހަށިކޮޅު ތުރުތުރުއެޅީ އެމާތް ސާހިބާގެ ކޮނޑުފުޅުގައި އެޅުއްވުނު އެ އަފޫރުއްބަ މަސްއޫލިއްޔަތުގެ ސަބަބުންނެވެ. އެމާތް ހަށިކޮޅަށް ހުންފުޅުގެ އަސަރުކުރީ އެކަމާހުރެއެވެ. ޚުދު އަރަހުށި މާތް اللّــه سبحـانــه وتـعــالــى ވަނީ އެކަލާނގެ ކަލާމުފުޅުގެ އަމާނަތަކީ ވަރަށްބޮޑު ވަރަށްބަރު ކަމެއްކަމުގައި ވަޙީކުރައްވައިފައެވެ. އެ އަމާނަތް އުފުލައިގަތުމަކީ ފަސޭހަކަމެއް ނޫންކަމުގައިވަނީ ވަޙީކުރައްވައިފައެވެ. ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވާ ގޮތުގައި އެކަލާނގެ އަމާނަތް އުފުލައިގަތުމުގެ މަސްއޫލިއްޔަތު އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށްވެސް ހުށަހެޅުއްވިއެވެ. އެކަމަކު އެ އަމާނަތުގެ ބަރު އުފުލައިގަތުމަށް އެތަކެތި ނުކުޅެދި ޢުޒުރުވެރިވިއެވެ. އެ އަމާނަތާ ޙަވާލުވެ އުފުލައިގަތީ އިންސާނާއެވެ. އެހެނީ އެބުރަ މަސްއޫލިއްޔަތަކީވެސް އިންސާނާއަށް އުފުލައިނުގަނެވޭވަރުގެ ބުރައެއް ނޫނެވެ. އަރަހުށި މާތް اللّــه އިންސާނާއަށް ވަނީ އެކަލާނގެ އަމާނަތް އުފުލައިގަތުމުގެ ހަކަތައާއި ބުންވަރު ދެއްވައިފައެވެ. އެކަލާނގެއީ ރަޙުމާނުވަންތަ ރަޙީމުވަންތަ ޢަދުލުވެރިވަންތަ އަދި ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.
މިބުރަ މަސްއޫލިއްޔަތު އުފުލުމަށްޓަކައި އަޅުގަނޑުމެންގެ ކަންކާލުގެ ތެރޭގައި ނުވަތަ އަޅުގަނޑުމެންގެ އެތެރެފުށުގައި އައު އިންސާނަކު އުފައްދާންޖެހެއެވެ. ހަމައެކަނި މާތް اللّــه އަށް އަޅުކަންކުރާ އިންސާނެކެވެ. ހަމައެކަނި އެކަލާނގެ އަޅެއްކަމުގައިވާ އިންސާނެކެވެ. އެހެން އެއްވެސްފަރާތެއް އޭނާގެ އަޅުކަމުގައި ބައިވެރިނުކުރާ އިންސާނެކެވެ. އެހެންފަރާތަކަށް އަޅުވެތިނުވާ އިންސާނެކެވެ. އެކަމަށްޓަކައި އޭނާއަށް ޖެހޭނީ ހަމައެކަނި އެކަލާނގެ ޙުކުމްފުޅު ހިނގާ ދުނިޔެއެއް އުފައްދާށެވެ. އެހެންފަރާތެއްގެ މަނަސް ނުހިނގާ ދުނިޔެއެއް އާރާސްތުކުރާށެވެ. ކާފަރުން ނުރުހުނުކަމުގައި ވިޔަސްވެހެވެ. އޭނާ ޤުރްއާނަށް ފުރިހަމަޔަށް އީމާންވާން ޖެހެއެވެ. ޤުރްއާނުގެ ޢިލްމުން ހަތިޔާރުއަޅާންޖެހެއެވެ. މެދުކެނޑުމެއްނެތި ޤުރްއާނާ ވަރުގަދަ ގުޅުމެއް ދަމަހައްޓާންޖެހެއެވެ. ކެތްތެރިކަމާއި ސާބިތުކަމުގެ ސިފަ ލިބިގަންނާންޖެހެއެވެ. ބުންވަރު އެލުވައިނުލައި މަސައްކަތްކުރުމުގެ ހަކަތައާއި ޤުރްބާނީގެ ރޫޙު އުފައްދާންޖެހެއެވެ. ޝައްކެއްނެތެވެ. ޤުރްއާނީ މުހިންމަތު އެދެނީ ނުހަނު މާތް، ވަރަށް މަތިވެރި ސިފަތަކަކުން ސިފަލިބިގެންވާ އިންސާނުންނަށެވެ. އެ ޤުރްއާން އެދެނީ އެފޮތުގެ ދިދަ ހިފައިގެން ތެދުވާ މީހުން ފިކުރީގޮތުންނާއި ޢަމަލާއި ބަހާއި ޝަޚްޞިއްޔަތުގެގޮތުން އާ އުސްމިންތަކަކަށް ބަލަމުންދިޔުމެވެ. ތަނަވަސް އުދަރެސްތަކަކަށް ދުރުމީ އަމާޒުކުރަމުން ގެންދިޔުމެވެ. އެކަމަށްޓަކައި ޚާއްޞަ ބުންވަރަކާއި ވަރުގަދަ ޖޯޝަކާއި ފުރިހަމަ ޤާބިލިއްޔަތަކަށް ބޭނުންވެއެވެ.
ދީން
ދީން
ދީން
ދީން