ލައިފް ސްޓައިލް

މި ޒުވާން ދެމަފިރިންގެ ހިތާއިހިތުގެ ލޯބިން އުފަންކުރި "ނޮޑީސް ކޮފީ" އައްޑޫގެ މަޝްހޫރު ރަހަޔަކަށް!

މަރިޔަމް ޝަފާ އިބްރާހިމް

ރެސްޓޯރަންޓަކަށް ނޫނީ ކެފޭއަކަށް ވަދެ ކޮފީއޭ ބުނީމަ އަންނަނީ ނެސްކެފޭ، ލަވާޒާ، ސްޓާބަކްސް، ނޫނީ އިލީސް ކޮފީއެވެ. މުޅިންވެސް ބްރޭންޑެޑް އިންޕޯޓެޑް ކޮފީއެވެ. ނޫނީ ކޮންމެވެސް އާޓިފިޝަލް ފްލޭވަރ އަކުން ތައްޔާރުކޮށްފައިވާ ކޮފީއެކެވެ. މާލޭގައި އަމިއްލައަށް ކޮފީ ބީންސް އިން ރޯސްޓްކޮށްގެން ތައްޔާރުކޮށްދޭ ކޮފީ ހުރެއެވެ. އެހެންނަމަވެސް މިއީ އެފަދަ ކެފޭއެއް ނޫނީ ކޮފީ ލިބޭ ކެފޭތަކުގެ ވާހަކައެއް ނޫނެވެ. އަމިއްލަ ބްރޭންޑެއްގެ ކޮފީއެއް، ކޮފީބީންސް ރޯސްޓްކޮށް، މާނައަކީ ކޮފީބީންސް ހަނާކޮށް، އެއިން ތަފާތު ރަހަތައް ނެރެދީ، ޕެކެޓްކޮށްގެން ވިއްކާ ފަރާތެއްގެ ވާހަކައެވެ. ރާއްޖޭގެ ފުރަމާލެއިން ބޭރު އަތޮޅުތަކުން އަތޮޅެއްގެ ރަށެއްގައި އަމިއްލަ ގައުމުގެ ނަން އަމިއްލަ އުފަން ފަސްގަނޑުގައި ކުރިއަރުވާ ގައުމީ، ވަތަނީ ޖޯޝަކާއި ވަޒަނުގެ ލޯބީގައި މިފަދަ މަސައްކަތެއް ކުރާ ޒުވާނެއްގެ ވާހަކައެވެ.

އައްޑޫސިޓީގެ ފޭދޫ، އެހިސާބަށް ކައިރިވެލިއަސް ސަރަހައްދުންވެސް ކޮފީގެ ހިތްގައިމު ވަސް ދުވާކަމަށްވެއެވެ. އައްޑޫސިޓީގެ ފޭދޫން ހިތްގައިމު ކޮފީއެއް ވުޖޫދަށް އައިސް އެކޮފީ އާންމުންނަށް ލިބެން ފަށާފައިވާ ކަމީ އުފާވެރި ހަބަރެކެވެ. ހިތްގައިމު ވަހަކާއެކު މީރު ރަހައަކާއެކު ގައުމުގައި އުފެއްދޭ އަމިއްލަ ވަޒަނުގެ ލޯބި އެކުލެވޭ ބުއިމެއް ލިބޭއިރު މީގެ ހާއްސަ ކަމަކީ މިކޮފީއަށް އެމީހަކު ބޭނުން ވަރަަކަށް ރަހަ ގެނެވޭއިރު ބޭނުން އެސެންސެއް މީގައި ހިމެނޭކަމެވެ.

މީގެ އެންމެ ހާއްސަ ތަފާތު ކަމަކީ މިއީ އިންތިހާއަށް ލޯބިން އުފެދިގެން އައިސްފައިވާ ހިޔާލަކުން އުފަންވެފައިވާ ކޮފީއަކަށްވާކަމެވެ. މިއީ އަނތްބަކު ލޯބިލޯބިން ކުރި ކައިވެނީގެ ހަދިޔާއަކުން އުފެދުނު ހިޔާލެކެވެ. އެހާމެ ލޯބިން އެހިޔާލުން އުފަންވެގެން އައި މީރު ވަހަކާއި އަރާމު ރަހަތަކެކެވެ. ވެލޭރިއަންސް ރޯސްޓިން ކޮފީ ކުންފުނީގެ "ނޮޑީސް ކޮފީ" އެވެ.

އައްޑޫ ސިޓީގެ ފޭދޫއަށް އުފަން ނާޒިޝް އަހުމަދު، ނޮޑީ އަކީ އުފާވެރި މިޒާޖެއްގެ އެހެންނަމަވެސް އަމިއްލަ ވަޒަން ދެކެ ނުހަނު ލޯބިވާ އަމިއްލަ އުފަން ބިންދެކެ ފުރާނައިން މަރުދޭ ޒުވާނެކެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ނޮޑީ ރާއްޖެއިން ބޭރު، މާދުރު ރަޝިޔާގެ ވްލަޑިވާސްޓާކް އަށް އުފަން ލޭރާ އޮގްނޭވާ، ލޭރާ އާއި ކައިވެނި ކޮށްގެން އަމިއްލަ ރަށުގައި ދިރިއުޅޭ ކަމެވެ.

"އަމިއްލަ އަތޮޅާއި އަމިއްލަ ރަށުގެ ވާހަކަ ބުނީމަ.. މެޖިކް ބަސްތަކެއް..." ނޮޑީގެ ހިތް، "ވަން"އާ ނޮޑީސް ކޮފީ އުފަންވި ގޮތާއި ވެލޭރިއަންސް ކޮފީގެ ނަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ސަބަބު، އަދި މިދެނަމާއި ގުޅިގެން މިއަންނަ ކޮފީގެ ހަގީގީ ވާހަކަ ހިއްސާކޮށްލުމަށް ނޮޑީގެ ހިތް އެއްބަސްވީ އަމިއްލަ ރަށުގެ ނަން ބުނުމުން ކަމަށް ނޮޑީ ބުންޏެވެ. މިހިސާބަށް ނޫހަކަށް ދިން އެންމެ ފުރަތަމަ ބަސްދީގަތުމަކީ މިއީ ކަމަށްވެސް ބުނަމުން ނޮޑީ ކޮފީއާއި ނޮޑީގެ ހަޔާތާ އޮތް ގާތް ގުޅުމުގެ ވާހަކަ ކިޔައިދިނެވެ.

"މަންމާ ބެނީ ފެކްޓަރީނަސް ހަވާދަ ގިނިޔޭށިއައު، ތިމާއަތުނަސް ހަވާދަ ގިނިޔޭށިއައު، ތަފާތު އެނގޭނެއިގަންނެ މީހާށާއު، ކާ މީހާށާއު!"

ވެލޭރިއަންސް ކޮފީ ރޯސްޓިންގެ "ނޮޑީސް ކޮފީ"ގެ އުފެއްދުންތެރިޔާ، އައްޑޫސިޓީގެ ފޭދޫ، ނާޒިޝް އަހުމަދު ހެވިލާފައި ވާހަކަ ފެށުމުގެ ކުރިން އެންމެ ފުރަތަަމަ ބުނެދިނީ ކޮފީބީންސް މީރު، އަރާމު ރަހައެއްގެ ކޮފީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ވާހަކައެއް ނޫނެވެ. އެކަމަކު ބޮޑެތި ފިހާރަތަކުން ނުވަތަ ކެފޭތަކުން ކޮފީ ގަނެވިދާނެ ވާހަކައެވެ. އެކަމަކު މަންމަ ބުނެފައި އެވާ ގޮތަށް ފެކްޓަރީގައި ބަންދު ކޮށްފައިވާ ކޮފީއާއި ނޮޑީސް ކޮފީން ގަންނަ ކޮފީގެ ތަފާތު އެނގޭނީ އެކޮފީ ގަނެގެން ބޭނުންކުރާ ފަރާތަށް ކަމަށް ނޮޑީ ބުންޏެވެ. އެއަށްފަހު އާދައިގެ ނޮޑީ، މަންޒިލަކަށް "ވެލޭރިއަންސް ކޮފީ ރޯސްޓިން" ހޯދައި އެމަންޒިލުގައި ނޮޑީސްކޮފީ އުފެއްދުމަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދިނެވެ.

ހަނދާން ހުންނަން ފެށީއްސުރެވެސް ނޮޑީ އޭނާގެ އަމިއްލަ އަތޮޅާއި އަމިއްލަ ރަށާ ދޭތެރޭ ވަރަށް ކަންބޮޑުވެ ދެރަވާ ސަބަބެއް އޮންނަކަމަށްވެއެވެ. އެއީ ކޮންމެ ބަޔަކުވެސް ބޮޑުވެގެން އަމިއްލައަމިއްލަ ދިރިއުޅުމާއިގެން ކުރިއަށްދާއިރު ތިމާގެ އުފަން ބިމާމެދު އެއްވެސް ސަމާލުކަމެއް ނުދިނުމެވެ. ރަށުގައި އެތައް ބައިވަރު ކަންތައްތަކެއް ކުރުމަށް ތަނާއި ޖާގައާއި ފަސޭހަކަން އޮތުމާއެކުވެސް ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ދިރިއުޅުމާއެކު ރަށް، ރަށަށް، ދޫކޮށްލާފައި އެހެން ހިސާބުތަކަށް ގޮސް އެހެން ހިސާބުތައް ތަރައްގީކުރުުމުގައި އުޅެގަންނާތީ ނޮޑީ ވަރަށް ކަންބޮޑުވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އޭނާގެ އަމިއްލަ ރަށަށް އަމިއްލަ އަތޮޅަށް ކަމެއްް ކޮށްދިނުމުގައި އަމިއްލަ ޒިންމާ އަދާކުރުމަކީ، ޅައިރުއްސުރެވެސް ނޮޑީ ދެކެމުންދިޔަ ބޮޑު ހުވަފެނެކެވެ.

ރަށުގައި އުޅެފައި ރިސޯޓު ދިރިއުޅުމަކަށް ނޮޑީ ބަދަލުވީ ޅަފުރައިގައެވެ. 2102މ. ގައި ނޮޑީ ރިސޯޓަކަށް ދިއުމުން އޭނާއާ ހަވާލު ކުރެވުނީ ރެސްޓޯރެންޓުގެ ވެއިޓަރުކަމާއެވެ. އުމުރުގެ ހަގުކަމާއި ތަޖުރިބާގެ ކަމެއް އަމުދުން ނެތުމުން ނޮޑީ ބޭނުންވި ހިސާބަކުން ވަޒީފާ ލިބުން ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް މިއުޅުމުގެ ތެރެއިން އެއްރެއަކު "އެންމެންގެ" ގޫގްލްބޭބެ ގާތު ކޮށްލި ސުވާލަކަށް ލިބުނު ޖަވާބަކުން ވަޒީފާގެ ފޫހިކަން ދުރުކުރާނެ މަގު ނޮޑީ ހޯދިއެވެ. ކަސްޓަމަރުންނަށް ހިދުމަތްދޭއިރު ކޮފީގެ މަތީގައި ހިތްއެދޭ ގޮތަކަށް ކުރަހަން ފެށީއެވެ. މިއާދައިގެ ދިރިއުޅުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ހަޔާތުގެ މިފޫހި، އެއްވެސް ކަމެއްނެތް ދަތުރު ނުހަނު ހިތްގައިމު، އެހާމެ ޝައުގުހުރި ދަތުރަކަށްވާނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް އޭރަކު ނޮޑީއަކަށް އިހުސާސެއްވެސް ކުރެވިފައެއް ނެތެވެ. އެހެންނަމަވެސް އެއްދުވަހަކު ހަމަ ހަގީގަތުގައިވެސް ނޮޑީގެ ހަޔާތުގެ ކަޅާއިހުދުގެ މަންޒަރުތައް ނަލަރީތި ކުލަތަކަކުން ޖަރީކޮށްލީ އޭނާއާއެކު ކޮފީއެއްގައި އިށީނދެލި އަންހެންކުއްޖާއެވެ.

ލޭރާއާއި ނޮޑީގެ ބައްދަލުވުންތައް ފެށުނީ ކޮފީއަކުންނެވެ. މުޅި ހަޔާތުގެ ހުރިހާ މުހިންމުކަމެއް އޮތީ ކޮފީއާ ގުޅިފައެވެ. ލޭރާ ކިޔައިދިން ގޮތުގައި ކޮފީއެއް ބުއިމަށް ނޮޑީއާއެކު ހޭދަކޮށްލި ފުރަތަމަ ހިނދުކޮޅު، ފުރަތަމަ ދުވަހު ވެސް ނޮޑީއަކީ ތަފާތު ހުނަރުވެރި ގާބިލު ޒުވާނެއްކަން އޭނާއަށް ދެނެގަނެވުނެވެ. އަމުދުން 2017މ. ވަނަ އަހަރުގައި އައްޑުއަށް ކުރި ދަތުރަކުން ލޭރާއަށް ނޮޑީގެ މުސްތަގުބަލު އޮތީ ހަގީގަތުގައިވެސް ކޮފީ ހިމެނޭކަހަލަ ކަމެއްގައިކަން ޔަގީންކުރެވުނެވެ. އޭގެ ފަހުން ލޭރާ ދިޔައި ނޮޑީއަށް ހިތްވަރުދެމުންނެވެ. އަދި ދެމީހުން ދިޔައީ އެމިހުންގެ ފެންވަރުން އަމިއްލަ ފަސްގަނޑުގައި ކޮންމެވެސް ހާއްސަ ކަމެއް ކުރުމުގެ ޕްލޭން ކުރަމުންނެވެ.

"ވަރަށް ރައްޓެހިން ގިނަވާނެ، ވަރަށް ގިނައިން ކޮފީއަށް ދާނެ، ފެންނައިރަށް 'ހިނގާ ކޮފީއަކަށް' ރައްޓެހިން މިހެން ބުނާނެ، ކޮފީއަކީ ވަރަށް ގިނަ ގުޅުންތައް ގާތްކޮށްދޭ، މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅުންތައް އިތުރުވެސް ކުރުވާ ރީތި، ރަނގަޅު ބަހަނާއެއް. އެހެންނޫނަސް ކޮފީއަކީ ނޮޑީގެ އެއްޗެއް." ލޭރާ ކިޔައިދިން ގޮތުގައި ކައިވެންޏަށްފަހު އައްޑޫގައި ދިރިއުޅެން ފެށި ހިސާބުން، އޭނާ ދިޔައީ ކޮފީގެ އަސްލު މީހުންނަށް ފޯރުކޮށްދޭ ފަދަ މަސައްކަތެއް ކުރުމަށް ފިރިމީހާއަށް ހިޔާލުދީ ހިތްވަރުދެމުންނެވެ. ހަމައެހެންމެ ކުރިންވެސް ބުނިހެން ނޮޑީއަކީ އަބަދުވެސް އަމިއްލަ އުފަން ރަށަށް ކޮންމެވެސް ތަފާތު ކަމެއް ކޮށްދޭން ބޭނުންވާ ޒުވާނެއްކަމުން މިހާރުގެ ތަރައްގީވެފައި މިއޮތް ޒަމާނުގައި އެންމެ މަގުބޫލު އެއްބުއިމަކީ ކޮފީ ކަމަށްވާތީ، ކިރިޔާވެސް ފުރުސަތެއް ލިބުމުން އަމިއްލަ ރަށުގައި މަސައްކަތް ފެށީއެވެ. އެހެންވިޔަސް މިއީ ހުރިހާ ކަމެއްވެސް ނުހަނު ދުރާލައި ވިސްނައި ސަމާލުކަންދީގެން އެހާމެ ގަޔާވެގެން ފެށި ވިޔަފާރިއެކެވެ.

"ނޮޑީ ބޭނުންވަނީ އަމިއްލަ އަތޮޅާއި ރަށް ތަރައްގީވެ ކުރިއަރައިގެންދާން. ހުރިހާ އެންމެން މާލެ ދިޔައިމަ ރަށް އޮންނަނީ ފަޅުވެފަ. ނޮޑީ ގަބޫލު ކުރާ ގޮތުގަ ހަމައެކަނި މާލެއަކު ނޫން ބިޒްނަސް އޮތީ. ކޮންމެ މީހަކުވެސް އެމީހެއްގެ އަތޮޅާއި ރަށް ކުރިއަރުވަން މަސައްކަތް ކުރާނަމަ މާލެ އަޑިއަށް ދާވަރަށް މީހުން އެތަނަކު ނުތިބޭނެ."
ނާޒިޝް އަހުމަދު، ނޮޑި.

ލޭރާއާއި ނޮޑީއަކީ ޒުވާނުންނަށް ހުރި ރަނގަޅު ނަމޫނާއެކެވެ. މީހެއްދެކެ ހިތުގެ އަޑިން ލޯބިވެއްޖެނަމަ އެމީހާގެ ހުރިހާ ކަމަކާއި އެމީހާ ލޯބިވާ ހުރިހާ ކަމެއްދެކެވެސް ލޯބިވާނެކަން ލޭރާ ވަނީ ސާބިތުކޮށްދީފައެވެ. ނޮޑީގެ ހިތުގައި އަމިއްލަ ގައުމަށާއި އަމިއްލަ އުފަން ރަށަށް އޮތް ލޯތްބާއެެކު ކޮފީއާއި ނޮޑީގެ ޒަމާންވީ ގުޅުމަށްވެސް ލޭރާ ސަމާލުކަންދިނެވެ. ކައިވެންޏަށްފަހު ހަނީމޫނަށް ދިއުމުގެ ބަދަލުގައި މި ޒުވާން ދެމަފިރިން، އެކުދިން އެއްކޮށްފައިވާ ފައިސާ ހަރަދުކޮށްގެން ގަތީ ކޮފީ ރޯސްޓިންގ މެޝިނެކެވެ. މިކަމުންވެސް ދޭހަވަނީ މިއީ ބޭކާރު ހަރަދުތައް ކުރުމަށްވުރެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެންމެ ކުދިކުދި ކަންތައްތައްވެސް ވިސްނައިގެން ކުރާ ދެމަފިރިންކަމެވެ. ހަނީމޫނަށް ދިއުމުން ރައްކާ ކުރެވޭނީ ހަނދާންތަކެކެވެ. އެކަމަކު އެފައިސާކޮޅުން ގަތް މެޝިނުން އެމީހުންގެ މުސްތަގުބަލު އުޖާލާ ވުމާއެކު އަމިއްލަ ރަށަށް އޮތް ދަރަންޏެއްވެސް އަދާ ކުރެވުނީއެވެ.

ކޮފީ ރޯސްޓު ކުރުމަށް ބޮޑު ތަނެއް ހޯދައިގެން ކާރުހާނާއެއް ހެދުމުގެ ބަދަލުގައި އަމިއްލަ ހައިސިއްޔަތުން ފެންވަރުން ކަންތައް ކުރުމަށް ލޯބިކުރާ މިދެމަފިރިންގެ ވިސްނުމަށް ސާބަސްދޭވަރު ވެއެވެ. ނޮޑީ ކިޔައިދިން ގޮތުގައި އޭނާގެ ރަށުގައި އަމިއްލަ ގޭގައި ހުރި ކޮޓަރިއެއް ކުޑަވަރެއްގެ ކާރުހާނާއަކަށް ބަދަލުކޮށް، ތައްޔާރުކޮށް އެތަނަށް ރޯސްޓުކުރާ މެޝިން ވެއްދީއެވެ. އަދި ދެމަފިރިން އެއްބަސްވި ހެޔޮ ސާއަތެއްގައި ކޮފީ ރޯސްޓު ކުރުމުގެ ހިދުމަތް މިތަނުން ދޭން ފެއްޓިއެވެ. މިހާރު ވެލޭރިޔަންސް ރޯސްޓިންގ ކުންފުނީގެ ނޮޑީސްކޮފީއަށް "ތިމަންނާއަށް ބޭނުންވަނީ މިވެނި ރަހައެއްގެ ކޮފީއެއް" ކަމަށް އޯޑަރު ދިނުމުން ނޮޑީ އޭނާގެ އަތުގައި ހުރި ކޮފީއޮށް، ނޫނީ ކޮފީބީންސްތަކުން އެރަހަ ނެރެވޭނެ ބީންސް ނަގައިގެން އޯޑަރުގައިވާ ރަހަ ނެރެވެންދެން ވަކި މިނެއްގައި ކޮފީ ރޯސްޓު ކުރެއެވެ. ނޮޑީސް ކޮފީއަކީ އަދި ހަމަ އެކަނި ކޮފީ ރޯސްޓުކޮށް ޕެކެޓްކޮށް ވިއްކާ ވިޔަފާރިއެކެވެ. އަދި މިވަގުތު ކޮފީ ބޯން ތިބޭނެ ކެފޭއެއް ނޫނަސް މުސްތަގުބަލުގައި އެފަދަ ތަނެއްވެސް ނޮޑީސް ކޮފީއަށް ހާއްސަކޮށް ހުންނާނެކަމުގެ އުއްމީދު ކުރެއެވެ.

"ނޮޑީ ބޭނުންވަނީ އަމިއްލަ އަތޮޅާއި ރަށް ތަރައްގީވެ ކުރިއަރައިގެންދާން. ހުރިހާ އެންމެން މާލެ ދިޔައިމަ ރަށް އޮންނަނި ފަޅުވެފަ. ނޮޑީ ގަބޫލު ކުރާ ގޮތުގަ ހަމައެކަނި މާލެއަކު ނޫން ބިޒްނަސް އޮތީ. ކޮންމެ މީހަކުވެސް އެމީހެއްގެ އަތޮޅާއި ރަށް ކުރިއަރުވަން މަސައްކަތް ކުރާނަމަ މާލެ އަޑިއަށް ދާވަރަށް މީހުން އެތަނަކު ނުތިބޭނެ."

ނޮޑީ ބޭނުންވަނީ ނޮޑީސްކޮފީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފޮނުވައިގެން ކޮންމެ ހިސާބަކުންވެސް އެކޮފީ ލިބޭނެ މަގު ތަނަވަސްވުމެވެ. އަދި އެކްސްޕޯޓު ކުރުމަކީ އެއަށްވުރެ ފަހުގެ ކަމެއްކަމަށްވެސް ނޮޑީ ބުންޏެވެ. މުސްތަގުބަލުގައި ނޮޑީސްކޮފީގެ ކެފޭއެއް ހުންނާނެކަމުގެ އުފާވެރި ހަބަރުވެސް ނޮޑީ އޭނާގެ ފޭނުންނަށް ދިނެވެ.

ނޮޑީ ކަހަލަ އަމިއްލަ އުފަން ބިން ދެކެ ލޯބިވާ އަމިއްލަ ރަށް ކުރިއަރުވާ ތަރައްގީ ކުރާނެ ވިސްނުން ހުރި ހުޝިޔާރު ޒުވާނުންނަށް އަދު ގައުމު މިވަނީ ބޭނުންވެފައެވެ. ކޮންމެ ޒުވާނަކުވެސް އެމީހެއްގެ ފެންވަރުން، ހައިސިއްޔަތުން އަމިއްލަ ރަށަށް ހިދުމަތެއް ކޮށް ދިނުމަކީ އެރަށަކަށް ލިބޭނެ ކުރިއެރުމެކެވެ. ތަރައްގީ ކުރުމަކީ ހަމައެކަނި ވަކިބަޔަކަށް ހާއްސަކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ވާވަރުން ފަރުދީ ޒިންމާ އަދާކުރެވޭނެ އެހެންނޫންތޯއެވެ.

ދެމީހުންގެ ހިޔާލަށް ހަގީގީ ސިފަ ގެނައުމަށް ގަތް ކޮފީ މެޝިނުން މިއަދު މިވަނީ މުޅިން އަމިއްލަ، ދިވެހި އަތަކުން ތައްޔާރު ކުރެވޭ ކޮފީގެ ބްރޭންޑެއް މާކެޓަށް ނެރެފައެވެ. ހަމަމިއާއެކު ރޯސްޓިން ސެޝަންތަކެއްވެސް ނޮޑީ އަންނަނީ ހިންގަމުންނެވެ. ކޮފީއަކީ ކިހިނެއްވާ ކޮން އެއްޗެއްކަން ހާމަކޮށްދީ ބުނެދިނުމަށް ނޮޑީ ކުރާ މަސައްކަތަކީވެސް ފުރިހަމަ، ތައުރީފު ހައްގު ކަމެކެވެ.

"ކޮފީއޭ ބުނީމަ މީހުންނަށް އެނގެނީ ނެސްކެފޭ ނޫނީ ލަވާޒާ އެކަނި. އެވެސް ކިހިނެއްވާ އެއްޗެއް ކަމެއް ނޭނގޭ." ތެދެކެވެ. ކޮފީއެއް ބޯއިރު އެއީ ކިހިނެއްވާ ކޮންއެއްޗެއްކަން އެނގުން ބޭނުންތެރިއެވެ.

ނޮޑީސް ކޮފީގެ ރަހަތަކާމެދު ހުދު ނޮޑީއާ ސުވާލު ކޮށްލުމުން ދިން ޖަވާބު މާނަފުންވެފައި ފުރިހަމައެވެ.

"އަނެއްކާވެސް ހަމަ މަންމަ ބުނިހެން ބުނެވޭނީ، މަންމާ ބެނީ ފެކްޓަރީނަސް ހަވާދަ ގިނިޔޭށިއައު، ތިމާއަތުނަސް ހަވާދަ ގިނިޔޭށިއައު، ތަފާތު އެނގޭނެއިގަންނެ މީހާށާއު، ކާ މީހާށާއު!"

ތެެދެކެވެ. އެއްޗެއް އުފައްދައި ތައްޔާރުކުރާ މީހަކަށް އޭގެ މޮޅުދެރައެއް ނޭނގޭނެއެވެ. އެކަން އެނގޭނީ ބޭނުން ކުރާ މީހަަކަށެވެ. ހަމައެހެންމެ ކާރުހާނާއަކުންވެސް އަދި އަމިއްލަ، އާދައިގެ މީހެއްގެ އަތުންވެސް ބޭނުންވެގެން އުޅޭ އެއްޗެއް ގަނެވިދާނެއެވެ. ދެތަނުން ގަންނަ ދޭތީގެ ތަފާތު އެނގޭނީ އެގަނެގެން ގޮސް ބޭނުން ކުރާ މީހާއަށެވެ. ފާޑުކިޔަން އެނގޭނީ ބޭނުން ކުރާ މީހަކަށް ނޫންހެއްޔެވެ.

ކޮންމެއަކަސް ނޮޑީގެ ކޮފީއާ ބެހޭ ގޮތުން އެހެން ބައެއް މީހުންނާ ސުވާލު ކޮށްލުމުން ވެސް ލިބުނީ ޕޮޒިޓިވް ޖަވާބުތަކެކެވެ. ނޮޑީގެ ކޮފީއަކީ އެމީހަކު ބޭނުންވެގެން އެދޭ ގޮތަކަށް އެ އެދޭ ރަހައެއްގައި ތައްޔާރުކުރެވޭ ކޮފީއެކެވެ.

"ވަރަށްވެސް ދެފުށްފެންނަ ގޮތަށް ނޮޑީ ކޮފީ ރޯސްޓް ކުރާނީ. އެހާ މިރުވާނެ. ބުނި ރަހައެއްގަ ތައްޔާރުކޮށްދޭނެ." އައްޑޫސިޓީގެ ބައެއް މީހުންނާ ސުވާލުކޮށްލުމުން އެންމެންހެން ދިނީ އެއްޖަވާބެކެވެ.

ނެސްކެފޭ ބްލެކެއް، ނޫނީ ލަވާޒާ މިލްކަކަށް އޯޑަރުދޭ ގޮތަށް ކެފޭތަކުންނާއި އެހެނިހެން ތަންތަނުން "ނޮޑީސް ކޮފީ"އަށް އޯޑަރު ދެވޭނެ ދުވަހެއް އަވަސް މުސްތަގުބަލެއްގައި ފެނުމަށް އިންތިޒާރު ކުރާ އެތައް ބަޔަކުވެސް އެބަތިއްބެވެ.

"ވަން" އިން އެދެނީ ވެލޭރިއަންސް ކޮފީ ރޯސްޓިންގެ ނޮޑީސް ކޮފީ އަށް ފާގަތި ކާމިޔާބު މުސްތަގުބަލެއް ލިބުމެވެ. އަދި ލޭރާއާއި ނޮޑީގެ ލޯބިލޯބި ދިރިއުޅުމަށްވެސް "ވަން" އިން އެދެނީ އަބަދުވެސް ބާއްޖަވެރިކަމާއި އުފާވެރިކަމެވެ.