ބޮލީވުޑް

ރަންބީރާއި އާލިއާ ކައިވެނިކޮށްފި

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފިއެވެ.

ރަންބީރާއި އާލިއާ މިއަދު ކައިވެނިކޮށްފައިވަނީ މުމްބާއީގައި ހުންނަ އެމީހުންގެ ގޭގައެވެ. އެ ކައިވެންޏަށް ދައުވަތު ދީފައިވަނީ ދެ އާއިލާގެ މެންބަރުންނަށާއި ގާތް އެކުވެރިންނަށެވެ.

ރަންބީރާއި އާލިއާ ކައިވެނިކުރިކަން އިއުލާންކުރުމަށް އެ ދެ ތަރިންގެ ފަރާތުން އާލިއާގެ އިންސްޓަގްރާމުގައި އޭނާ ވަނީ ޕޯސްޓެއް ކޮށްފައެވެ. ކައިވެނީގެ ފޮޓޯތަކާއެކު އާލިއާ ކުރި އެ ޕޯސްޓުގައި ބުނެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަސް އަހަރު ދުވަހު އެމީހުންނަށް އެންމެ ހާއްސަ ބެލްކަނީގައި, އާއިލާ އާއި އެކުވެރިންގެ ހާޒިރުގައި ކައިވެނިކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދެމީހުން ލޯތްބާއެކު ހާއްސަ ދުވަސްތަކެއް ހޭދަކުރުމަށް ކެތްމަދުވެފައިވާ ކަމަށާއި ލޯތްބާއި އަލިކަން ގެނެސްދިން އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ކައިވެނީގެ އެ ވަގުތަކީ އެންމެ ހާއްސަ ވަގުތުކަން އާލިއާގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނީ ބްރާމާސްތުރާގެ ޝޫޓިންގެ ތެރެއިން 2018 ވަނަ އަހަރުއެވެ. ލޯބިވެރިންގެ ގޮތުގައި އެ ދެމީހުން ފުރަތަމަ ފެނިފައިވަނީ އެ އަހަރު ސޯނަމް ކަޕޫރާއި އާނަންދް އަހޫޖާގެ ކައިވެނި ހަފުލާގައެވެ. ނަމަވެސް އާލިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަންބީރު އިއުލާންކުރީ 2020 ވަނަ އަހަރު ދިން އިންޓަވިއުއެއްގައެވެ.

އުމުރުން 39 އަހަރުގެ ރަންބީރަކީ ބޮލީވުޑްގައި މަޝްހޫރު ކަޕޫރު އާއިލާގެ މެންބަރެކެވެ. އޭނާއަކީ އެކްޓަރު ރިޝީ ކަޕޫރާއި ނީތޫ ސިންހްގެ ދަރިއެކެވެ. އަދި އާލިއާއަކީ މަޝްހޫރު ފިލްމު ޑިރެކްޓަރު މަހޭޝް ބަޓްގެ ދަރިއެކެވެ.