ލައިފް ސްޓައިލް

ހިޔާގެ ފުލެޓެއް: އެންމެން ނިދަން ތަރުފާލުގަނޑެއް، ފާހާނާ ދޮރަކަށް ފޮތިގަނޑެއް، ހާލަތު ބަދަލުކޮށްދިނީ ލިޓަސްއިން

މަރިޔަމް ޝަފާ އިބްރާހިމް

10

ހިޔާފުލެޓުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެެވެ. މިހާރު ރާއްޖޭގެ އެންމެނަށްވެސް އެނގޭ ވަރަށް ބާ ވާހަކައެކެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުގައި ހިޔާ ފުލެޓު ލިބުމުން ފުލެޓަށް ބަދަލުވި ރ.ކަނދޮޅުދޫ މުނީޒާ އިސްމާއީލުގެ އާއިލާ މަސްތަކެއް ވަންދެން އުޅުނު ބިކަ ނިކަމެތި ހާލުގެ ވާހަކައެވެ. އާންމު ފަރާތެއްގެ އެހީއާއެކު ފޭސްބުކް މެދުވެރިކޮށް ހާމަވެގެންދިޔަ ވާހަކައަށް އެއްވެސް ބަަޔަކު ކަމުގައި އެހީނުވެ ނަންބަރު ހޯދައި މައުލޫމާތު ހޯދަމުން ދިޔަޔަސް އެއަަކަށް އެއްވެސް އަމަލީ އެހީއެއް ނުލިބެއެވެ. އެކަމަކު އެއްދުވަހަކު ލިޓަސް އިން އެފަރާތަށް ކޮށްލި ކޯލާއެކު މުނީޒާގެ އާއިލާއާއި ބައްދަލުވެ، މަންޒަރު ލޮލުން ދުށުމަށްފަހު އަމަލީ އެހީއެއް ވެދެއްވީ ލިޓަސްގެ ފަރާތުން އަހުމަދު ޒާހިރެވެ.

އައިޝަތު ލިޒިއަނަކީ އެދުރެކެވެ. ނަމޫނާ އައިޑަލްއެކެވެ. ލިޒިއަނާއި ލިޒްގެ މަންމަ ނަސީމާ މުުހައްމަދުއަކީ ހިތްހެޔޮ ހުލްގުހެޔޮ ދެމައިންނެވެ. ލިޒް "ވަން" އަށް ހިއްސާ ކުރީ އޭނާއަށް ކުރެވުނު މަސައްކަތެއް ކާމިޔާބު ވީ ކަމުގެ އުފާވެރި ވާހަކައެވެ. އުފަލުން ފެންކަޅިވެފައި އިންނަމަވެސް އެއާއިލާގެ ވާހަކަ ކިޔައިދިން އިރު ހިތިވޭނަށް އެކަރުނަ ބަދަލުވިއެވެ.

މުނީޒާ އާ ވާހަކަ ދައްކާލުމުން އިހުސާސް ކުރެވުނީ ހިޔާ ފުލެޓަކީ ހަމަހަގީގަތުގައިވެސް ހިޔަލެއް ނެތް ހުސް ހަތަރު ފާރުކަމެވެ. ކޮންމެ ބަޔަކުވެސް ބުނާނެއެވެ. ހިޔާފުލެޓް މީހުން ކުލި ނުދެއްކޭނެއޭ ކުލި މަޑުޖައްސަދޭށޭ އެގޮވަނީ މާލޭގައި އެއަށްވުރެ ހާލުގައި މާބޮޑު އަގުދީގެން ތިބެފައި ގޮސް، ކުޑައަގެއްގައި އަމިއްލަ ތަނެއް ލިބުމުން ޝުކުރުވެރި ނުވާން ވެގެންނެވެ. ނޫނެކެވެ. އެއީވެސް ބައެއްގެ ވާހަކަ ކަމަށްވެދާނެއެވެ. އެއީ އެންމެންގެ އާދަ ހުރި ގޮތެއް ނޫނެވެ. ވަރަށް ބިކަ ހާލުގައިވެސް ބަޔަކު އެބައުޅެއެވެ. މުނީޒާއަކީ މީގެ ގަދަފަދަ މިސާލެކެވެ.

ހަތަރު ކުދިންގެ ބައްޕަ ނިޔާވެ ހުވަފަތްވެ، ދަރިންކޮޅު ގޮވައިގެން ރަށުގައި އުޅެވޭނެ ގޮތް ވަރަށް ގިނަ ގޮތްގޮތުން ނެތުމުން މުނީޒާ މާލެ ފޭބީ ރަށުގައި އެޖެހުނު ގިލަންވެރިކަމުން މިންޖުވުމަށެވެ. ތިމާގެ މީހެއްގެ ގޭގައި އުޅެފައި މުނީޒާ އޭނާއަށް އެހީގެ އަތެއް ދިއްކޮށްލި މީހަކާ ކައިވެނީގެ ގޮތުން ގުޅުނެވެ. އަދި ފިރިމީހާއާއެކު ދޮށީ އަންހެންދަރިފުޅަށް ލިބެމުންދިޔަ އާމްދަނީން އިތުރަށް ދިރިއުޅުން ތަރައްގީކޮށް ހަގަށް ހުރި ފިރިހެންދަރިފުޅަށް މޮޅަށް ކިޔަވައިދީ ބޭސްފަރުވާގެ ކަންތައްވެސް ކުރުމަށް މާލޭގައި ކުއްޔަށް ތަނެއް ހިފައިގެން ދިރިއުޅެން ފެށީއެެވެ. އެހެންނަމަވެސް ހާލަތު ބަދަލުވެގެން ދިޔައީ ކޮވިޑް19އިގެ ފުރަބަންދާއެކުގައެވެ. ދޮށީ ދަރިފުޅުގެ ކައިވެންޏަށްފަހު ފިރިމީހާގެ ރަށަށް ބަދަލުވެ ގޭގެ ހަރަދުތަކުގެ ހިސާބު ބޮޑުވާން ފެށީއެވެ. ފުރަބަންދާއެކު ރިހޭ ފައި މައްޗަށް ފޮއި ވެއްޓި ފިރިމީހާ ބަލިވެ މުނީޒާގެ ބަލިވެސް ބޮޑުވެގަތުމާއެކު ޓެކްސީ ކުރުމުން ޕިކަޕަކަށް ބަދަލުވެއްޖެއެވެ.

އެއްމަހު ކުލީގެ އެއްބައި ދެއްކުނިއްޔާ އަނެއްމަހު ބިލުތައް ދައްކައި ކުލި ނުދެއްކެއެވެ. އެންމެ ފަހުން ގޮސް ކުލި ނުދެއްކުން އާންމުވީ އަނގަޔާ އަތާ ދިމާނުވާ ވަރަށް މާލީ ހާލަތު ގޯސްވެގެންނެވެ. އޭރު މުނީޒާމެން ކުއްޔަށް ތިބީ ލިޒްގެ މަންމަ ނަސީމާމެންގެ ގޭގައި، މާފަންނު އޯކިޑުހައުސްގައެވެ. ފުލެޓު ލިބުނު ހިސާބުން ތަޅުދަނޑި ލިބުމާއެކު މުނީޒާ ގަސްދު ކުރީ ހުސްއެކަނި ހަތަރުފާރުވިޔަސް ނަސީމާމެންގެ ގެއަށް ނުދެއްކޭ ކުއްޔެއްގައި އެގޭގައި ނީނދެ ދަރިންނާއި ފިރިމީހާއާއެކު ފުލެޓަށް ބަދަލުވުމަށެވެ. އޭރު ފިރިމީހާ ބަލިވެ އުޅެފައި ކިރިޔާ ޕިކަޕް ދުއްވޭ ވަރުވިޔަސް ބަލިހާލަތުން މާބޮޑު ލުޔެއް ނުލިބެއެވެ. ނަސީމާމެނަށް ވެސް ކުލި މުހިންމު ވާނެތީ މުނީޒާ މިގޮތަށް ނިންމީއެވެ. ހުސްއަތާ ދާން ތައްޔާރުވާކަން އެނގުމުން ލިޒްއާއި ނަސީމާ އެމީހުންނަށް ވެވެން އޮތް އެހީއެއް ވެދިނުމުގެ ގޮތުން އެނދަކާއި ގޮދަޑިއަކާއި އަލަމާރިއެއް ދިނެވެ.

ކޮންމެއަކަސް ހިޔާފުލެޓުގެ ޓަވަރު13އިގެ 14ވަނަ ބުރީގެ 12ވަނަ ފުލެޓުގެ ދޮރެއް ދޮރުފައްޗެއް އަދި އެހެންވެސް ބޭނުންވާ މުހިންމު އެކައްޗެއްވެސް ނެތެވެ. އެންމެ ކަންބޮޑުވި ކަމަކަށް ދިމާވީ ފާހާނާގެވެސް ދޮރު ނެތުމެވެ. ދެއްވި މިންވަރަށް ޝުކުރުކޮށްލައިގެން މުނީޒާ ދިޔައީ ދިރިއުޅެމުންނެވެ. ދޮށްޓަށް ދެން އިން އަންހެންދަރިފުޅަށް ލިބޭ އާމްދަނީން ކައިގެން ބޮއިގެން އުޅެވޭވަރަށެވެ. ފިރިމީހާ ދުއްވާ ޕިކަޕުން އާމްދަނީއެއް ލިބުނަސް ނުލިބުނަސް އެޕިކަޕުގެ ވެރިމީހާއަށް ކޮންމެ ހަފުތާއަކު -/1200 ރުފިޔާ ދޭން ޖެހެއެވެ. އެހެންނަމަވެސް މުނީޒާއަށް އިތުރު ބުރައަކަށް ވާކަށް ފިރިމީހާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ޕިކަޕު ދުއްވައިގެން ލިބޭ ލާރިކޮޅުކޮޅުން އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދައިގެން އެއަށް ލާރިދައްކައިގެން އުޅެނީ އޭނާ ބަލިއެނދުގައި ގޭގައި އޮވެއްޖެނަމަ އަނެއް ބުރައާއި ހަރަދު އެއާއިލާއަށް ޖެހޭނެތީއެވެ.

"އަހަރުމެން ހާލުގައި ޖެހުނު ވަގުތު އަތުގަ ހިފީ މިފިރިމީހާ. މިއަދު މިފުލެޓު ހުރީމައޭ ކިޔާފަ އޭނަ ބަލިވީމަ ބޭކާރު މީހަކަށް ހަދައި ދޫކޮށްލީމަ އެއީ ގޮތެއް ނޫންދޯ،" މުނީޒަ ކިޔައިދިނެވެ.

ލިޒިއަނަށް ގޭތެރޭގެ ހާލަތު ފެނުނީ ވޭތުވެދިޔަ 2021ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 21ވަނަ ދުވަހު އެގެއަށް ދިއުމުންނެވެ. ލިޒްއަށް ރޮވުނެވެ. ގޭގައި އެންމެ ދޮރެއް ދޮރުފަތެއް ދޮރުކަންޏެއްވެސް ނެތެވެ. އެއްކޮޓަރީގެ އެއްފަޅީގައި، ގޮދަޑިއާއި އަންނައުނު ކޮތަޅުތަކާއި ފޮށިގަނޑުގަނޑު ބަހައްޓާފައި ހުރި ދިމާގައި ތަރުފާލުގަނޑެއް އަޅާފައި އޮތުން ނޫނީ މުޅި ގޭގައިވެސް އޮތީ ސިމެންތި ތަޅަންމަތީގެ ހިރަފުހެވެ. ކުޑަކުޑަ ސިންކުން ތަށްޓެއް ދޮވުނަސް ފެންގަނޑު ފައިބަން ފަށައި މީހާ ތެމެއެވެ. ފާހާނާތަކުގެ ދޮރުކަމަށް ކަނޑާފައިވާ ތަނުގައި ކަންވާރުފަށެއްގައި ފޮތިގަނޑެއް ދަމާފައެވެ. ކައްކަން ހަމައެންމެ ރައިސްކުކަރެކެވެ. އޭގައި ކެއްކުނު އެއްޗެއް ކައްކައިގެން ކަނީއެވެ. ރޮށްޓެއް ފިހެނުލާތާ މަސްދުވަހަށްވުރެ ގިނަވީއެވެ.

ގޭގައި އަންނައުނު ދޮންނަން މިޖެހެނީ އަތުންނެވެ. އިސްތިރިއެއް ހުއްޓަސް އަންނައުނު ދޮވެ ހިއްކުމުގައި ދަތިތައް ހުއްޓެވެ. އެންމެން ނިދާނެ ނޫނީ އޮށޯވެ އިށީނދެ ހަދަންވެސް އޮތީ އެއްކަލަ ތަރުފާލު ފަޅިއެވެ. ފާހާނާއަށް ވަންނަނީ ބޭރަށް އިއުލާން ކޮށްފައެވެ. ކާން އިށީންނަނީވެސް ބިންމަތީގައެވެ. ލިޒްއަށް އިހުސާސް ކުރެވުނީ ޖަލުގެ ހަތަރުފާރުން އެތެރެއެވެ.

ލިޒް އެވާހަކަ ހިއްސާ ކުރީ ފޭސްބުކްގައެވެ. ކުލި ދައްކަން ޖެހޭ ހިސާބަށް ދިޔައިރު އެވަރު ނެތްތާނގައި ތަނުގައި އެންމެ ކޮޓަރިގަނޑެއް ހަދާނެ ފެންވަރުވެސް ނެތުން އެނިމުނީއެއް ނޫނެވެ. ރޯފިލުވައިގެން ކާއެއްޗެއް ހަދާނެ އުނދުންގަނޑެއްހާ ވަރުވެސް ނެތެވެ. ފުލެޓު ހެދުމަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދޭތޯއެވެ. އެ ޕޯސްޓު ޖެހުމާއެކީ އެތައް މެސެޖުތަކެއް ލިޒްއަށް ލިބެން ފެށިއެވެ. ނަމަވެސް އަމަލީ ގޮތުން އެއްވެސް މީހަކުގެ ހަބަރެއްނުވެއެވެ. ދެން ހަމަކުއްލިއަކަށް ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު 'ލިޓަސް'ކޮންސްޓްރަކްޝަންސްއާއި ލިޓަސްމޮބައިލްސް ގެ ޖެނެރަލް މެނޭޖަރު، އަހުމަދު ޒާހިރު ލިޒްއަށް ގުޅައި، މުނީޒާގެ އާއިލާއާއެކު ބައްދަލުވެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދުނެވެ.

އެދުވަހު ހަވީރު އެއާއިލާއާ ބައްދަލު ކުރިއެވެ. އާއިލާގެ ހާލަތު ލޮލުން ބެލުމަށްފަހު ވީއެންމެ އަވަސް ގޮތެއްގައި ފުލެޓުގެ އާބާތުރަ ފިލުވައި ތަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމާއެކު ކެއްކޭނެ ގޮތަކާއި ދޮންނަ މެޝިނެއްގެ އެހީތެރިކަން ފޯރުކޮށްދީ އެންމެ ޒަރޫރީ ބޭނުންތައް ފަހި ވާނެ ގޮތަށް ކަންތައް ހަމަޖައްސައިދިނެވެ. މިއަދު މުނީޒާގެ ހަށިފުރާ ކޮންމެވެސް ވަރެއްގެ ހަމަޖެހުމުހުގެ ނޭވާ ލެވޭވަރު ވެއްޖެއެވެ.

ލިޓަސްގެ ޖެނެރަލް މެނޭޖަރު، އަހުމަދު ޒާހިރަށް ގުޅައި މިކަމާ ބެހޭ ގޮތުން މައުލޫމާތު ލިބުނީ ކިހިނެއްތޯއާއި އެހީތެރިވެލެއްވުމަށް ކަންތައް ކުރެއްވި ގޮތާމެދު ސުވާލު ކުރުމުން ވިދާޅުވީ ލިޒްގެ ޕޯސްޓު ފެނުމުން އެއާއިލާގެ ހާލަތު އަމިއްލަ ލޮލުން ދުށުމަށް އެފުލެޓަށް ވަޑައިގެންނެވި ކަމަށެވެ. ހަގީގަތުގައި އެއާއިލާގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށާއި އެހެންކަމުން އެގޭގެ ވެރިފަރާތްކަމަށްވާ މުނީޒާއާ ވާހަކަ ދެއްކުމަށްފަހު މިވަގުތަށް އެއާއިލާއަށް އެންމެ މުހިންމު ކަންތައްތަކަށް ބައްލަވައި ވީއެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެއްވީކަމަށް ޒާހިރު ވިދާޅުވިއެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ މަސައްކަތަށް ފަހު އެއާއިލާއަށް ޒަރޫރީ ފަސޭހަތަކާއެކު ކައްކައި ކެވޭނެ އަދި އަންނައުނު ދޮވެވޭނެ ގޮތް ހަމަޖައްސަވައިދެއްވިކަމަށެވެ. އެވަރަށް ދުވަސް ހޭދަވީވެސް އެގޭގައި ބަޔަކު ދިރިއުޅެއުޅެ ތިބީމާ މަސައްކަތް ކުރަން ޖެހުނު ގޮތުންނެވެ. އޭގެ ފަހުން އަދިވެސް މިހާރުވެސް އެއާއިލާގެ ހާލަތު ވަރަށް ގާތުން ބައްލަވާކަމަށާއި އެހީއަކަށް އެދިއްޖެ ހިނދެއްގައި ވެވެން އޮތް މިންވަރަކުން އެހީތެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ކޮންމެއަކަސް ދިރިއުޅުމުގެ ހާލަތުން މާޔޫސްވެ އިސްޖެހި ގޮތްހުސްވެފައި ވަނިކޮށް ލިޒްގެ ފަރާތުން ސޯޝަލް މީޑިއާގައި ދައުރު ކުރެވުނު ޕޯސްޓެއް ފެނި ލިޓަސް އިން މުނީޒައަށް ދިނީ އަގު ނުުރެވޭނެ ވަރުގެ ދީލަތި އެހީއެކެވެ. އެހެންނަމަވެސް ބޮލުގައި އެޅިފައި އޮތް ކުލީގެ ކަންތަކަށް އަދިވެސް ދަރިފުޅުމެނަށް ލިބޭ އާމްދަނީން އެކުދިން ނަގާފައިވާ ދަރަނި ފައިސާ، (ސައިކަލަކަށް މަހުންމަހަށް ދައްކަން ޖެހޭ)ދައްކާފައި، ގޭގެ އެހެނިހެން ހަރަދުތަކަށް ކަނޑައި، ކުލި ދެއްކުމަށް އަދިކިރިޔާ މުނީޒާއަށް ހަމަ ކުރެވުނީ ހައެއްކަހާސް ރުފިޔާއެވެ. ދެމެދުން ފެންބިލު އޮތީ ނުދެއްކިއެވެ.

"ރޯދަމަހު ދޮގުހަދަނީ ކީއްކުރަން، ހަމަ ހައްގު ތެދެއް މީ، ވަރަށް ހާލުން އަދި ކިރިޔާ ހަ ހާސް ރުފިޔާ ކުއްޔަށް ރައްކާކުރެވުނީ. އަހަރެންވެސް މީ ވަރަށް ބަލި ދާއިމީ ބޭހެއް ކާން ޖެހޭ މީހެއް، މިހާރުދެން މިތަނުގައި އުޅެވޭ ވަރުވެއްޖެ، ލިޓަސް މެނޭޖަރަށާއި ލިޒީއަށް އަދި ލިޒީ މަންމައަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން، ހެއްދެވިފަރާތުން މެދުވެރިއަކަށް ލެއްވީ މިމީހުން، މިއީ އަގުނުކުރެވޭނެ އެހީއެއް."

މުނީޒާ އޭނާގެ ފެންކަޅިވެފައިވާ ލޯ އަތުގެ ނުފުށުން ފޮހެލިއެވެ. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ހިޔާފުލެޓަށް އެބުނާ ވަރުގެ ކުއްޔެއް ދޭން އެކަށޭނަވަރަށްވުރެ ބޮޑު ހަރަދު އެތަނުގެ މަރާމާތަށް ހޭދަވެއެވެ. އެެއި ހަމަކޮންމެ ކޮންމެ އާއިލާއަކުން ބޮޑު ހަރަދުކޮށްގެން ފުލެޓުގެ ސިންކު ތަޅާލައި އެންމެ ފުރިހަމައަށް ނުވިޔަސް ކޮންމެވެސް ފެންވަރެއްގައިނަމަވެސް މަރާމާތު ކުރުމަކީ އެންމެނަށް ވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އަމިއްލަ ނަމުގައި ލިބުނު ފުލެޓަށް ވެފައި ދަރިންކޮޅު ގޮވައިގެން ހިޔާފުލެޓަށް ކޮންމެ މީހަކުވެސް ވަންނަނީ އުއްމީދުތަކަކާއެކުގައެވެ. އެއްކަލަ އެތައް އަހަރެއްވީ ކުލި ކުޑަވެ ހަމަނޭވާ ލެވޭތޯއެވެ. އެހެންނަމަވެސް ކުރަން ޖެހިފައި އޮތް ހަރަދު މާބޮޑެވެ. ކުރާނެ ކަމެއްނެތެވެ. މިއީ އަދުގެ ހާލަތެވެ. އެއީ ހަމަ ހަތަރު ފާރެވެ.

މުނީޒާ "ވަން" މެދުވެރިކޮށް ލިޓަސް ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރަށް ހެޔޮދުއާއާއެކު ހިތުގެ އެންމެ ފުނުން ޝުކުރުއަދާކުރިއެވެ. ހިޔާފުލެޓުގައި ގޮތްހުސްވެފައި ހަދާނެގޮތެއް ނޭނގިފައި ކުދިންނާއެކު އުޅެމުން ދިޔަ މުނީޒާއަށް ލިޓަސްގެ ފަރާތުން ވެދިނީ އަގުނުކުރެވޭ ފަދަ ބޮޑު އަދި މާތް އެހީއެކެވެ.