އަޅުގަނޑުމެންގެ ތެރޭގައި މިވާ ލޯތްބާއި، އަހުވަންތަ ކަމާއި އުހުއްވަންތަކަން، ގެއްލިގެންދާ ވާހަކައަކީ ވަރަށް ގިނައިން ދައްކާ ވާހަކައެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި ލޯތްބާއި، އެކަކު އަނެކަކާމެދު އޯގާތެރިކަން އާލާވެގެންދާނެ ކަންތައްތައް، އަޅުގަނޑުމެންގެ މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އަޅުގަނޑުމެނަށް ވަނީ ބަޔާންކޮށްދެއްވައިފައެވެ.
އެގޮތުން އަޅުގަނޑުމެން ކުރުމަށް، ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވާ ކަމަކީ، ވަރަށް ކުޑަ ކުޑަ ކަމެކެވެ. އެކަމަކީ އަޅުގަނޑުމެން، ކޮންމެ ބޭފުޅަކު ކުރި ނަމަވެސް، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކާމެދު ލޯބި އުފެދިގެންދާނެ ކަމެކެވެ.
އެކަލާންގެއަށް އީމާން ވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ސުވަރުގެ ނުވަންނާނެކަމަށް، ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ބާރުގެ ދަށުވައިވާ ފަރާތް ގަންދެއްވައި ހަދީސް ކުރައްވާކުރައްވާކަމަށް، ކީރިތި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމައިގެ ހަދީސްފުޅެއްގައި، އެކަލޭގެފާނު ބަޔާން ކުރައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ނުވާހާ ހިނދަކު ތިޔައިގެ ތެރެއިން އެއްވެސް މީހަކު އީމާންވި ކަމުގައި ނުވާ ކަމަށްވެސް އެކަލޭގެފާނު ވަނީ ހަދީސް ކުރައްވައިފައެވެ.
އެއާއެކު، އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭކަމެއް ބަޔާންކޮށްދެއްވަންތޯ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. އެކަމަށްޓަކައި ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފެތުރުމަށް އެލޭގެފާނު ވަނީ އަންގަވައިފައެވެ.
ވީމާ އަޅުގަނޑުމެން، އަޅުގަނޑުމެންނާ ދިމާވާ އެއްބޭފުޅަކު އަނެއްބޭފުޅަކާ ސަލާމްކޮށް، އަދި އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުވުމުން ހިނިތުންވެލާނަމަ، އެކަމަކީ، އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭން ނެތެމުންމިދާ ލޯތްބާއި އުހުއްވަންތަކަން އާލާވެގެންދާނެ ކަމެކެވެ.
ރޯދައިގެ މެސެޖު 12 - ސަލާމް ކުރުން، މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް
ދީން
ދީން
ދީން
ދީން