ތ. ކަނޑޫދޫގައި މިރުހަށް ހާއްސަ ބިނާއެއް ހަދައިދޭން އުރީދޫން ނިންމައިފިއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން "ވަން" އަށް މިއަދު ވިދާޅުވީ، ކަނޑޫދޫ ރަސްމުކޮށްދޭ މޮނިއުމަންޓެއް ނުވަތަ ބިނާއެއް ހެދުމަށް ކައުންސިލުން ގެންގުޅުނު ހިޔާލު ހަގީގަތަކަށް ހެދުމަށް އިސް ނެގީ އުރީދޫން ކަމަށެވެ.
އެގޮތުން އުރީދޫން އެ ބިނާ ޑިޒައިންކޮށް ނިންމައި ކައުންސިލުން މިހާރު އެ ޑިޒައިން ފާސްކޮށްފައިވާ ކަމަށް ރީހާން ވިދާޅުވިއެވެ. އެ ބިނާ ފަރުމާކޮށްފައި ވަނީ ކަނޑޫދޫއާ ގުޅިފައިވާ ކަނޑޫދޫ މިރުސް ރަމްޒުކޮށްދޭ ގޮތަށެވެ.
"މި ބިނާގައި ރަށުގެ ނަމާއެކު އޮންނާނީ މިރުހެއް. އެއީ މިރަށަކީ ކަނޑޫދޫ މިރުސް ހައްދާ ރަށް ކަމަށްވުމުން" ރީހާން ވިދާޅުވި އެވެ.
އުރީދޫން ހަދައިދޭ ބިނާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ އެކުންފުނީންނެވެ.
ރީހާން އިތުރަށް ވިދާޅުވީ، އެ ބިނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
އުރީދޫގެ މިފަހަރުގެ ރޯދަ މަހުގެ ކެމްޕޭން ހާއްސަކޮށްފައި ވަނީ ކަނޑޫދޫ މިރުހަށެވެ. އެ ކެމްޕޭންގެ ދަށުން އުރީދޫން ވަނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ހަދައި އެ ބްރޭންޑް އެ ރަށު ކައުންސިލަށް ހަދިޔާކޮށްފަ އެވެ. އެ ބްރޭންޑުގެ ދަށުން އުރީދޫން ވަނީ މިރުސް ސޯސް ޕެކަކާއި ވެބްސައިޓެއް ހަދައިދީފައެވެ.