ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓަށް ކޮންމެ އަހަރަކުވެސް ބަދަލުތަކެއް އާދެއެވެ. ކުރިއަށްމިދާ އެޕްރީލްމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދި ދިހަ މަހުޖަނުންގެ ލިސްޓުން ވަރަށް ފުރިހަމަ އެއްވަނައެއް ލިބެނީ އެމެރިކާގެ އުމުރުން 50 އަހަރުވީ އީލޮން މަސްކަށެވެ. އޭނާ އުފަންވީ ދެކުނު އެފްރިކާގައެވެ.

ފޯރބްސް ލިސްޓަށް ބަލާއިރު މަސްކުގެ މިލްކިއްޔާތުގެ އަގަކީ 302 ބިލިޔަން ޑޮލަރެވެ. އޭނާގެ ވިޔަފާރީގެ އެންމެ ބޮޑު އެސެޓަކީ ޓެސްލާ ކާރު ކުންފުންޏެވެ. މަސްކުގެ ފަހަތުން ލިސްޓުގެ ދެވަނަ ލިބެނީ އެމެރިކާގެ ޖެފް ބެޒޯސްއަށެވެ. އޭނާގެ މިލްކިއްޔާތުގެ އަގުކަމަށް އަންދާޒާކުރެވިފައިވަނީ 194 ބިލިޔަން ޑޮލަރެވެ. ބެޒޯސްއަކީ އެމޭޒަން ކުންފުނީގެ މުއައްސިސެވެ. އަދި ސީއީއޯއެވެ.

މަހުޖަނުންގެ ޓޮޕް ޓެން ލިސްޓުގެ ތިންވަނައިގައި އުޅެނީ ފްރާންސްގެ ބާނާޑް އާނޯލްޓެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ 177 ބިލިޔަން ޑޮލަރެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ގޮތުގައި ކުރިން މަޝްހޫރުވެފައިވާ އެމެރިކާގެ ބިލް ގޭޓްސްއަށް އެންމެ ފަހުގެ ލިސްޓުން ލިބެނީ ހަތަރުވަނައެވެ. ގޭޓްސްގެ މިލްކިއްޔާތުގެ މިންވަރަކީ 137 ބިލިޔަން ޑޮލަރެވެ. ލިސްޓުގެ ފަސްވަނަ ލިބެނީ 125 ބިލިޔަން ޑޮލަރުގެ މިލްކިއްޔާތެއް ލިބިގެންވާ އެމެރިކާގެ ވޮރެން ބުފޭއަށެވެ.

އެމެރިކާގެ ލެރީ ޕޭޖަށް ލިބެނީ 121 ބިލިޔަން ޑޮލަރާއެކު ލިސްޓުގެ ހަވަނައެވެ. އެމެރިކާގެ ލެރީ އެލިސަނަށް ލިބެނީ 118 ބިލިޔަން ޑޮލަރާއެކު ލިސްޓުގެ ހަތްވަނައެވެ. އެމެރިކާގެ ސަރގީ ބްރީންއަށް ލިސްޓުގެ 8 ވަނަ ލިބެނީ 116 ބިލިޔަން ޑޮލަރުގެ މިލްކިއްޔާތަކާއެކުގައެވެ. ލިސްޓުގެ ނުވަވަނައިގައި ވަނީ އިންޑިޔާގެ ގައުތަމް އަދާނީއެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ 102 ބިލިޔަން ޑޮލަރެވެ. ލިސްޓުގެ ދިހަވަނަ ލިބެނީ 100 ބިލިޔަން ޑޮލަރުގެ މިލްކިއްޔާތަކާއެކު އިންޑިޔާގެ މުކޭޝް އަމްބާނީއަށެވެ.