ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ތައާރަފުކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބޭ ގޮތަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ.
'ބީއެމްއެލް ރިވާޑްސް' ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑުވެސް ގަނެވޭނެއެވެ. އެގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.
"ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އީމެއިލް މެދުވެރިކޮށް ފޮނުވަމުން. ބީއެމްއެލުން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައިދު ވިދާޅުވިއެވެ.
ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސްއާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ކޮންމެ ކްރެޑިޓް ކާޑު ކަސްޓަމަރަކަށްވެސް ރިވާޑްސް ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްލެވެއެވެ. ރަޖިސްޓަރީކުރުމަށް: https://rewards.bankofmaldives.com.mv/Activation.aspx
ޚަބަރު
ޚަބަރު
ޚަބަރު