ޚަބަރު

އަނަސްގެ މަރު: ޖުނައިހު އާއި ސިމާހުގެ ހެކިން ވެސް ބުނީ އަނަސް މަރާލި ސަރަހައްދުގައި އެމީހުން ނޫޅޭނެ ކަމަށް

އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކުރާ ބައެއް ފަރާތްތަކުން މިއަދު ދިފާއީ ހެކި ހުށަހަޅައިފިއެވެ.

ޖުލައި 31، 2017ގެ ރޭ 9:15 އެހާކަންހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖެއްގެ އިތުރުން ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ:

  • ލ. ގަން، ތުނޑި، ނަންނާރިގެ/ ޖުނައިހު އަބްދުﷲ
  • ސ. ފޭދޫ/ ވެސްޓަންވި، ހަސަން މަހުފޫޒު
  • ދަފުތަރު 1746، ސިމާހު މޫސާ
  • ޅ. ކުރެންދޫ/ އަސުރުމާގެ އަހުމަދު ޒަޔާން
  • މ. ދިމިޝްގް/ އުސްމާން ޝަރީފް
  • މ. ލޮނުމިދިލިގެ/ އަފްރާހް އަބްދުއް ރައްޒާގު
  • ތ. ކިނބިދޫ/ ގުލްފާމުގޭ، މުހައްމަދު ޝާޒު

މިއަދުގެ އަޑުއެހުމުގައި އޮތީ، މީގެ ތެރެއިން، ޖުނައިހު އަބްދުﷲ އާއި ސިމާހު މޫސާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެއީ މީގެކުރިން މި މައްސަލައިގައި ދިފާއީ ހެކިންގެ ހެކިބަސްނެގުމަށް ހުސްވި ފެބްރުއަރީމަހުގެ 17 ބޭއްވި އަޑުއެހުމުގައި އެމީހުންގެ ހެކިބަސް ނެގިފައި ނުވާތީއެވެ.

މިއަދުގެ އަޑުއެހުމުގައި، ހެކިބަސްދިން މީހުންވެސް ބުނެފައިވަނީ، އަނަސް މަރައިލިރޭ އެ ސަރަހައްދުގައި ޖުނެއިދާއި ސިމާހު ނޫޅޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެކި ހުށަހެޅީ ސިމާހުގެ ފަރާތުންނެވެ.

ސިމާހުގެ ދިފާއުގައި ހެކިބަސްދެމުން، އިބްރާހިމް ޝައިބާން ބުނީ، ސިމާހުއަކީ އޭނާގެ އެކުވެރިއެއް ކަމަށެވެ. އަދި އަނަސްގެ މަރުގެ ހާދިސާ ހިނގިއިރު، ސިމާހު އާއި އޭނާ އުޅުނީ އެކުގައި ކަމަށާއި، އެރޭ މެންދަން ވަންދެން ވެސް އެ ދެމީހުން އުޅުނީ އެކުގައިކަމަށެވެ. އަދި އެރޭ އެމީހުން ތިބީ ފިލްމު ބަލަން ކަމަށާއި، އޭރު ގޭގައި އިތުރު ދެމީހުން ތިބިކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެރޭ ބެލީ ކޮން ފިލުމުތަކެއްކަން ހަނދާން ނެތްކަމަށް އޭނާ ބުންޏެވެ.

ސިމާހު މޫސާގެ ފަރާތުން ދެން ހުށައެޅި ދެހެކިން ތިބީ މާފުށީ ޖަލުގައި ކަމަށްވެފައު، އެމީހުންގެ ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައި ނުވާތީ، އެ މީހުންގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ވަނީ ފަސް ކޮށްފައެވެ.

ޖުނައިހުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ފުރަތަމަ ހާޒިރުކުރި ޝައްމާހު އަބްދުލް ރަޝީދު ވެސް ބުނީ، ޖުނައިހަކީ އޭނާ ދަންނަ އެކުވެރިއެއް ކަމަށެވެ.

އަނަސް މަރައިލިރޭ ކަމަށްވާ، ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމީހުން ދިޔައީ ރަށު ކެފޭއަކަށް ކާންކަމަށްވެސް އޭނާ ބުންޏެވެ.

އަނަސްގެ މަރުގެ ހަބަރު ލިބުނުއިރުވެސް ޖުނައިހު ހުރީ ރަށުގައިކަމަށާއި، އެ ހަބަރު ލިބުނީ ސޯޝަލް މީޑިއާއިންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނީ ޖުނައިހު މާލެ އައީ އެ ހާދިސާ ހިނގިފަހުން ކަމަށެވެ.

ސިމާހުގެ ފަރާތުން ހުށަހެޅި ދެވަނަ ހެކިވެރިޔާ، އިސްމާއިލް ރަޝީދުވެސް ބުނީ، ޖުނައިހުއަކީ އޭނާގެ އެކުވެރިއެއް ކަމަށެވެ. އަދި ޖުލައި 31 ވަނަ ދުވަހުގެ ރޭ އެމީހުން އުޅުނީ އެކުގައި ކަމަށްވެސް ބުންޏެވެ.