ބޮލީވުޑްގެ މަގުބޫލު ބަތަލުން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަތައް ދެކެވެމުންދާތާ އަހަރުތަކެއްވަނީ ވެފައެވެ. މި އިންތިޒާރަށް މިހާރު މިވަނީ ނިމުން އައިސްފައެވެ. މިދެލޯބިވެރިންގެ އާއިލާއިން މިވަނީ މިމަހު ދެމީހުންގެ ކައިވެނި ކުރެވިގެންދާނެކަން ޔަގީންކޮށްދީފައެވެ.
އާލިއާގެ ބޭބެ ރާހުލް ބަޓް އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެންޏަށް އޭނާއަށް ދައުވަތު ލިބިފައިވާކަމަށެވެ. "ކައިވެނީގެ ހުރިހާ ހަފުލާއެއްގައި އަހަރެން ހުންނާނަން." ރާހުލް ބުނެފައިވެއެވެ.
އާލިއާގެ ބޮޑުބޭބެ ރޮބިން ބަޓް އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނީ މިމަހު 14ގައި މި ކައިވެނި ކުރެވިގެންދާނެކަމަށެވެ. މެހެނދީ ހަފުލާ އޮންނާނީ މިމަހު 13ގައި ކަމަށްވެސް އޭނާ ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިދެބައިވެރިންގެ ފަރާތުން ތާޖް މަހަލް ޕެލެސް ހޮޓެލްގައި މިމަހު 17ގައި ބޮޑު ރިސެޕްޝަނެއް ބާއްވަންވެސް ވަނީ ހަމަޖައްސައިފައެވެ.
ރަންބީރު އަދި އާލިއާގެ ފަރާތުން ރަސްމީކޮށް ކައިވެންޏާ ގުޅޭގޮތުން އެއްވެސް ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ވަނީ އެ ކައިވެންޏާ ގުޅޭ ވާހަކަތަކާއި އޭގެ އުފާތައް އެންމެންނާ ހިއްސާކުރަން ބޭނުންކަމަށް ބުނެފައެވެ. ނަމަވެސް ދަރިން ބޭނުންވަނީ ސިއްރު ކުރަން ކަމަށްވާތީ އޭނާއަށް ކައިވެންޏާ ގުޅޭ ވާހަކަތައް ހިއްސާ ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
އާލިއާ އާއި ރަންބީރު ރައްޓެހިވެގެން އުޅޭތާ ފަސްއަހަރުވަނީ ވެފައެވެ.