ދުނިޔެ

އަދުގެ ދުނިޔެ: އައުބޮޑުވަޒީރު ޝަހުބާޒަށްވެސް ފަހި ރާސްތާއެއް ނެތެވެ.

އިމާދު ލަތީފު

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކުރިތާ އެއްދުވަސްފަހުން އެގައުމުގެ ޕާލަމެންޓުން އެމަގާމަށް އުމުރުފުޅުން 70 އަހަރުވީ ޝަހުބާޒު ޝަރީފު ވަނީ ހޯމަދުވަހު އިންތިޚާބުކޮށްފައެވެ. ޕާލަމެންޓްގައި މިކަމަށް ނެގުނު ވޯޓުގައި ޝަހުބާޒަށް 174 ވޯޓް ލިބިވަޑައިގަތެވެ. އަޣުލަބިއްޔަތު ހަމަވަނީ 172 ވޯޓުންނެވެ. ޝަހުބާޒަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ތިންފަހަރެއްގެމަތިން ކުރެއްވި ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ. ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު އެންމެ މުއްސަނދި ޕްރޮވިންސްކަމަށްވާ ޕަންޖާބުގެ ކުރީގެ ޗީފް މިނިސްޓަރެވެ. ޝަހުބާޒަށް ޕާލަމެންޓްގައި އިދިކޮޅެއް ނެތެވެ. ކުރީގެ ބޮޑުވަޒީރު އިމްރާނާއި އޭނާގެ ތަހުރީކޭ އިންސާފު ޕާޓީއަށް ނިސްބަތްވާ ސަތޭކަޔަށްވުރެ ގިނަ މެންބަރުން ވަނީ ޕާލަމަންޓުން އިސްތިއުފާ ދެއްވައިފައެވެ.

ޝަހުބާޒް ނިސްބަތްވެވަޑައިގަންނަވަނީ ޕާކިސްތާން މުސްލިމް ލީގު ނަވާޒް ޕާޓީއަށެވެ. މިއީ މިވަގުތު ޕާލަމެންޓްގައި ދެވަނަޔަށް އެންމެ ބޮޑު ޕާޓީއެވެ. ޝަހުބާޒަށް އަޣުލަބިއްޔަތު ހަމަވަނީ ބުއްޓޫ އާއިލާގެ ޕީޕަލްސް ޕާޓީއާއި އެންމެ ބޮޑު ދީނީ ޕާޓީކަމަށްވާ މުއްތަހިދާ މަޖިލިސް އަމަލް އާއި މުއްތަހިދާ ގައުމީ މޫމަންޓާއި އަމިއްލަ ބައެއް މެންބަރުންވެސް ހިމަނައިގެންނެވެ. އެހެންވީމާ އައު ބޮޑުވަޒީރުގެ އައު ކެބިނެޓް ވެގެންދާނީ މިދެންނެވި ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ވިއްސާރަދުނި ކެބިނެޓަކަށެވެ. ޕާލަމެންޓުގެ ގިނަ މެންބަރުން އިސްތިއުފާ ދެއްވުމާއެކު ޝަހުބާޒުގެ ސަރުކާރުވާނީ ކުރުމުއްދަތެއްގެ ވަގުތީ ސަރުކާރަކަށެވެ. ގަބޫލު ކުރެވޭގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވާނެއެވެ. ހޫނުމޫސުން ނިމުމުންނެވެ.

އައު ބޮޑުވަޒީރު ޝަހުބާޒަކީ ކޮރަޕްޝަނުގެ ވަރަށް ބޮޑެތި ތުހުމަތު އުފުލިފައިވާ ބޭފުޅެކެވެ. ޕާލަމެންޓުން އިމްރާން ޚާން އިސްތިއުފާ ދެއްވީ މިކަހަލަ ބޭފުޅަކާއެކު އެއް މަޖިލީހުގައި ނުއިންނަވާން ކަމުގައި ވިދާޅުވިއެވެ. އަސްވިއްކައި ލަގަން ވިއްކާ މީހުންނާއި ވަގުންނާއެކު އެއްމަޖިލީހުގައި އިންނެވުން ގޯސްކަމަށް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވިއެވެ. ކޮންމެއަކަސް ޕާލަމެންޓްގެ 342 ގޮނޑީގެ ތެރެއިން ޝަހުބާޒް ޝަރީފާ ދެކޮޅު ހަދާނެ ބަޔަކު ނެތީމާ ޕާލަމެންޓްގެ ތެރެއިން އޭނާގެ ސަރުކާރަށް ހުރަހެއް ނެތެވެ. އޭގެ މާނަޔަކީ އައު ސަރުކާރަށް ޕްރެޝަރު ނެތުމެއް ނޫނެވެ. މަގުމަތިން ޕްރެޝަރު އެބައޮތެވެ. ޕާލަމަންޓް ދޫކޮށް އިމްރާނުގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެފައެވެ. އެހެންވީމާ ކުރިޔަށް އޮތީ ސިޔާސީގޮތުން ޕާކިސްތާނަށް ވަރަށް ހަލަބޮލި ދުވަސްތަކެކެވެ.

އައު ބޮޑުވަޒީރު ޝަހުބާޒަކީ ކުރިންވެސް ދެންނެވުނު ފަދައިން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ. ނަވާޒް ޝަރީފު ބޮޑުވަޒީރުކަމުން ދުރުކުރެވުނީ 2017 ވަނަ އަހަރު ސްޕްރީމްކޯޓުން އޭނާގެ މައްޗަށް ހުކުމެއް އައުމާ ގުޅިގެންނެވެ. ދިހަ އަހަރުގެ ދިގު ހުކުމެކެވެ. ޝަހުބާޒުގެ މައްޗަށްވެސް އެތަކެއް ބިލިޔަން ރުޕީސްގެ ކަރަޕްޝަނުގެ ދެ ދައުވާއެއް އުފުލިފައި އެބައޮތެވެ. އެކަމަކު ހުކުމެއް އަދި ނާދެއެވެ. ޝަރީފު އާއިލާއަކީ މިޒާތުގެ ތުހުމަތުތަކާއި ދައުވާތަކަށް އައު އާއިލާއެއް ނޫނެވެ. މިޒާތުގެ ތުހުމަތުތަކެއް ހުއްޓަސް ފަނޑިޔާރުގެޔަކުންވެސް އަދި ޕާލަމެންޓުންވެސް އައު އިންތިޚާބެއްގެ ކުރިން ޝަހުބާޒުގެ މަގާމު ގެއްލުވައިލަން މަސައްކަތް ކުރުމަށްވުރެ ކައިރީ ނުކުރުމެވެ. ކަންކަން މިހާރު އޮތްގޮތުންނެވެ.

ޝަހުބާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވުނަސް އެންމެންވެސް އިއްތިފާގުވާ ކަމެއް އެބައޮތެވެ. އޭނާޔަކީ ވަރަށް ހިކުމަތްތެރި ހިންގުންތެރިއެއް ކަމެވެ. އަދި އެންމެންނާވެސް ގުޅިގެން ކަންކަންކުރެއްވުމުގެ ވިސްނުންތެރިކަމާއި ކެތްތެރިކަން އެބަހުރިކަމެވެ. މި ސިފަތަކަކީ މިވަގުތު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި ހުރުން ކޮންމެހެންވެސް ލާޒިމު ސިފަތަކެވެ. ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަން ތިން ދައުރެއްގައި ޝަހުބާޒު ކުރެއްވިއިރު އޭނާގެ ހިންގުންތެރިކަން މީސްތަކުންނަށް ވަނީ ފެނިފައެވެ. ކަންކަން ކުރަން މީހުންނާއި މަތިކުރައްވައިފައި ދުރުގައި ނުހުންނަވައެވެ. ވަރަށް ގާތުން ކަންކަން ބައްލަވައެވެ. ޕާކިސްތާނުގެ ސިފައިންގެ ރުހުން ޝަހުބާޒަށް އެބައޮތެވެ. މިއީ މިދަނޑިވަޅުގައި ވަރަށްވެސް މުހިއްމު ކަމެކެވެ.

ޝަހުބާޒު ނިސްބަތްވެވަޑައިގަންނަވަނީ ލާހޯރަށެވެ. ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އާއިލާގެ ވިޔަފާރި ހިންގެވުމުގައެވެ. ސިޔާސީ ކަންކަމުގެ ތެރެއަށް ނުކުންނެވީ ބޭބޭފުޅު ނަވާޒް ޝަރީފުގެ ބާރުއެޅުއްވުމުގެ ސަބަބުން 1997 ގައެވެ. ނަވާޒް ޝަރީފުގެ ސަރުކާރު ޖެނެރަލް ޕަރުވޭޒް މުޝައްރަފު އިންގިލާބުކޮށްލެއްވުމާ ގުޅިގެން ޝަހުބާޒުގެ ސިޔާސީ ކެރިއަރަށްވެސް މެދުކެނޑުމެއް އަައެވެ. ގައުމު ދޫކުރައްވައި ދުވަސްތަކަކަށް އަރުވައިލެވިގެން ހުންނެވިއެވެ. އެނބުރި ގައުމަށް ވަޑައިގެން ޕަންޖާބުގެ ސަރަހައްދީ ޕޮލިޓިކްސްގައި ޝާމިލްވެވަޑައިގަތީ 2007 ގައެވެ. ގައުމީ ޕޮލިޓިކްސްގެ ތެރެއަށް ވެދެވަޑައިގެންނެވީ 2017 ވަނަ އަހަރު ނަވާޒް ޝަރީފަށް އިއްވުނު ހުކުމާއި ގުޅިގެން ޕާޓީގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވުމަށެވެ.