ޚަބަރު

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ކުޑަކޮށްފި

ފުވައްމުލަކު ސިޓީގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރަށް ބޮޑުކުރުމުން، ސަފާރީ ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އަގު ކުޑަކޮށްދީފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެދު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ، ސަފާރީތަކުން ނަގާ ފީ މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ތަފާތު ދެ އަގެއް ނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައިވަނީ، 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު، އަދި އެއަށްވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނެގުމަށް ކަމަށެވެ.

"މިއީވެސް އަސްލު ރީޒަނަބަލް އަގެއް ނޫން. އެކަމު ކުރިން އޮތް އަގާ ބަލާފައި ވަރަށް ބޮޑުތަން ކުޑަ އަގެއް މިއީ،" ފިކުރީ ވިދާޅުވިއެވެ.

އެ އަގުތަކަށް ފީ ދައްކަން ޖެހޭނީ މި މަހު 21 އިން ފެށިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަފާރީތަކުން ނަގާ އަގުތައް މުރާޖާކުރީ، ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އަދި އެހެން ބައެއް ސްޓޭކްހޯލްޑަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން، މިދިޔަ ޖެނުއަރީ މަހުގެ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމާފައި ވާތީ، މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފަށާފައިވާކަން އެ ކައުންސިލުން އިއްޔެ އިއުލާނު ކުރިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އަންނަނީ، ޑައިވްކުރަން ފައިބާ ފަރާތްތަކުން 15 ޑޮލަރު ނެގުމަށްވެސް މަޝްވަރާކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މިހާރުވެސް ބައެއް ޑައިވް ސެންޓަރުތަކުން ގަވައިދާ ހިލާފަށް ފަތުރުވެރިންގެ އަތުން އެ އަގު ނަގަމުންދެއެވެ.