ޕާކިސްތާނުގެ އާ ބޮޑުވަޒީރަކަށް އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް ހޮވައިފިއެވެ.
ބޮޑުވަޒީރުކަމަށް ޝެހްބާޒް ހޮވާފައިވަނީ މިއަދު ބޭއްވި ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައެވެ. އެ ވޯޓުގައި 342 މެންބަރުންގެ ތެރެއިން ޝެހްބާޒަށް ވަނީ 174 މެންބަރެއްގެ ވޯޓު ލިބިވަޑައިގެންފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ވަކިކުރުމަށްފަހު, އެ މަގާމަށް ހޮވި ޝެހްބާޒަކީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. ކުރިން ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރަކަށް ހުންނެވި ޝެހްބާޒް, ބޮޑުވަޒީރުކަމުގެ މަގާމުގައި އަންނަ އަހަރު ބާއްވާ އާއްމު އިންތިހާބުގެ ނިޔަލަށް ހުންނަވާނެއެވެ.
ޕާކިސްތާނުގެ މުސްލި ލީގް-އެންގެ ލީޑަރު ޝެހްބާޒްއާ ދެކޮޅަށް ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރައްވަން އިމްރާން ޚާންގެ ޕާޓީ، ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި)ގެ ފަރާތުން ނޮމިނޭޓްކުރީ ކުރީގެ ފޮރިން މިނިސްޓަރު ޝާހް މަހުމޫދު ގުރޭޝީއެވެ. ނަމަވެސް ވޯޓުގެ ކުރިން ގުރޭޝީއާއެކު އިމްރާން ޚާންއަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެ، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.
މީގެ ކުރިން ޝެހްބާޒްގެ ބޭބެ ނަވާޒް ޝަރީފަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް އެ އާއިލާއަށް ވެސް ވަނީ ކޮށްފައެވެ. ނަވާޒަށް އެ ދައުވާތައް ސާބިތުވެ, 2018 ވަނަ އަހަރު 10.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއެކު ދިހަ އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު, ޝެހްބާޒަށް ކުރި ތުހުމަތުތަކަށް އޭނާ ވަނީ އިންކުރާކުރައްވައިފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޝެހްބާޒެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ 342 މެންބަރުންގެ ތެރެއިން 174 މެންބަރެއްގެ ވޯޓުންނެވެ. އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހެޅީ އިގުތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިމްރާން ތުހުމަތު ކުރެއްވިގޮތުގައި އޭނާގެ އިތުބާރުނެތްކަމުގެ ވޯޓަކީ ރިޝްވަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށާއި އޭނާގެ ސަރުކާރު ވައްޓާލުމުގެ އަޑީގައި އުޅެނީ އެމެރިކާ ކަމަށެވެ.
ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް ބޭފުޅަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ