އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ގާނޫނީ ހައްސިއްޔަތު ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ، ފާސްކުރަން ބޭނުންވަނީ 23 މެންބަރުންގެ ވޯޓެވެ.

އެ ބިލުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ، އެއްބަސްވުމެއްގެ ބައިވެރިން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، އެއްބަސްވުމެއް އެކުލަވާލުމުގައި އެ އެއްބަސްވުމެއްގެ ހުށަހެޅުމާއި ގަބޫލުކުރުން އިލެކްޓްރޯނިކް ޒަރީއާއިން ހިންގިދާނެ ކަމަށެވެ.

އެއްބަސްވުމެއް އެކުލަވާލުމުގައި އިލެކްޓްރޯނިކް މުއާމަލާތް ބޭނުންކޮށްފައިވާ ހާލަތެއްގައި ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ ނޫން، ނުވަތަ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިލެކްޓްރޯނިކް ސޮޔަށް ގާނޫނީ ބާރު ދިނުމަށް މި ބިލުގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމުކޮށްފައިވާ ހާލަތެއްގައި ޑޭޓާ މެސެޖެއްގައި ބޭނުން ކޮށްފައިވާ އިލެކްޓްރޯނިކް ސޮޔަކީ، އެންމެހައި ހާލަތްތަކަށާއި ކަމާ ގުޅޭ އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމަކަށް ރިއާޔަތް ކުރާ އިރު، އެ ޑޭޓާ މެސެޖު ޖެނެރޭޓް ކުރި ނުވަތަ މުއާސަލާތު ކުރި މަގުސަދު ހާސިލުކުރުމަށް ބަރޯސާ ވެވިދާނެ އަދި ބޭނުންތެރި އިލެކްޓްރޯނިކް ސޮޔެއް ކަމަށްވާ ނަމަ، އެ ސޮއި އޮތުމަށް ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ ޝަރުތު ފުރިހަމަވީ ކަމަށް ބަލަންވާނެ ކަމަށެވެ.

ޑޭޓާ މެސެޖުތަކަަށް ގާނޫނީ ހައިސިއްޔަތު ދޭންވެސް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގެ ދިހަވަނަ މާއްދާގައި ބުނެފައިވަނީ ޑޭޓާ މެސެޖެއްގެ ސިފައިގައި މައުލޫމާތެއް އޮންނަ އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މެސެޖަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ނުވަތަ ގާނޫނީ ގޮތުން ސައްހަ ނުވާނެ ނުވަތަ ގާނޫނީ ގޮތުން އޭގެ މައްޗަށް އަމަލު ނުކުރެވޭނެ އެއްޗެއް ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫން ކަމަށެވެ.

ޑޭޓާ މެސެޖުތަކަށްވީތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނޭ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަސްބީގު ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.