ޚަބަރު

އާރަށު މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި މައްސަލައިގައި ރައީސް ޔާމީނަށް ރިޝަވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި، ޔޫސުފް ނައީމުގެ މައްޗަށް ކުރާ ދައުވާވެސް، ރައީސް ޔާމީނަށް ކުރާ ދައުވާއާއެކު މިއަދުވެސް ކުރިއަށް ގެންދިޔައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި، އެގޮތަށް ނިންމުމުގެ ކުރިން އެ މައްސަލަ ބައްލަވާ ޣާޒީ، އަހުމަދު ޝަކީލު ވަނީ މައްސަލައާ ގުޅޭ ދެ ފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައިފައެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އާރަށު މައްސަލައިގައި ރައީސް ޔާމީން ނުފޫޒު ފޯރުއްވައި، ރިޝްވަތު ނެންގެވި ކަމަށް ދައުވާކުރި ނަމަވެސް، އެ ރަށް ކުއްޔަށް ދީފައި ވަނީ އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ޔާމީނަށް ލިބިވަޑައިގަތް ފައިސާ ކަމަށް ވާތީ، އެ ފައިސާ ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑާ ކުރުން ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ނެގުމާއި ޔޫސުފް ނައީމާއި ޔާމީނާ ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތުގައި ގުޅުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ޝަކީލު ވިދާޅުވީ މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ. އެހެންކަމުން މި ދައުވާގައި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމަށް އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމަވައިފައެވެ.