ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބާއްވަން އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ހުއްދަ ނުދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ބޮޑުވެފައިވަނިކޮށް ޕީޕީއެމް/ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އާދަމް ޝަރީފު މިރޭ ވަނީ އެ ކޯލިޝަނަށް ދަރުސް ބޭއްވުމުގެ ހުއްދަ ނުދިން މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސްކުރައްވައި އާދަމް ޝަރީފު ފޮނުއްވި ސިޓީގައި ވަނީ، ޕީޕީއެމް އާއި ޕީއެންސީއަކީ ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕްރޮގްރާމް ގަވާއިދުން ހިންގަމުންދާ ޕާޓީތަކެއް ކަމަށެވެ. މި ރަމަޟާންމަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރައްވާ ކަމަށް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވި ކަމަށް ނޫސްތަކުން އާންމު ކުރުމާ ގުޅިގެން، ޕީޕީއެމްގެ ފަރާތުން ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއަށް މިމަހުގެ ހަ ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ.
އެ ސިޓީއާ ގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން، ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޯނުން ގުޅުއްވައި ވިދާޅުވި ކަމަށެވެ. މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު އަދާލަތު ޕާޓީން ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ބޭއްވި ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
މިސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އާދާލަތު ޕާޓީއަށް އެ ފުރުސަތު ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބު ނުދެއްވުމާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުއްވަނީ ކީއްވެގެންތޯ އާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައި ދެއްވުން އެދޭ ކަމަށް ނަޝީދަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަދާލަތު ޕާޓީން ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސްވަނީ ބާއްވާފަ. އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް ވިދާޅުވިނަމަވެސް، އަދާލަތު ޕާޓީއަށް އެ ފުރުސަތު ދެއްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފަ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ދަރުސްތައް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކުރުމުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެކަމަށް ވަނީ ސިޓީއަކުން އެދިފައެވެ. ނަމަވެސް އެ ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕު ޖަހާފައިވުމުން މިނިސްޓްރީން ހުއްދަދީފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު