ޖަރާސީމުން ތަޣައްޔަރުވެފައިވާ "ވޭސްޓަޖެން ސްޕައިސަސް އެންޑް ސޯސަސް ބީވީ" ބުރޭންޑުގެ "ހާބަލް މިކްސްޑް" ދިވެހި ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ވޭސްޓަޖެން ސްޕައިސަސް އެންޑް ސޯސަސް ބީވީ" ބުރޭންޑުގެ "ހާބަލް މިކްސްޑް" ("Verstegen spices & sauces BV") ބުރޭންޑުގެ "ހާބަލް މިކްސްޑް" ދިވެހި ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާ އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ނެދަލޭންޑްސްގެ އުފެއްދުމެއް ކަމަށާއި މިތަކެތި އެކްސްޕޯޓު ކޮށްފައިވަނީ ނެދަލޭންޑުގެ ކުންފުންޏެއް ކަމަށްވާ "އެންއެލް ފުޑް ބީވީ" ("NL Food BV") ކުންފުނިން ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފަ އެވެ.
އެހެން ކަމުން އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން މި އުފެއްދުން ބޭނުންކޮށް ވިއްކުން ވަނީ މަނާކޮށްފަ އެވެ.