ލައިފް ސްޓައިލް

ރޯދަމަސް: ވީއްލާ ސުފުރާއިން ހާރު ސުފުރާއަށް ދުޅަހެޔޮ އާދަތަކެއް ގެންގުޅެމާ!

އަބަދުވެސް ރޯދަމަހަކީ އަހަރުގެ އެހެނިހެން ދުވަސްތަކާ ހިލާފަށް ކޮންމެ ގެއެއްގެވެސް ސުފުރާމަތި ވަރަށް ތިޔާގި އެހާމެ ތަފާތު މަހެކެވެ. މޭވާއާއި ތަރުކާރީއިން ފެށިގެން ބަނަހާއި ރޮށި، ބަތްވެސް އާންމު ދުވަސްތަކާ ތަފާތުކޮށް ސުފުރާއަށް އެރުވުމަށް ސަމާލުކަންދެވެއެވެ. ދިވެހިންނަކީ އާންމުކޮށް ހެދިކާގެ ބާވަތްތަކާއި ޕިއްޒާ، ބާރގާ، ސަބްމެރިން، ފަރާޓާގެ އިތުރުން ތެލުލި ވައްތަރުތަކާއި ކުޅިރަހަދޭ ހަވާދުސޯސްގެ ރަހަ ކަމުދާ ބައެކެވެ. އަވަށްޓެރި އިންޑިޔާ ލަންކާގެ ރަހަތައްދެކެ ދިވެހިން ލޯބިކުރެއެވެ. އެހެންނަމަވެސް މިގޮތަށް ކެއުމުގެ ކަންތައް ދޫކޮށްލެވިއްޖެނަމަ ރޯދަމަހުގެ މީރުރަހަތަކުގެ ތެރޭގައި ސިއްހަތާއި ހަށިގަނޑުގެ ދުޅަހެޔޮކަންވެސް ނެތިހިނގައިދާނެއެވެ.

އާންމުކޮށް ރޯދަމަހު ވައިގެ މައްސަލަތަކާއި ފެންމަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ގިނަވެއެވެ. ދުވާލުގެ ހުރިހާ ވަގުތަކު ކެއިން ބުއިމާ ދުރުވެ ރޭގަނޑު ކައިބޮއި ހަދާ ތަކެތީގެ މަތީގައި ހަށިގަނޑު ގެންގުޅެން ޖެހޭތީ މިފަދަ މައްސަލަތައް ދިމާވުން އާންމުވެދެއެވެ. ރޯދަމަހު ހަށިގަނޑަށް ލިބޭ ފައިދާ ނުވަތަ ގެއްލުން ބިނާވަނީ ހުސްބަނޑާ ނުވަތަ ގޮހޮރު ހުސްކޮށް ހުއްޓާ އިރުއޮއްސުމުން ނަގާ ނާސްތާއާއި ތަރާވީހު ގަޑި އަދި ހާރުދަމުގެ ސުފުރާއިން ކެވޭ ތަކެތީގެ މައްޗަށެވެ. އެންމެ މުހިންމު ކެއުމަކީ އިރުއޮއްސުމުން ރޯދަވީއްލުމަށްފަހު ކާތަކެއްޗާއި ރޭގަނޑުގެ ފަހުދަމުގެ ހާރުކެއުމެވެ. ތަރާވީސްދަމުގެ ކެއުން މުހިންމު ވާ ސަބަބުތައްވެސް ގިނައެވެ. ފަހަކަށް އައިސް ވަގުތު ކުރުވެފައި އޮތުމުން ރޭގަނޑުގެ ކެއުމުގެ ތާވަލަށް ކުޑަ ބަދަލެއް ގެނެސްގެން ކުރިއަށް ގެންދެވިއްޖެނަމަ ތިންއިރުގެ ކެއުން ދެއިރަށް ބަދަލު ކުރުންފަދަ ކަމަކުން ލިބޭ ފައިދާތައް ގިނަކުރެވިދާނެއެވެ.

ރޯދަ ވީއްލުމުގެ ސުފުރާ ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ގެންދަމާ

ރޯދަ ވީއްލާ ވަގުތުގެ ސުފުރާއަކީ އެންމެންހެން ހާއްސަ ސަމާލުކަމެއްދީގެން ތައްޔާރު ކުރާ ސުފުރާއެކެވެ. އެހެންނަމަވެސް މިސުފުރާމަތި ވީހާވެސް ސިއްހަތަށް ފައިދާހުރި ލުއި ގޮތަކަށް ގެންދިއުމަކީ އެންމެ ހަށިގަނޑަށް ލުއިވާނެ، އަދި ބަނޑަށް އުނދަގޫވެ ވައިގެ މައްސަލަތަކުން ދުރުވުމަށްވެސް އޮތް ހައްލެވެ.

އެންމެ ފުރަތަމަވެސް ރޯދަވީއްލުމަށް ތާޒާ، އެއްވެސް އެހެން ބާވަތަކާ އެއްކޮށްފައި ނުވާ ކަދުރު އަދި ސާފު ބޯފެން ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ. ކިރުގެ ބާވަތްތަކާއި ސަރުބަތަކީ މެއަށް ފިނިކޮށްދޭނެ ބާވަތްތަކެކެވެ. އަދި ސާގަކީވެސް ގިނައިރު ހުސްގޮހޮރާ ހުރެފައި ބޭނުން ކުރަން އެންމެ ކަމުދާ ރަނގަޅު އެކައްޗެވެ.

ލުއިގޮތަކަށް ރޯދަ ވީއްލުމަށްފަހު އިރާކޮޅު ކެއުމުގައި ރޯތަރުކާރީ އާއި ފެހިފަތުގެ އިތުރުން ފެންގިނަ ބާވަތްތައް ހިމަނާށެވެ. ފެހި މޭވާއާއި ތާޒާ މޭވާގެ ބާވަތްތައް ސުފުރާމަތި ފަޅުފިލުވަން ބޭނުންކުރާށެވެ. އޯޓްމީލް، ބްރައުން ރައިސް ފަދަ ވައްތަރެއް ބޭނުން ކުރުން ބުއްދިވެރިއެވެ. ވަރުގަދަ ބަތްގަނޑުގެ ބަދަލުގައި ލުއި ގޮތަކަށް ބްރައުން ރައިސް ނުވަތަ ހުދުހަނޑުލުން ވިޔަސް މާ ގިނަ ނޫން ވަރަކަށް ހުރުން އެއީ ރަނގަޅު ގޮތެކެވެ. އެބަތްކޮޅާއެކު ކެއުމަށް ތަރުކާރީއާއި މޭވާގެ ވައްތަރުތަކާއެކު ފަތުގެ ބާވަތްތައް ހުރުން ހަމަ އެއްވަނައެވެ. ރޮށި ނުވަތަ ބަނަހުގެ ބަދަލުގައި ފެންފޮޅީގެ ނުވަތަ ކިރުފޮޅީގެ ދޭއް ނޫނީ އާޓާފުށުގެ ރޮށްޓެއް ނުވަތަ ބްރައުންބްރެޑްގެ ދެފޮތި ޕާން ހިމެނިދާނެއެވެ. އެއްގަމުމަހާއި ކަނޑުމަސް އަދި ފަރުމަސްވެސް އެއީ މުހިންމު ބާވަތްތައްކަން ހަނދާން ބަހައްޓަން ވާނެއެވެ. އެކަމަކު މަސް ހެދުމުގައިވެސް ހަވާދު ނުވަތަ އެކި ކަހަލަ ވަރުގަދަ ސޯސްގަނޑުތައް ހިމެނުމަށްވުރެ އެބައި މަދުކޮށް ލުއި ގޮތަކަށް މަސް ހެދުންވެސް މުހިންމެވެ.

މިސުފުރާގެ ބުއިންތަކަކީ އެންމެ ސަމާލުކަން ދޭން ޖެހޭ ބުއިންތަކެވެ. ކަރާފަންޏަކީ ރޯދަމަހުގެ ކުލައާއި ރަހަ ފެންނަ ބުއިމެވެ. ހަކުރު މަދުކޮށް މާނައަކީ ފޮނިރަހަ މަޑުކޮށް މޭވާގެ ރަހަ ގަދަކޮށް ތާޒާ މޭވާ ޖޫސް ހިމަނާށެވެ. ގިނަ ވަގުތު ކަރުހިއްކައިގެންފައި ހުރެ އަރުތެރެ ތެންމާލާ ވަގުތުކަމުން މިގަޑީގައި ފެނުގެ ތާޒާކަން ލިބޭ ބުއިންތައް އަދި މޭފިނިކޮށްދޭ ބުއިން އެންމެ އެކަށީގެންވާނެއެވެ. ޖުމްހޫރީމޭވާ، ކްރޭންބެރީސް، ބްލެކްކަރަންޓް، ފަދަ ބާވަތްތައްވެސް ހިމެނިދާނެއެވެ.

މިސުފުރާ ވީހާވެސް ތެލާއި ކާބޯހައިޑްރޭޓްސް އަދި ފެޓްސް އިން ދުރުކުރުމަށް ސަމާލުކަން ދޭށެވެ.

ތަރާވީސްދަމަށް ލުއި ކޮށްފައި ހާރުދަމުގައި ބަތްޕެންފަދަ ބާވަތްތައް ހިމެނިދާނެ

ތަރާވީސް ދަމުގައި ހަށިގަނޑަށް ލުއި ބާވަތްތައް ބޭނުން ކުރުން މުހިންމެވެ. ފޮނިގަދަ ބާވަތްތަކާއި ކުޅި އަދި ތެލުގެ ވައްތަރުތަކާ ދުރުވެ ވީހާވެސް ލުއި ފަސޭހަ ގޮތަކަށް މިގަޑީގެ ސުފުރާ ބަހައްޓާށެވެ. ރަވާގައި ތައްޔާރުކުރާ ރަވާބޯކިބާ ސޫޖީ ފަދަ ތަކެތި ނުވަތަ ކަނދިފަދަ ކެއްކުންތަކުގައި ފޮނިވީހާވެސް މަޑުކޮށް އޭގައި ތާޒާމޭވާގެ ރަހަ ލައްވައިގެން ހެދިދާނެއެވެ.

ރޭގަނޑުގެ ފަހުދަމުގައި ނިދިން ތެދުވެ ނުވަތަ ރޭއަޅުކަން ދަމުނަމާދުން ނިމިގެން ހާރުކެއުމަށް ސުފުރާއަށް އާދެވެއެވެ. މިގަޑީގެ ކެއުމަކީވެސް ވަރަށް މުހިންމު ކެއުމެކެވެ. އެހެން ހުރިހާ ފަހަރަކަށްވުރެ މިގަޑިއަށް ސަމާލުވާން ޖެހެއެވެ. ސަބަބަކީ އަނެއް ދުވަހު ހަތަރުދަން ބިނާވަނީ މިގަޑީގެ ކެއުމަށްކަމަށް ވާތީއެވެ. ބަތާއި ރޮށްޓާއި ރިހައިގެ ބަދަލުގައި ފިހުނުމަހާއި ރޯތަރުކާރީ ހިމަނައިގެން ލޮނުރަހަ ހެޔޮވަރުގެ ކުޑަބަތްކޮޅެއް ނުވަތަ ތެޔޮމަދުކޮށް ފިހެފައިވާ އެއް ރޮށި ނުވަތަ ދެރޮށިން ކެއުން ހަމަޖައްސާލުން ބުއްދިވެރިއެވެ. މިގަޑީގެ އެންމެ ފަހުގެ އެއްޗަކަށް ބަތްޕެން ބޭނުން ކުރުން ރަނގަޅުވާނެއެވެ. ސަބަބަކީ ބަތަކީ މިގޮތަށް ހެދިފައި ހުންނައިރު އޭގެ ފެންގަނޑުގެ ސަބަބުން ބަތަށް ފެން ވަދެ ފޯވެފައި ހުރުމުން އަދި އެއަށް އެޅޭ ކިރު ނޫނީ ދިޔާ ހަކުރުގެ ރަހައިން މުޅި މީހާ ތާޒާ ކުރުވާ ވައްތަރެކެވެ. އަދި ހަމައެހެންމެ މިއަދާ ހަމައަށް ކުރެވުނު ދިރާސާތަކަށާއި އަމިއްލަ ތަޖުރިބާއަށް ބަލަންޏާ ބަތްޕެންކީ މުޅިންވެސް ހައްތާވެސް ހަކަތައެވެ. ޖެހިގެން އަންނަ ދުވަހުގެ ރޯދަ ވަރަށްވެސް ގަދަވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.