Close
ދުނިޔެ

އަދުގެ ދުނިޔެ: އިމްރާން ޚާން ކުއްލިޔަކަށް އިންޑިޔާއަށް ތާރީފުކުރައްވަން ފެއްޓެވީ ކީއްވެގެން؟

އިމާދު ލަތީފު

ޕާކިސްތާނުގެ ލީޑަރެއްގެ ފަރާތުން އިންޑިޔާއަށް ތައުރީފުގެ ބަހެއް އިވުމަކީ ވަރަށް ނުވާކަމެކެވެ. އެފަދަ ބަހެއް އިވިއްޖެނަމަ އޭގެ ފަހަތުގައި ބޮޑު ސަބަބެެއް އޮވެއެވެ. ބޮޑުވަޒީރު އިމްރާން ޚާން ފަހަކަށް އައިސް އިންޑިޔާއަށް ތައުރީފުކުރައްވާން ފެއްޓެވުމުން މިކަމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިކަމުގެ ސުވާލު ވަނީ އުފެދިފައެވެ. އިމްރާން ޚާނަށް ޕާކިސްތާނުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ޕްރެޝަރު މިހާރު ވަނީ ކުރިމަތިވެފައެވެ. ވެރިކަން ގާތްގަޑަކަށް އޮތީ ގެއްލިފައެވެ. މިދަނޑިވަޅުގައި އިންޑިޔާއަށް ތައުރީފު ކުރެއްވުމުގެ ފަހަތުގައި ސަބަބުތަކެއް ހުންނާނެއެވެ. ކޮންމެ ސަބަބެއް އޮތަސް އެކަން ވެގެންދާނީ އިތުރު މައްސަލަޔަކަށެވެ. އިންޑިޔާއަށް ތައުރީފުކުރުމަކީ ޕާކިސްތާނުގައި ސިޔާސީ މަންފާއެއް ލިބޭކަމެއް ނޫނެވެ. އެއީ ސިޔާސީގޮތުން ކަތިލެވޭ ކަމެކެވެ.

އިމްރާން ޚާނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ވަނީ ގެއްލިފައެވެ. އިތުބާރުނެތް ކަމުގެ ވޯޓެއް މިމަހުގެ ތިންވަނަ ދުވަހު ނަގަން އުޅުމުން އެކަމަށް އިމްރާން ވަނީ ހުރަސް އަޅުއްވައިފައެވެ. އަދި ރައީސް ޑރ.އާރިފު އަލްވީއަށް އަންގަވައިގެން ޕާލަމެންޓްވެސް ވަނީ އުވާލައްވައިފައެވެ. މަރުކަޒީ ކެބިނެޓްވެސް ވަނީ އުވައިލައްވައިފައެވެ. މިހެން މިކަން ކުރެއްވުމުން އިދިކޮޅު ޕާޓީތަކުން ހޯހޯއޭ ގޮވައި ސްޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން ތިން ހަތަރު ދުވަހު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު ސްޕްރީމްކޯޓުން ވަނީ އިމްރާން ޚާނުގެ ނިންމެވުންތަކަކީ ޣައިރުގާނޫނީ އަދި ޣައިރުދުސްތޫރީ ނިންމެވުންތަކެއް ކަމަށް ހުކުމްކޮށްފައެވެ. އުވައިލެވުނު ޕާލަމެންޓާއި ކެބިނެޓްވެސް ސްޕްރީމްކޯޓުން ވަނީ އަލުން ރުޖޫއަކޮށްފައެވެ. މިއީ އިމްރާނަށް ނުހަނު ބޮޑުވެގެންވާ ނާކާމިޔާބީއެކެވެ.

ސްޕްރީމްކޯޓުގެ ހުކުމާއި ގުޅިގެން އިމްރާންގެ ވެރިކަން އެއޮތީ ގާތްގަޑަކަށް ނިމިފައެވެ. އިތުބާރުނެތްކަމުގެ ވޯޓަށް ހުރަސް ނޭޅޭނެކަމަށް ނިންމައި އެވޯޓު ހޮނިހިރުދުވަހު ނުވަތަ އާދީއްތަ ދުވަހު ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ހުކުމާއި ގުޅިގެން ހުކުރުދުވަހުގެރޭ އިމްރާނު ވަނީ ގައުމާ މުޚާތަބު ކުރައްވައިފައެވެ. ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރައްވަމޭ އަދި ކުރައްވާނަމޭ ވިދާޅުވިއެވެ. އެކަމަކު އަމަލުން އެކަމެއް ނުފެނެއެވެ. ހޮނިހިރުދުވަހު ހެނދުނު ވޯޓު ނަގަން އުޅުނީމާ އެކަމެއް ނުވިއެވެ. މެންދުރުފަހު ވޯޓެއް ނަގަން އުޅެގެން އެކަމެއްވެސް ނުވިއެވެ. ދެން ހޮނިހިރުދުވަހުގެރޭ އެވޯޓު ނަގަން އުޅެގެން އަދިވެސް ކުރިއަށް ދެވޭގޮތެއް ނުވެއެވެ. ސަރުކާރުން ކޮންމެވެސް ގޮތަކުން ކޮންމެވެސް ހުރަހެއް އަޅާތީއެވެ.

ކޮންމެ ވަގުތެއްގައި ވޯޓުނެގިޔަސް އެވޯޓުން ސަރުކާރު ވެއްޓޭނޭކަން ކަށަވަރެވެ. އަޣުލަބިއްޔަތު އޮތީ މިވަގުތު އިދިކޮޅަށެވެ. އިމްރާން ތުހުމަތު ކުރައްވާ ގޮތުގައި މިކަމަކީ ރިޝްވަތުގެ ތެރެއިން ކުރެވޭ ކަމެކެވެ. އޭނާގެ ސަރުކާރު ވައްޓާލަން އުޅެނީ އެމެރިކާއިންނެވެ. ސަރުކާރު ވައްޓާލާފައި ދެން ގެންނަން ބޭނުންވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒު ޝަރީފުގެ ސަރުކާރެކެވެ. މިސަރުކާރަކީ އެމެރިކާއިން ޕާކިސްތާނަށް އެކްސްޕޯޓްކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ އެކަމަށް ހުރަސްއެޅުމަށް ރައްޔިތުން އިހުތިޖާޖު ކުރުމަށްވެސް އިމްރާން ވަނީ ގޮވާލައްވައިފައެވެ. އިމްރާން ތުހުމަތު ކުރައްވާގޮތުގައި އޭނާގެ ވެރިކަން ނިންމައިލަން އެމެރިކާއިން ބޭނުންވަނީ ރަޝިޔާއާ ގާތްގުޅުމެއް ބާއްވާތީއެވެ. ރަޝިޔާ ކުށްވެރިކޮށް އެކަހެރިކުރަން ތާއީދު ނުކުރާތީއެވެ. މިނިވަން މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީއެވެ.

ރަޝިޔާގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ އެމެރިކާއިން ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކާއި ގުޅިގެން އިމްރާނުގެ ސަރުކާރު ވައްޓައިލުމަށް މަސައްކަތްކުރާ ސަބަބުކަމަށް އިމްރާން ވިދާޅުވާއިރު އަވަށްޓެރި އިންޑިޔާއިންވެސް ގެންގުޅެނީ ހަމަ އެސިޔާސަތެވެ. އެކަމަކު އިންޑިޔާގެ ސަރުކާރު ވައްޓައިލަން އެމެރިކާއިން މަސައްކަތެއް ނުކުރެއެވެ. ނުވަތަ ކުރާތީއެއް ނުފެނެއެވެ. އިންޑިޔާއަށް ތައުރީފު ކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ޚާރިޖީ ސިޔާސަތު އެއްވަނައޭ އިމްރާނު އެވިދާޅުވަނީ އިންޑިޔާގެ ތާއީދު ހޯއްދެވުމަށް ކަމުގައިވެދާނެއެވެ. އެކަމަކު މައްސަލަޔަކީ ޕާކިސްތާނުގެ އެތެރޭގެ މައްސަލައެކެވެ. އެކަމުގައި އިންޑިޔާއަށް އަދާކުރެވޭނޭ އެއްވެސް ދައުރެއް ނެތެވެ. އިމްރާނުގެ މަގާމު ދިފާއުކޮށްދިނުމަށް މޯޑީއަށް ކުރެއްވޭނޭ ކަމެއް ނެތެވެ.

އިންޑިޔާގެ ޚާރިޖީ ސިޔާސަތާމެދު އިމްރާން ވިދާޅުވީ ދުނިޔޭގެ މައްސަލަތަކާމެދު އިންޑިޔާއިން ވިސްނުން ގެންގުޅެންވީގޮތް ކިޔައިދޭން ކެރޭ އެއްވެސް ބަޔަކު ނެތްކަމުގައެވެ. އެމެރިކާއަށްވެސް އަދި ޔޫރަޕުގެ އިއްތިހާދަކަށްވެސް އިންޑިޔާއަށް ފާޑުކިޔައި ގޮތްދައްކާން ނުކެރޭކަމުގައެވެ. އެހެންއެވަނީ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީ ކަމަށާއި ބަޔަކު ބުނާހާ ވާހަކައެއް އަޑުއަހައި ތުރުތުރުއެޅުން ނުގެންގުޅޭތީ ކަމަށް ވިދާޅުވިއެވެ. ޕާކިސްތާނުވެސް މިކަމުގައި ފިލާވަޅު ލިބިގަންނަންވީ އިންޑިޔާގެ ކިބައިން ކަމަށް ވިދާޅުވިއެވެ. އިމްރާނުގެ މިވިދާޅުވުމަށް ޕާކިސްތާނުގެ އިދިކޮޅުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒު ވިދާޅުވީ އިންޑިޔާ ދެކެ އެހާ ރުހެންޏާ އިމްރާނު އިންޑިޔާއަށް ވަޑައިގަންނަވަންވީ ކަމުގައެވެ. ޕާކިސްތާނުގެ ރައްޔިތުން މިހާރު އެދެނީ އެގޮތް ކަމުގައެވެ.