ކަރަންޓުގެ ލުއިފަސޭހަކަމާއި ގޭހުގެ ލުއިކަން އާއްމުވުމުގެ ކުރީގައި ދިވެހިން ބައްތިޔާއި ފާނޫޒު ދިއްލައި އުޅުނީ ސާފު ތެލުންނެވެ. ގޭސް އުނދުން އާއްމުވުމުގެ ކުރީގައި ބޭނުންކުރީ ދަރެވެ. އެއަށްފަހު ތެޔޮއުނދުނެވެ. ތެޔޮ އުނދުނަށް ބޭނުންކުރީ ސާފުތެލެވެ. ސާފުތެލޭ ކިޔަނީ ސާފު މަށިތެލަށެވެ. ބޭރުބަހުން އެއީ ކަރާސީނު ތެލެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައިވެސް ކިޔަނީ ކަރާސީނު ތެލެވެ. އެތެލުން ކުރަމުން އައި ބޭނުން މިހާރުވަނީ މާޟީއާއެކުވެފައެވެ. ރާއްޖެއެކޭ އެއްފަދައިން ސާފުތެލުން ކުރަމުން އައި ގިނަ ކަންކަން އަވަށްޓެރި ގައުމުތަކުގައިވެސް މާޟީއާއެކުވެއްޖެއެވެ. އެހެންނަމަވެސް ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ތެރެއިން ސާފުތެލުގެ ޑިމާންޑް ވަނީ ބޮޑުވެފައެވެ. ދިރިއުޅުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ އެއްޗަކީ އެއީކަމަށް ވެއްޖެއެވެ.

ސްރީލަންކާގައި މިހާރު ތެލުގެ ކޮންމެ ބާވަތެއްގެ އަގުވެސް ކުރިއަށްވުރެ އެތައް ގުނައެއް ބޮޑެވެ. އެންމެ އަގުހެވީ ސާފުތެލެވެ. އެއީ ބައްތި ދިއްލުމަށާއި ކައްކާ އުނދުނުގައި ބޭނުންކުރާ ތެލެކެވެ. ސާފުތެޔޮ ލީޓަރެއްގެ އަގަކީ އެތަނުގެ 87 ރުޕީސްްއެވެ. ސާފުތެލަކީ މިހާރު ލަންކާގެ ފަގީރުންގެ ދިރުމެވެ. ވިންދެވެ. ދަނޑުވެރީންނާއި މަސްވެރީންނާއި ސަހަރުތަކުގައި ދިރިއުޅޭ އެންމެ އާދައިގެ މީހުންގެ ދިރިއުޅުމުގައި އެންމެ ބޮޑަށް ބަރޯސާކުރަންޖެހޭ އެއްޗަކީ ސާފުތެލެވެ. އުނދުނުގައި ބޭނުންކުރަނީ އެޔެވެ. ފާނޫޒާއި ބައްތި ދިއްލަނީ އެއިންނެވެ. މަސްވެރިން އެމީހުންގެ ކުދިކުދި އުޅަނދުތައް ދުއްވަނީވެސް އެއިންނެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. ކޮންމެ ދުވަހަކު ތޭރަގަޑިއިރު ކަރަންޓު ކަނޑާތީ ކަރަންޓަށް ބަރޯސާއެއް ނުކުރެވެއެވެ. ގޭހުގެ އަގުބޮޑުވީމާ ގޭސް ލިބޭނޭ ގޮތެއް ނެތެވެ.

ސްރީލަންކާގެ ފުރާނަޔަކީ މިވަގުތު ސާފުތެޔޮކަމަށްވާއިރު، އަދި އަތްފޯރާފަށުގައި ލިބެންހުރި ތެލަކީ އެއީކަމަށްވާއިރު އެތެޔޮ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ތެޔޮވިއްކާ ތަންތަނުގެ ބޭރުގައި ދާމާލެވިފައިވާ ސަފުތައް ވަރަށްވެސް ދިގެވެ. ވަކިވަގުތެއް ނެތިއެވެ. ފަތިހުފަތިހާ ގޮސް ކިޔޫގައި ޖެހުނަސް އަށެއްކަ ގަޑިއިރުން ނޫނީ ލީޓަރެއް ދެލީޓަރެއްގެ ތެޔޮ ނުލިބެއެވެ. ތެޔޮ ގަންނަންދާ ދުވަހެއްގައި އެނޫން އެހެންކަމަކަށް ވަގުތެއް ނުލިބެއެވެ. ތެޔޮ ގަތުމަށްޓަކައި ކިޔޫގައި ޖެހެންޏާ އެދުވަހު ދިރިއުޅުމުގެ އެހެން މަސައްކަތެއް ނުކުރެވެއެވެ. އާމްދަނީ ހޯދުމުގެ އެހެން ކަމެއްގައި ބައިވެރިއެެއް ނުވެވެއެވެ. ރަތްދަކައަވީގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނީމާ ތެލާއި ހަމަޔަށް އަދި ނުދެވެނީސް އަނބުރައިގަނެގެން ވެއްޓޭ މީހުންނާއި ހަސްފަތާލަށް ގެންދަންޖެހޭ މީހުންވެސް މަދެއް ނޫނެވެ.

ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ފެށުމުގެ މާކުރިންވެސް ސްރީލަންކާ އޮތީ ތެލަށް ޖެހިފައެވެ. ތެޔޮ އެތެރެކުރުމަށްޓަކައި ބޭނުންވާ ބޭރުފައިސާ ނެތިގެންނެވެ. ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ވެގެންދިޔައީ ރިހޭފައިގެ މައްޗަށް ވެއްޓުނު ބަރުވެގެންވާ ފޮއެއްކަމުގައެވެ. ތެލަށް ޖެހުނު ކަމަށްވިޔަސް ކަޅުބާޒާރާއި އެނޫން ބާޒާރުތަކުގައިވެސް ފައިސާހުރި މީހުންނަށް ބޮޑު އަގުގައި ކޮންމެވެސް މިންވަރަކަށް ތެޔޮ ލިބެއެވެ. ފާއިތުވި ދޮޅުމަހަށް ބަލާއިރު ޑީސަލާއި ކަރާސީނުގެ އަގު ވަނީ ދެގުނަ އުފުލިފައެވެ. ކައްކާ ގޭހުގެ އަގުވަނީ ތިންގުނަ އުފުލިފައެވެ. އެހެންވީމާ ސާފުތެލަށް އޮތް ޑިމާންޑު ކުރިޔަށްވުރެވެސް އިތުރުވެގެންދިޔައީއެވެ. ކިޔޫތައް ބޮޑުވީއެވެ. ކޮންޓްރޯލް ބޮޑުވީއެވެ. އުފުލާންޖެހޭ ތަކުލީފުތައް ބޮޑުވެ ރައްޔިތުންގެ ރުޅިވެރިކަންވެސް އިތުރުވީއެވެ.

އެންމެ ކުޑަ ގޭސްފުޅިއެއްގެ އަގުވެސް މިހާރު ހަތަރުހާސް ރުޕީސްއަށްވުރެ މައްޗެވެ. ފައިސާގެ އަގު ވެއްޓި ރޮކެޓެއްގެ މިސާލުގައި އިންފްލޭޝަން މައްޗަށް އަރައިގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ އަސާސީ ތަކެތީގެ އަގުގެ ފަހަތަށް މަދުވެގެން އެއްސުން ނޫނީ ދެސުން އިތުރުވީމާ މުސާރަކޮޅުން ދެކޮޅުޖެއްސުން މުސްތަހީލުކަމަކަށް ވަނީ ވެފައެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ވާނުވާ ނޭނގޭ ބަޔަކާއި ގައުމުގެ ހުންގާނު ހަވާލުކުރުމުގެ ނަތީޖާއެވެ. ސާފުތެޔޮ ގަތުމަށްޓަކައި ކިޔޫގައި ތިބޭ ގިނަ މީހުންނަކީ ކަޅުބާޒާރުގައި ތެޔޮ ވިއްކުމަށްޓަކައި ވިޔަފާރީގެ އެދުމުގައި ތިބޭ ބަޔެއްކަމަށް ސަރުކާރުން ސިފަކުރާ ކުރުމަކީވެސް ރުޅިވެރިކަން އިތުރުވެފައިވާ ސަބަބެކެވެ. ދޭތެރެދޭތެރެއިން ފުލުހުންގޮސް މުގުރު ބޭނުންކޮށްގެން މީހުން ތަޅައި ރޯނާގަންނަވާ މައްސަލަ ވަރަށްވެސް ބޮޑެވެ.

ސްރީލަންކާގެ ޖުމްލަ އާބާދީއަކީ ގާތްގަޑަކަށް ބާވީސް މިލިޔަން ކަމަށްވާއިރު އޭގެތެރެއިން ދެ މިލިޔަނަކީ މުސްލިމުންނެވެ. އެއީ އާބާދީގެ ގާތްގަޑަކަށް ނުވަ އިންސައްތައެވެ. ކުރިއަށް މިދަނީ މުސްލިމުންގެ ރޯދަމަހެވެ. ސްރީލަންކާގައި ރޯދަމަސް ފެށުނީ އެޕްރީލް ދޭއްގައެވެ. ރޯދަޔަށް ތިބެގެން އެއްކަލަ ދިގު ކިޔޫތަކުގައި ރަތްދަކައަވީގައި އަށެއްކަ ގަޑި ހޭދަކުރުމަކީ މުސްލިމުންނަށް ވަރަށްވެސް ބޮޑު ވޭނެކެވެ. އެކަމަކު ކިޔޫއަށް ދިޔުން ނޫން އެހެން ގޮތެއް ނެތެވެ. މިތަދުމަޑުކަމާއި މި މުސީބާތުގެ ތެރޭގައި އެހެން ހުރިހާ ބަޔަކަށްވުރެ މުސްލިމުންގެ ހާލު ދެރައެވެ. އެހެން ހުރިހާ ބަޔަކަށްވުރެ މުސްލިމުންގެ ޝަކުވާތައްވެސް ގިނައެވެ. މިޝަކުވާތަކުގެ އަޑުއަހާ އިދާރާއެއް ވެސް ވެރިޔަކުވެސް ހުރިކަމަކަށް ނުފެނެއެވެ. މުސްލިމުން އެންމެ ގިނައީ އިރުމަތީގެ ހިސާބުތަކުގައެވެ.

ސާފުތެޔޮ ވިއްކާ ތަންތަނުގެ ބޭރުގައި ސަފުތައް ދިގުވެ ހަމަނުޖެހުންތައްވެސް ހިނގަމުންދާއިރު މިމައްސަލަ އިތުރަށް ސީރިއަސްވުމަށް މެދުވެރިވެފައިވަނީ ކޮންމެ މީހަކަށްވެސް ތެޔޮ ވިއްކާ މިންވަރު ވަކި ވަރެެއްގައި ކޮންޓްރޯލްކޮށްފައި އޮތުމުންނެވެ. މިހެން މިކަން އޮތީމާ ހަމަ ކޮންމެ އާއިލާއަކުންވެސް އެކަކު ކޮންމެ ދުވަހަކުވެސް މިއިން ސަފެއްގައި ވަގުތު ހޭދަކުރަންޖެހެއެވެ. އެކަކު ދެދުވަހެއްގައި އެއްސަފަކުން ފެނިއްޖެނަމަ އެމީހަކީ ކަޅުބާޒާރުގައި ވިޔަފާރިކުރާ މީހެއްކަމަށް ތުހުމަތުކުރެވޭގޮތްވެއެވެ. ކޮންމެއަކަސް މިއީ މިއަދު ލަންކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތެވެ. މިހާލަތު މެދުވެރިވުމުގެ ސިއްރަކީ ސަރުކާރުގެ ދޯހަޅިކަމެވެ. އެކަމަކު ރައީސް ގޮޓާބެ އެހުންނެވީ ޒިންމާ ނަންގަވާ ގޮތަކަށް ނޫނެވެ. ފަސޭހައިން ވެރިކަން ދޫކޮށްލައްވާ ގޮތަކަށްވެސް ނޫނެވެ.